Roadha Mihaaru
ރާއްޖޭގައި ތެލެސީމިއާ ކުދިންގެ އެވްރެޖު އުމުރު މަތި

ރާއްޖޭގައި ތެލެސީމިއާ ކުދިންގެ އެވްރެޖު އުމުރު މަތިވެއްޖެ

13 ފެބުރުއަރީ 2024

ތެލެސީމިއާ ފަރުވާ އަށް އައި ބަދަލުތަކާ އެކު، އެ ކުދިންގެ އެވްރެޖު އުމުރު މަތިވެފައިވާ ކަމަށް ރާއްޖޭގެ ތެލެސީމިއާ ސޮސައިޓީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ތެލެސީމިއާ ފަރުވާ އަށް އައި ބަދަލުތަކާ އެކު، އެ ކުދިންގެ އެވްރެޖު އުމުރު މަތިވެފައިވާ ކަމަށް ރާއްޖޭގެ ތެލެސީމިއާ ސޮސައިޓީން މިއަދު ބުނެފި އެވެ.

އެ ސޮސައިޓީގެ ތިން ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި، ޗެއާޕާސަން ޖީހާން ސަލީމް ވިދާޅުވީ، މީގެ 30 އަހަރު ކުރިން ތެލެސީމިއާ ލެބޯޓްރީގައި އޭނާ މަސައްކަތް ފެއްޓެވިއިރު، ތެލެސީމިއާ ކުދިން ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރި އުމުރަކީ 12 އަހަރު ކަމަށެވެ.

އޭރު ރާއްޖޭގައި ތިބި ތެލެސީމިއާ ކުދިންގެ އެވްރެޖު ކުދިންގެ އުމުރަކީ ހަތް އަހަރެވެ.

އެކަމަކު، މިދިޔަ އަހަރުތަކުގައި އެ ހާލަތަށް ބަދަލުތަކެއް ގެނެވިފައިވާކަން ޖީހާން ފާހަގަކުރެއްވި އެވެ. ތެލެސީމިއާގައި އެންމެ ދުވަސްވީ މީހާ އަށް މިހާރު 45 އަހަރު ވެފައިވާއިރު، މިހާރު ތިބި ތެލެސީމިއާ ކުދިންގެ އެވްރެޖު އުމުރަކީ 17 އަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ފަރުވާގެ ކުރިއެރުންތަކުގެ ނަތީޖާ. ބްލަޑް ސާވިސްގެ މެނޭޖަރުންނާއި ސަރުކާރުތަކުގެ މަސައްކަތުގެ އަސަރު،" ޖީހާން ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވަނީ އެއީ ތެލެސީމިއާ ކުދިންނަށް ހަމައެކަނި ފުދޭ ވަރު ސުވާލު އުފައްދަވައިފަ އެވެ. ތަފާތު އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވެ، ދުޅަހެޔޮ ސިއްހަތެއްގައި އަދި ކައިވެނިކޮށް، އާއިލާއެއް ފަށައިގެން އުޅޭ ތެލެސީމިއާ މީހުން ތިއްބަސް، ޖީހާން ވިދާޅުވީ އެ އަދަދުތައް ގިނަ ނޫން ކަމަށެވެ.

ތެލެސީމިއާ ސޮސައިޓީން ބާއްވާ ތިން ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތެލެސީމިއާ ސޮސައިޓީން ބާއްވާ ތިން ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތެލެސީމިއާ އަކީ ލޭ އެޅުމުގެ އިތުރުން ވަކި ހިސާބަކުން ސިއްހީ އެހެން މައްސަލަތައް ވެސް ކުރިމަތިވާ ކަމަކަށް ވާތީ އެ ކުދިންގެ ހެދިބޮޑުވުމަށް އަސަރުނު ކުރާނެ ގޮތަށް އެހެނިހެން ފަރުވާތައް ވެސް ބޭނުންވާ ކަމަށް ޖީހާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކަމާގުޅޭ ފަރާތްތަކުން މިހާރަށް ވުރެ ރަނގަޅަށް އަދި އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ކުރާ މަސައްކަތްތަކާއި އިންވެސްޓްމަންޓްތައް، ދުޅަހެޔޮ ސިއްހަތެއްގެ ބަޔަކު އުފެއްދުމާއި ހިދުމަތުގެ ފެންވަރު ތަރައްގީކޮށް، އެ މީހުންނަށް ދެމިތިބެންޖެހޭ ނުވަތަ ހުވަފެން ދެކެން ޖެހޭ ސަބަބު ހޯދައިދޭން އެބަޖެހޭ،" ޖީހާން ވިދާޅުވި އެވެ.

އޭނާ ވަނީ މި ސަރުކާރުގެ ހެލްތު އެޖެންޑާގައި ތެލެސީމިއާ ކުދިންނަށް އިސްކަންދީ، އެ ކުދިންގެ ފަރުވާ ރަނގަޅުކުރަން ކުރާ މަސައްކަތަށް ވެސް ޝުކުރު އަދާކުރައްވައިފަ އެވެ.

ޖީހާން ވިދާޅުވި ގޮތުގައި، ރާއްޖެއަކީ މި ސަރަހައްދުން ވެސް އާބާދީ އަށް ބަލާއިރު ތެލެސީމިއާ ކުދިންނަށް ހަރަދުކުރާ ގައުމެކެވެ. އެ އިން ކޮންމެ ކުއްޖަކަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 10،000ރ. ހަރަދުކުރާކުރާ ކަމަށް ބްލަޑް ސާވިސް އިން ބުންޏެވެ. އެއީ، މިހާރު ލޭއަޅާ 659 ކުދިންނަށް ބަލާއިރު މަހެއްގެ މައްޗަށް 6.5 މިލިއަން ރުފިޔާ އެވެ.

ތެލެސީމިއާ ސޮސައިޓީން ބާއްވާ ތިން ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ޑޮކްޓަރުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތެލެސީމިއާ ސޮސައިޓީން ބާއްވާ ތިން ވަނަ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ޑޮކްޓަރުން-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖީހާން ވިދާޅުވީ ހެލްތު ވޯކަރުންނަކީ ބަދަލު ގެންނަ ބަޔަށް ވެ، ފަރުވާ ހޯދާ މީހުންގެ ދިރިއުޅުން ހަރުދަނާކޮށް ރަނގަޅު ފަރުވާ ލިބޭކަން ކަށަވަރު ކޮށްދޭންޖެހޭ ކަމަށެވެ.

ރައީސް އޮފީހުގެ ޕަބްލިކް ހެލްތު ސެކްރެޓަރީ އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދުގެ ރަސްމިއްޔާތުގައި ވިދާޅުވީ ތެލެސީމިއާ ކަހަލަ ޖެނެޓިކް ކަންކަމަށް އިތުރު ފަރުވާ ބޭނުންވާ ކަމަށެވެ.

ނާޒިމް ވަނީ ރާއްޖޭގައި 2020 ވަނަ އަހަރު ހެދި ދިރާސާގައި ޓެސްޓު ހެދި 30 ޕަސެންޓް މީހުންނަކީ ބީޓާ ތެލެސީމިއާ ކެރިއަރުން ކަމަށް ދައްކާތީ، އެއީ ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވައިފަ އެވެ.

ނާޒިމް ވިދާޅުވީ ތެލެސީމިއާގެ ސަބަބުން އާއިލާތައް އެތައް ތަހައްމަލެއް ކުރާއިރު، އެކަން ކޮންޓްރޯލް ކުރަން މިހާރަށް ވުރެ އިތުރަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. ޕަބްލިކް ހެލްތުގެ ކަމެއްގެ ގޮތުގައި ތެލެސީމިއާ ބައްޔަށް އެކަށީގެންވާ ގޮތެއްގައި ހޭލުންތެރިކުރުވައި، ސްކްރީން ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

ތެލެސީމިއާ އަށް މި ސަރުކާރުން އިސްކަންދޭކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ހެދޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. އެއާ އެކު، ފަރުވާ ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް ވިދާޅުވި އެވެ.