Roadha Mihaaru
ދެން އިއުލާންކުރާ އިންތިހާބުގައި ބައްސާމް ވާދަކޮށްފާނެ

ދެން އިއުލާންކުރާ އެފްއޭއެމްގެ އިންތިހާބުގައި ބައްސާމް ވާދަކޮށްފާނެ، ސާފު ޖަވާބެއް ނުދޭ!

08 ފެބުރުއަރީ 2024

ދެން އިއުލާން ކުރާ އެފްއޭއެމްގެ އިންތިހާބުގައި، ތިންވަނަ ދައުރަކަށް މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިމަތިލައްވަފާނެކަން ދޭހަވާ ގޮތަށް އޭނާ ވާހަކަ ދައްކަވައިފި އެވެ.

ދެން އިއުލާން ކުރާ އެފްއޭއެމްގެ އިންތިހާބުގައި، ތިންވަނަ ދައުރަކަށް މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލް ކުރިމަތިލައްވަފާނެކަން ދޭހަވާ ގޮތަށް އޭނާ ވާހަކަ ދައްކަވައިފި އެވެ.

ކުރިން، މިދިޔަ މަހު 31 ގައި ބާއްވަން އެފްއޭއެމުން މަސައްކަތް ކުރި އިންތިހާބުގައި ވާދަ ނުކުރައްވާނެކަން، ސާފުކޮށް ބައްސާމް އިއުލާން ކުރެއްވި އެވެ. އިންތިހާބާ ގުޅޭ ކޮމިޓީތައް އެފްއޭއެމުން އެކުލަވާލާފައި ނެތުމުން، ފީފާއިން ވަނީ އެ ކޮމިޓީތައް އެކުލަވާލުމަށްޓަކައި އިންތިހާބު ހުއްޓާލަން އަންގައިފަ އެވެ.

އިންތިހާބާ ގުޅޭ ކޮމިޓީތައް އެފްއޭއެމުން މިއަދު ބޭއްވި ކޮންގްރެސްގެ ޖަލްސާގައި ވަނީ އެކުލަވާލާފަ އެވެ.

މިހާރު އެފްއޭއެމުން ތައްޔާރު ވަމުން ދަނީ އަލުން އާ އިންތިހާބެއް ބާއްވާނެތ ތާރީހުތަކާ މެދު އެކްސްކޯ ބައްދަލުވެ ގޮތެއް ކަނޑައެޅުމަށެވެ. އެއަށް ފަހު އިއުލާން ކުރާ އިންތިހާބުގައި ވާދަ ކުރައްވާނަންތޯ ސުވާލު ކުރުމުން ސާފު ޖަވާބެއް ބައްސާމް ނުދެއްވަ އެވެ.

އޭނާ ވިދާޅުވީ އެކަމާ ބެހޭގޮތުން އަދި ވަކިގޮތަކަށް އޭނާ ނުވިސްނަވާ ކަމަށެވެ. އެކަމަކު މެންބަރު ކްލަބްތަކުން އެދިއްޖެ ކަމުގައިވާނަ ކުރިއަށްދާނެ ކަމުގެ އިޝާރާތެއް އޭނާ ދެއްވި އެވެ.

"އަބަދުވެސް ތަކުރާރުކޮށް އަޅުގަނޑު ފާހަގަކުރާ ކަމެއް އެއީ (އެފްއޭއެމްގެ) މެންބަރު ކްލަބްތަކުން އެދިއްޖެކަމުގައިވާނަމަ އަބަދުވެސް އެ މެންބަރު ކްލަބްތަކާ އެކު ތިބޭނެ ވާހަކަ،" އަލުން އިއުލާން ކުރާ އިންތިހާބަކަށް ކުރިމަތިލައްވާނަން ތޯ ސުވާލުކުރުމުން، ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެން އޮންނާނީ އެކްސްކޯއިން އިންތިހާބުގެ ތާރީހު އިއުލާންކޮށް ކުރިމަތިލާން ހުޅުވާލާ ވަގުތާ މެދު ގޮތެއް ނިންމުން ކަމަށާއި އެއަށް ފަހު ވަކި ގޮތެއް ނިންމަވާނެ ކަމަށެވެ.

"(އަޅުގަނޑު) ކަންތައް ކުރާނެ ގޮތެއް އެނގޭނީ އެއަށް ފަހު،" ބައްސާމް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ކުރިން ނިންމާފައި އޮތް ގޮތާ ތަފާތު ގޮތަކަށް އަދި ވެސް ނުނިންމާ ކަމަށެވެ. މިވަގުތު އޭނާ އެންމެ ބޮޑަށް އިސްކަން ދެއްވަނީ އާ އިންތިހާބެއް ބާއްވަން ޖާގަ ދީ މިނިވަން އިންތިހާބަކަށް ފުރުސަތު ދެވޭ ގޮތަށް އެފްއޭއެމްގެ ކަންކަން ބައްޓަން ކުރުމަށް ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑު އަދި ނުވިސްނަން އަޅުގަނޑު ކަންތައްތައް ކުރާނެ ގޮތެއް. އަޅުގަނޑު މި ވިސްނަނީ އެފްއޭއެމުން ކަންތައް ކުރާނެ ގޮތަކާ މެދު. އެފްއޭއެމްގެ އިންތިހާބު ބޭއްވޭނެ ދުވަހަކާ މެދު ގޮތެއް ކަނޑައެޅުމަށް،" ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ވެސް ބައްސާމް ވިދާޅުވި އެވެ.

"ކުރިއަށް އޮތްތާންގައި އިންތިހާބީ ކަންތައްތައް ތަރުތީބު ވެގެން އަންނައިރު އަޅުގަނޑާ ސުވާލުކޮށްފިއްޔާ ކޮންމެވެސް ޖަވާބެއް އަރުވާނަން. މި ވަގުތު ވަކި ގޮތަކަށް އަޅުގަނޑު ނިންމަން."