Roadha Mihaaru
ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއަށް

ކުރީގެ ނައިބު ރައީސް ފައިސަލް އެމްޑީޕީއަށް ސޮއިކުރައްވައިފި

22 ފެބުރުއަރީ 2024

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިދިކޮޅު އެމްޑީޕީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އިދިކޮޅު އެމްޑީޕީ އަށް މިއަދު ސޮއިކުރައްވައިފި އެވެ.

އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެންމެ ފަހުން ވެރިކަންކުރި އެމްޑީޕީގެ ސަރުކާރުގައި ފަސް އަހަރު ނައިބު ރައީސްކަން ކުރެއްވި ފައިސަލްގެ ފޯމާ ހަވާލުވެވަޑައިގަތީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ.

އެ ރަސްމިއްޔާތުގައި އިބޫ ވިދާޅުވީ، ފައިސަލަކީ އެ ބޭފުޅުންނާ އެކު ވަރަށް ތެދުވެރިކޮށް އަދި ބުރަކޮށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅެއް ކަމަށެވެ. އެއީ އިތުބާރު ކުރެވޭ ބޭފުޅެއް ކަމަށާއި ފައިސަލް އެމްޑީޕީއާ ގުޅިވަޑައިގަތުމުން އެ ޕާޓީއަށް ވެސް އިތުރު ޖޯޝެއް ގެނުވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

"ފައިސަލަކީ އަމަލީ ގޮތުން މަސައްކަތްތަކުގައި ބުރަކޮށް ބައިވެރިވެވަޑައިގެންނެވި ބޭފުޅެއް. އެހެންވީމާ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމަލީ ގޮތުން އަޅުގަނޑުމެންނާ އެކީގައި ހަރަކާތްތެރިވެވަޑައިގަންނަވާނެ." އެ މަނިކުފާނު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގައި 16 އަހަރު ހޭދަކުރެއްވުމަށް ފަހު، ފައިސަލް އެ ޕާޓީން ވަކިވެވަޑައިގަތީ މިދިޔަ މަހު އެވެ. ނައިބުގެ މަގާމުގައި ހުންނެވިއިރު ވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާ މެދު މާ ބޮޑު ގުޅުމެއް ނެތެވެ.

ފައިސަލް ވިދާޅުވީ އެމްޑީޕީއަށް ސޮއިކުރެއްވުމުން އެ މަނިކުފާނަށް ވަރަށް ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިވަޑައިގެންފައިވާ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްލަހަތު މިހާރު ހުރިގޮތުން ރައްޔިތުން ކަންބޮޑުވާ ކަންތައްތައް ހުރުމުން އެންމެން އެކުގައި މަސައްކަތްކުރަންޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެމްޑީޕީއަކީ އާއްމުންނާ ވީހާ ވެސް ކައިރިން އަދި އާއްމުން ބޭނުންވާ ގޮތަށް މަސައްކަތް ކުރާ ޕާޓީއަށް ވާތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީއަށް އަޣުލަބިއްޔަތު ހޯދައިދޭން މަސައްކަތްކޮށްދޭންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ ވިއްސަކަށް އަހަރުކުރިން ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަމުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވިއިރު ވެސް، އިބޫ ފާހަގަކުރެވިފައިވަނީ ނަމޫނާ ބޭފުޅެއްގެ ގޮތުގައި ކަމަށް ފައިސަލް ވިދާޅުވި އެވެ. އޭރު އެ މަނިކުފާނު ވެސް ހުންނެވީ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގަ އެވެ.

އެ ޕާޓީގެ ފުރަތަމަ ގައުމީ މަޖިލީހުގެ މެމްބަރުކަން ކުރެއްވުމަށް ފަހު، އެމްޑީޕީން ވަކިވެވަޑައިގެންނެވިއަސް، ފައިސަލް ވިދާޅުވީ މިހާތަނަށް އޭނާ މަސައްކަތްކުރެއްވީ އެއް ފިކުރަކާއި އެއް ވިސްވުމެއްގައި ކަމަށެވެ.

ފައިސަލް އެމްޑީޕީ އަށް މިއަދު ސޮއިކުރައްވައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވި ނަމަވެސް އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ރަނިންމޭޓުގެ ޓިކެޓު ލިބިވަޑައިނުގެންނެވި ހިސާބުން ފައިސަލް އުޅުއްވީ އެ ކެމްޕެއިނާ ދުރުގަ އެވެ. އިންތިހާބުގެ ނަތީޖާ އިއުލާން ކުރުމާ ހަމައަށް ވެސް ވެސް އެމްޑީޕީގެ ކެމްޕެއިންގައި އެއްވެސް ވަރަކަށް ފައިސަލް ނޫޅުއްވަ އެވެ.

އިބޫ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވައި އެ މަނިކުފާނުގެ ރަނިންމޭޓްކަމުގެ ޓިކެޓް ދެއްވީ ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާ އެވެ. އެއީ ދެ ވަނަ ދައުރަކަށް ވެސް ރަނިންމޭޓް ނުވަތަ ރައީސްކަމުގެ ޓިކެޓަށް ފައިސަލް ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނިކޮށެވެ.