Roadha Mihaaru
ބާރަށުގެ ކާނި ގަހުގައި ރޯކޮށްލި މައްސަލަ ޕޮލިހަށް

ބޮޑުތަކުރުފާނަށް ނިސްބަތްވާ ކާނި ގަހުގައި ރޯކޮށްލި މައްސަލަ ޕޮލިހަށް

28 ފެބުރުއަރީ 2024

ކަޅުއޮށްފުންމީގެ ރިޔާ ފެހުމަށް ބޮޑުތަކުރުފާނު ހއ. ބާރަށުގައި ޖެއްސެވި ކަޑައިން ހެދުނު ކަމަށް ބުނާ ކާނި ގަހުގައި ބަޔަކު ރޯކޮށްލި މައްސަލަ ބަލައިދޭން އެދި ފުލުހުންގެ އިދާރާ އަށް މިއަދު ހުށަހަޅައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކަޅުއޮށްފުންމީގެ ރިޔާ ފެހުމަށް ބޮޑުތަކުރުފާނު ހއ. ބާރަށުގައި ޖެއްސެވި ކަޑައިން ހެދުނު ކަމަށް ބުނާ ކާނި ގަހުގައި ބަޔަކު ރޯކޮށްލި މައްސަލަ ބަލައިދޭން އެދި ފުލުހުންގެ އިދާރާ އަށް މިއަދު ހުށަހަޅައިފި އެވެ.

ބާރަށުގައި 400 އަށް ވުރެ ގިނަ އަހަރުވީ ކާނިގަހުގައި ރޭ ދަންވަރު ބަޔަކު މީހުން ރޯކޮށްލި މައްސަލަ ފުލުހުންނަށް ހުށަހެޅީ ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގައުމީ މަރުކަޒުގެ ފަރާތުންނެވެ.

ހެރިޓޭޖް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ގަހުގައި ހުޅުޖެހި ފަރާތެއް ހޯދުމުގެ މަސައްކަތް ބާރަށު ކައުންސިލާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

"މިކަމުގައި ޒިންމާވާ ފަރާތަކާ މެދު ގާނޫނު ނަމްބަރު 12/2019 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް މި މަރުކަޒުން ކުރާނެ ވާހަކަ ދަންނަވަން،" އެ ބަޔާނުގައިވެ އެވެ.

ބާރަށު، ކާނި ގަސް.-- ފޮޓޯ: ނާޖިހް

ބާރަށު، ކާނި ގަސް.-- ފޮޓޯ: ނާޖިހް

ބާރަށުގެ ކާނިގަހަކީ އެ ރަށު އީދުކުޅޭ މަގުގައި، ކަޅުއޮށްފުންމި އަލަށް ބަންނަވައިގެން ރިޔާ ފައްސަވަން ބޮޑުތަކުރުފާނު ޖެއްސެވި ކަމަށް ބުނާ ކާނި ކަޑައިން ހެދުނު ގަހެކެވެ. ކައުންސިލުން އެ ގަސް ބަލަހައްޓަމުން އަންނަނީ އާސާރީ ތަރިކައެއްގެ ގޮތުގަ އެވެ.

ރާއްޖޭގެ ސަގާފަތާއި ތަރިކައިގެ ގާނޫނުގެ ދަށުން، ތަރިކަ އަށް ގެއްލުން ދިނުމަކީ ބޮޑު އަދަބެއް ލިބޭ ކުށެކެވެ. އެއީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ އާއި ޖިނާއީ ދައުވާ ވެސް އަންނަ ކުށެކެވެ.

ގާނޫނު ބުނާ ގޮތުން، ތަރިކަ އަށް ގެއްލުންދިނުމުގެ ކުޑަބޮޑު މިނަށް ބަލައި 10،000ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ކަޅުއޮށްފުންމިއަކީ 1558 ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާން އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެ މީހުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމަށް އުތީމު މަހާރަދުން ބެންނެވި އޮޑިއެކެވެ.