Roadha Mihaaru
މަޖިލީހަށް ކުރިމަތިލީ އެންމެ 10 ޕަސެންޓު އަންހެނުން!

މަޖިލިސް އިންތިހާބުގައި އަންހެން ކެންޑިޑޭޓުންގެ ނިސްބަތަކީ 10 ޕަސެންޓު

16 ފެބުރުއަރީ 2024

ކުރިއަަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލި އަންހެނުންގެ ނިސްބަތަކީ 10 ޕަސެންޓު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކުރިއަަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލި އަންހެނުންގެ ނިސްބަތަކީ 10 ޕަސެންޓު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބަށް ކުރިމަތިލުމުގެ ވަގުތު ހަމަވިއިރު، 93 ދާއިރާއަށް 381 ކެންޑިޑޭޓުން ފޯމު ވަނީ ހުށަހަޅައިފަ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ރޭ "އެކްސް"ގައި ވިދާޅުވީ، މީގެ ތެރެއިން 10.76 ޕަސެންޓަކީ އަންހެނުން ކަމަށެވެ.

އެއީ 41 އަންހެން ކެންޑިޑޭޓުންނެވެ.

ފޯމު ހުށަހެޅި ކެންޑިޑޭޓުންގެ ތެރެއިން ޝަރުތު ހަމަނުވާ މީހުންގެ ފޯމުތައް އީސީ އިން އަދި ބާތިލްކުރާނެ އެވެ. އެ މައުލޫމާތު އީމެއިލްގެ ޒަރީއާއިން އަންގާނެ ކަމަށް ހަބީބް ވިދާޅުވި އެވެ.

ކެންޑިޑޭޓުންގެ ނަން ނަގަން ވަގުތު ދިނުމަށް ފަހު ކެންޑިޑޭޓުންގެ މެދުގައި، ގުރުއަތު ނެގުން މިއަދު މެންދުރު ފަހު 2:00 ގައި ފަށައިގެން ކުރިއަށް ދާނެ އެވެ.

މަޖިލިސް އިންތިހާބުގައި އެންމެ ގިނަ އަންހެން ކެންޑިޑޭޓުން ވާދަކުރަނީ އިދިކޮޅު ޑިމޮކްރެޓްސް އިންނެވެ. އެ ޕާޓީން 13 އަންހެން ކެންޑިޑޭޓުން ވާދަކުރައްވަން ފޯމު ހުށަހަޅުއްވައިފަ އެވެ. އެމްޑީޕީން އަންހެން ހަތަރު ކެންޑިޑޭޓުން ފޯމު ހުށަހެޅުއްވިއިރު، ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ވާދަކުރައްވަނީ އެންމެ ދެ އަންހެން ކެންޑިޑޭޓުންނެވެ. މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީން ވެސް ދެ އަންހެން ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.