Roadha Mihaaru
މި އަހަރުގެ ބާފްޓާ އެވޯޑްސްގެ ޕްރެޒެންޓަރަކަށް ދީޕިކާ

މި އަހަރުގެ ބާފްޓާ އެވޯޑްސްގެ ޕްރެޒެންޓަރަކަށް ދީޕިކާ

14 ފެބުރުއަރީ 2024

މި އަހަރުގެ ބްރިޓިޝް އެކަޑަމީ އޮފް ފިލްމް އެންޑް ޓެލެވިޝަން އާޓްސް (ބާފްޓާ) އެވޯޑުގެ ޕްރެޒެންޓަރަކަށް ވުމުގެ ފުރުސަތު ބޮލީވުޑްގެ ތަރި، ދީޕިކާ ޕަޑުކޯން އަށް ލިބިއްޖެ އެވެ.

މި އަހަރުގެ ބްރިޓިޝް އެކަޑަމީ އޮފް ފިލްމް އެންޑް ޓެލެވިޝަން އާޓްސް (ބާފްޓާ) އެވޯޑުގެ ޕްރެޒެންޓަރަކަށް ވުމުގެ ފުރުސަތު ބޮލީވުޑްގެ ތަރި، ދީޕިކާ ޕަޑުކޯން އަށް ލިބިއްޖެ އެވެ.

ބާފްޓާ އަކީ އިނގިރޭސިވިލާތުގެ ފިލްމުތަކާއި ސީރީޒްތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

ދީޕިކާ ވަނީ މިދިޔަ އަހަރު ބޭއްވި އޮސްކާ އެވޯޑްސްގައި ވެސް އެވޯޑެއް ޕްރެޒެންޓްކޮށްފަ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، ދީޕިކާއާ އެކު މި އަހަރުގެ ބާފްޓާ އެވޯޑްސް ޕްރެޒެންޓްކުރާ މަޝްހޫރު ތަރިންގެ ތެރޭގައި ޑޭވިޑް ބެކަމް، ކޭޓް ބްލެންޝެޓް، ލިލީ ކޮލިންސް، ހިއު ގްރާންޓް އަދި ދުއާ ލިޕާ ވެސް ހިމެނެ އެވެ.

ނަމަވެސް، ދީޕިކާ ޕްރެޒެންޓްކޮށްދޭނީ ކޮން އެވޯޑެއް ކަމެއް އަދި ޔަގީން ނުވާ ކަމަށް ރިޕޯޓްތައް ބުންޏެވެ.

ބާފްޓާ އެވޯޑްސްގައި ޕްރެޒެންޓްކުރުމުގެ ފުރުސަތު ލިބުނުކަން ދީޕިކާ ވަނީ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ވެސް އިއުލާންކޮށްފަ އެވެ. ދީޕިކާގެ އިންސްޓަ ސްޓޯރީގައި ކުރި ޕޯސްޓެއްގައި ވަނީ މި ފުރުސަތު ލިބުމުން ވަރަށް އުފާކުރާ ކަމަށް ބުނެފަ އެވެ.

ދީޕިކާ ފިލްމެއް އެންމެފަހުން ނުކުތީ މިދިޔަ މަހު އެވެ. އެއީ ރިތިކް ރޯޝަންއާ އެކު އޭނާ ކުޅުނު "ފައިޓާ" އެވެ. ބޮކްސް އޮފީހުގައި އެ ފިލްމު ހިނގި ނަމަވެސް، ކްރިޓިކްސް އަށް ކަމުދިޔަ ފިލްމަކަށް ނުވި އެވެ.

ދީޕިކާ ދެން އެންމެ އަވަހަށް ފެންނާނީ އަންނަ އޮގަސްޓް މަހު ނެރޭ ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ސިންގްހަމް އެގެއިން" އިންނެވެ. އޭގެ އިތުރުން ވެސް ގިނަ ފިލްމުތަކެއްގައި އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.