Roadha Mihaaru
"ޕުޝްޕާ"ގެ ތިންވަނަ ބައެއް ވެސް ގެނެސްދެނީ

"ޕުޝްޕާ"ގެ ތިންވަނަ ބައެއް ވެސް ގެނެސްދެނީ

18 ފެބުރުއަރީ 2024

ގިނަ ބައެއްގެ ލޯބި ލިބުނު ދެކުނު އިންޑިއާގެ ފިލްމު "ޕުޝްޕާ"ގެ ތިންވަނަ ބައެއް ވެސް ގެނެސްދޭން ނިންމައިފި އެވެ.

ގިނަ ބައެއްގެ ލޯބި ލިބުނު ދެކުނު އިންޑިއާގެ ފިލްމު "ޕުޝްޕާ"ގެ ތިންވަނަ ބައެއް ވެސް ގެނެސްދޭން ނިންމައިފި އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، މި ފިލްމުގައި ލީޑު ރޯލު ކުޅޭ އައްލޫ އަރްޖުން ވަނީ މިހާރު ޖަރުމަނުގައި ކުރިއަށް ގެންދާ މި އަހަރުގެ ބާލިން ފިލްމު ފެސްޓިވަލުގައި މިކަން އިއުލާންކޮށްފަ އެވެ. އޭނާ ޖަރުމަނަށް ދިޔައީ "ޕުޝްޕާ"ގެ ފުރަތަމަ ފިލްމު އެ ފެސްޓިވަލުގައި ދައްކަން ހަމަޖެހިފައި ވާތީ އެވެ.

"ޕުޝްޕާ"ގެ ދެވަނަ ބައިގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެ ފިލްމުގެ ބައެއް މަންޒަރުތައް ވެސް މިހާރު ވަނީ ނަގައިފަ އެވެ. ޓީ-ސީރީޒް އިން ޕްރޮޑިއުސްކުރާ "ޕުޝްޕާ 2: ދަ ރޫލް" ރިލީޒްކުރާ ގޮތަށް އޮތީ އަންނަ އޮގަސްޓް މަހު 15 ގަ އެވެ.

ދެވަނަ ފިލްމު ވެސް ޑައިރެކްޓުކުރަނީ ފުރަތަމަ ބައި ޑައިރެކްޓުކުރި ސުކުމާރެވެ. މި ފިލްމުގައި އައްލޫއާ އެކު މުހިންމު ރޯލުތަކުން ފެންނާނީ ރަޝްމިކާ މަންދަނާ އާއި ފަހަދު ފާސިލެވެ.

އިންޑިއާގެ އެކި ބަސްތަކުން ނެރުނު ޕުޝްޕާގެ ފުރަތަމަ ފިލްމު "ޕުޝްޕާ؛ ދަ ރައިސް"އަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ. މީގެ ތިންވަރަކަށް އަހަރު ކުރިން، 2021 ގައި ނެރުނު އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި 42 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފަ އެވެ. އަދި މި ފިލްމަކީ އެ އަހަރު އެންމެ ބޮޑު އާމްދަނީއެއް ވެސް ހޯދި އިންޑިއާގެ ފިލްމެވެ.