Roadha Mihaaru
ފްލެޓް ލިސްޓުގެ ހުރިހާ މައުލޫމާތެއް ދޭން އަންގަނީ

ފްލެޓް ލިސްޓުގެ ހުރިހާ މައުލޫމާތެއް ދޭން އޭސީސީއަށް އަނެއްކާވެސް އަންގަނީ

12 ފެބުރުއަރީ 2024

ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް، ބައެއް މީހުންގެ ޝަރުތު ހަމަނުވަނީސް ފްލެޓް ދީފައިވާ ކަމަށް ކަނޑައެޅި ގޮތް ސާފުކޮށްދިނުމަށާއި މައްސަލަ ނެތް މީހުންގެ ލިސްޓު ދިނުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެދުމުން ދިނީ އެއްވެސް ކަމެއް ސާފުނުވާ މައުލޫމާތުތަކެއް ކަމަށް ބުނެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގެދޮރުވެރިޔާ ސްކީމާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކޮށް، ބައެއް މީހުންގެ ޝަރުތު ހަމަނުވަނީސް ފްލެޓް ދީފައިވާ ކަމަށް ކަނޑައެޅި ގޮތް ސާފުކޮށްދިނުމަށާއި މައްސަލަ ނެތް މީހުންގެ ލިސްޓު ދިނުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެދުމުން ދިނީ އެއްވެސް ކަމެއް ސާފުނުވާ މައުލޫމާތުތަކެއް ކަމަށް ބުނެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މި ކަންބޮޑުވުމާ އެކު، އޭސީސީން ތަހުގީގުގައި ބޭނުންކުރި ލިސްޓުގައި ހިމެނޭ ހުރިހާ މައުލޫމާތެއް މީހުންގެ ނަމާއި އެޑްރެހާއި އައިޑީކާޑާއި ފޯނު ނަމްބަރު އެނގޭ ގޮތަށް އަދި ޑިސްކޮލިފައިވީ ކީއްވެ ކަމާއިި ޑިސްކޮލިފައިނުވާކަން ސާފުކޮށް އެނގޭ ލިސްޓެއް މާދަމާ މެންދުރު 2:00 ގެ ކުރިން ފޮނުވަން އެންގުމަށް ކޮމިޓީން މިއަދު ވަނީ ފާސްކޮށްފަ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަނާ ހަވާލުކޮށްގެން ހަދާ 4،000 ފްލެޓާ ގުޅިގެން 300 އަށް ވުރެ ގިނަ ޝަކުވާ ލިބިގެން އޭސީސީން ވަނީ އެ މައްސަލަ ތަހުގީގުކޮށްފަ އެވެ. ފްލެޓަށް ހުށަހަޅާފައިވާ 4،048 ފޯމެއް ބެލިއިރު އޭގެ ތެރެއިން 60 ޕަސެންޓް މީހުންން ފްލެޓަށް ޝަރުތު ހަމަނުވަނީސް، ފްލެޓް ދީފައިވާ ކަމަށް އެ ތަހުގީގުން އެނގިފައިވެ އެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އަޅަމުން އަންނަ ބައެއް ފްލެޓްތައް. -- ފޮޓޯ: މިހާރު

ފަހިދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި އަޅަމުން އަންނަ ބައެއް ފްލެޓްތައް. -- ފޮޓޯ: މިހާރު

އެ މައްސަލާގައި އާންމު ފަރާތަކުން ފޮނުވި ސިޓީއަކާ ގުޅިގެން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވެސް އެ މައްސަލަ ބަލަމުން އަންނައިރު އެންމެ ފަހުން އޮތް ބައްދަލުވުމުގައި އޭސީސީ ހާޒިރުކޮށް އެ މައްސަލާގައި ސުވާލުކޮށްފައިވެ އެވެ. އަދި ޝަރުތު ހަމަނުވެ، ފްލެޓް ދީފައިވާ މީހުންގެ ލިސްޓު އެ ކޮމިޓީއަށް ހިއްސާކުރުމަށް އެދިފައިވެ އެވެ.

އެކަމަކު މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު، ރޮޒައިނާ އާދަމް ވިދާޅުވީ، އޭސީސީން ދީފައި އޮތީ ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ތައްޔާރުކޮށްފައިވާ، ޝަރުތު ހަމަވެ އެއްވެސް މައްސަލައެއް ނެތް ފޯމުތަކުގެ ލިސްޓެއް ކަމަށެވެ. އަދި އޭގައި ވަނީ ނަމްބަރުތަކެއް އެކަނި ކަމަށާއި އެ މައުލޫމާތުން އެއްވެސް ކަމެއް ސާފުވާން ނެތް ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

"މީގެން ހަގީގަތުގައި އަޅުގަނޑުމެން ބޭނުންވާ އެއްވެސް މައުލޫމާތެއް ލިބެން އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ،" ރޮޒައިނާ ވިދާޅުވި އެވެ.

އެ މައްސަލާގައި ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ އޭސީސީން ފޮނުވާފައި އޮތީ އެއްވެސް ބޭނުމެއް ކުރެވޭ ޑޮކިއުމަންޓެއް ނޫން ކަމަށެވެ. އަދި އެތައް ބައެއްގެ އަތުން ފްލެޓް އަތުލުމަކީ އޭސީސީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެތަނުން މަސައްކަތްކުރީ ލިބިފައި ނެތް ބާރެއްގެ މަތިން ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މުޅި ލިސްޓު ފޮނުވައިދޭން އެދުނީމާ ވަރަށް އެހެން ކަހަލަ ގޮތަކަށް، ޖެއްސުންކޮށްފައި އޮންނަ ބީދައަކުން މިއޮތީ ލިސްޓު ފޮނުވާފައި. އަޅުގަނޑުމެންނަކަށް ނޭނގޭ ކާކު، ކޮން ތަނެއްގެ މީހެއް ކަމެއް ވެސް، އަންހެން ފިރިހެނެއް ވެސް ނޭނގެ: އާޒިމް

މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ތެރޭގައި ޝަރުތު ހަމަނުވާ ބަޔަކު ތިބި ކަމަށް އޭސީސީން ކަނޑައެޅި ގޮތަކާއި އެ ފޯމުތައް ބަލައިނުގަންނަން ނިންމި ސަބަބު ވެސް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑު އެދެނީ މި ކޮމިޓީން އެ ފްލެޓްތަކުގެ މައްސަލަ ބަލައި އޭސީސީން އެ މީހުންގެ ޝަރުތު ހަމަވާ ކަމަށް ނުވަތަ ނޫން ކަމަށް ކަނޑައެޅި ގޮތް މި ކޮމިޓީއަށް ސާފުކޮށް އެނގެން،" އޭނާ ވިދާޅުވި އެވެ.

އެ މައްސަލާގައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ ނަހަމަ ގޮތުގައި ފްލެޓް ދީފައިވާ ނަމަ އެ މައްސަލައެއް އޭސީސީން ބަލަންޖެހޭ ކަމަށާއި އެތައް ބައެއްގެ ހައްގާ ގުޅިފައިވާ މި މައްސަލައަކީ އަވަހަށް ނިންމަން ޖެހޭ މައްސަލައެއް ކަމަށެވެ.

އާޒިމް ވިދާޅުވީ މުޅި ލިސްޓު ފޮނުވައިދޭން އެދުމުން އޭސީސީން އޮތީ ޖެއްސުންކޮށްފައި ކަމަށެވެ. އޭސީސީން ކޮމިޓީއަށް ފޮނުވި ލިސްޓުގައި ފްލެޓް ލިބުނީ ކާކަށް ކަމެއް ނުވަތަ މައްސަލަ ހުރީ ކޮން ބައެއްގެ ކަމެއް ވެސް ސާފުވާން ނެތް ކަމަށް ވިދާޅުވި އެވެ.

"މުޅި ލިސްޓު ފޮނުވައިދޭން އެދުނީމާ ވަރަށް އެހެން ކަހަލަ ގޮތަކަށް، ޖެއްސުންކޮށްފައި އޮންނަ ބީދައަކުން މިއޮތީ ލިސްޓު ފޮނުވާފައި. އަޅުގަނޑުމެންނަކަށް ނޭނގޭ ކާކު، ކޮން ތަނެއްގެ މީހެއް ކަމެއް ވެސް، އަންހެން ފިރިހެނެއް ވެސް ނޭނގެ،" އާޒިމް ވިދާޅުވި އެވެ.

އެހެންވެ ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުން ފާސްކުރީ އޭސީސީން ތަހުގީގުގައި ބޭނުންކުރި 4،048 މީހުންގެ ލިސްޓުގައި ހިމެނޭ ހުރިހާ މައުލޫމާތެއް ފޮނުވާށެވެ. އޭގެ ތެރޭގައި ނަމާއި އެޑްރެހާއި އައިޑީކާޑާއި ފޯނު ނަމްބަރު އަދި އެ މީހުން ޑިސްކޮލިފައިވީ ކީއްވެ ކަމާއިި ޑިސްކޮލިފައިނުވާކަން ސާފުކޮށް އެނގެން އޮންނަ ލިސްޓެއް މާދަމާ މެންދުރު 2:00 ގެ ކުރިން ފޮނުވުމަށް އަންގަން ވަނީ ނިންމައިފަ އެވެ.

ބޯހިޔާވަހިކަމުގެ އެ ސްކީމްގެ ދަށުން ފްލެޓު ލިބުނު މީހުންގެ ތެރެއިން 1،411 މީހަކު ޝަރުތު ހަމަ ނުވާ ކަމަށް ބުނާ ލިސްޓެއް ލިސްޓެއް އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި އެވެ. އެކަމަކު އޭސީސީގެ ލޯގޯއާ އެކު އާންމުކުރި އެ ލިސްޓަކީ ސައްހަ ލިސްޓެއް ނޫން ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ކޮމިޝަނުން އޭރު ބުނި ގޮތުގައި ލިސްޓު ހިއްސާކުރީ ހައުސިން މިނިސްޓްރީ އާއި މަޖިލީހަށް އެކަންޏެވެ.

ފްލެޓްތައް ލިބޭ ދާއިމީ ލިސްޓެއް މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. ގާތްގަނޑަކަށް ދެ މަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެކެވެ.

އެކަމަކު އެ މައްސަލާގައި އަމަލުކުރާނެ ވަކި ގޮތެއް އަދި ސަރުކާރުން ނުނިންމަ އެވެ.