Roadha Mihaaru
ކޮންގްރެސްގައި ގިނަ ކްލަބްތަކަށް ފުރުސަތެއް ނުދިން

އެފްއޭއެމް ކޮންގްރެސްގައި ގިނަ ކްލަބްތައް ބައިވެރިވާކަށް ފުރުސަތެއް ނުދިން

08 ފެބުރުއަރީ 2024

މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވާން ފަހު ވަގުތު ފޯމު ހުށަހަޅަން ދިޔަ ކްލަބްތަކަށް ފުރުސަތު ދޭން އެހެން ކްލަބްތަކުން ދެކޮޅު ހަދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މިއަދު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވާން ފަހު ވަގުތު ފޯމު ހުށަހަޅަން ދިޔަ ކްލަބްތަކަށް ފުރުސަތު ދޭން އެހެން ކްލަބްތަކުން ދެކޮޅު ހަދައިފި އެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ބައިވެރިވުމަށް ބައެއް ކްލަބްތަކުން ފޯމު ހުށަހަޅަން ދިޔަ އެވެ. އެފްއޭއެމުން ބުނީ އެ ކްލަބްތަކުން ކަނޑައެޅިފައިވާ ވަގުތުގައި ފޯމު ހުށަހަޅާފައި ނުވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ކްލަބްތަކަކީ ކޮންގްރެސް އޮންލައިންކޮށް ބާއްވަން ކުރިން ހަމަޖައްސާފައި ވުމުން އެކަމާ އިއުތިރާޒު ކުރި ކްލަބްތަކެވެ.

އެފްއޭއެމް މެންބަރު ކްލަބަކުގެ ތެރެއިން 14 ޑެލިގޭޓުން ކޮންގްރެސްގައި ބައިވެރިވާން ކަނޑައެޅި ވަގުތުގެ ތެރޭގައި ފޯމު ހުށަހެޅި ކަމަށް ވެސް އެފްއޭއެމުން ބުންޏެވެ. އެ އެސޯސިއޭޝަނުން ބުނަނީ ކޮންގްރެސްގެ ޖުމުލަ އަދަދަކީ 19 ކްލަބް ކަމަށެވެ. އެއީ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ދެ ވޯޓް ދެވޭ އުސޫލުން ޖުމުލަ 27 ވޯޓެވެ.

އެކަމަކު ކޮންގްރެސްގައި ބައިވެރިވީ އޭގެ ތެރެއިން ފަސް ކްލަބެވެ. އޭޣެ ތެރެއިން ޔުނައިޓެޑް ވިކްޓަރީ ބައިވެރިވީ އޮންލައިން ކޮށެވެ. ސެންޓްރަލް ހޮޓަލްގެ ހޯލަށް ސީދާ ހާޒިރުވެ، ކޮންގްރެސްގައި ބައިވެރިވީ އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބުރު ސްޕޯޓްސް އާއީ ޖޭޖޭ ސްޕޯޓްސް ކްލަބެވެ.

ކޮންގްރެސްގައި ބައިވެރިވުމަށް ކްލަބްތަކުން ހުށަހެޅި ފޯމްތައް ބަލައިގަތުމާ މެދު ގޮތް ނިންމުމަށް އެފްއޭއެމުން ހުޅުވާލީ ކޮންގްރެސްގައި ބައިވެރިވި ފަސް ކްލަބަށެވެ.

އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އެވަގުތު ކޮންގްރެސްއަށް ހާޒިރުވެ ތިބި ފަސް ކްލަބަށް ފެންނަ ގޮތަކަށް ވޯޓް ދިނުމަށް އެދިވަޑައިގެންފަ އެވެ. ފޯމުތައް ބަލައިގަތުމަށް ކޮންގްރެސްގައި ބައިވެރިވި ފަސް ކްލަބުން ވެސް ވޯޓެއް ނުދިނެވެ.

ކޯރަމް ހަމަނުވާ މަޖިލީހަކުން ނިންމި އެ ނިންމުން ސައްހަ ވެދާނެތޯ ސުވާލު އުފެއްދުމުން އެފްްއޭއެމްގެ ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް ވިދާޅުވީ އެ ނިންމުމަކީ ކޮންގްރެސްގެ ބައެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް އަމަލު ކުރީ ފީފާ އާއި އޭއެފްސީގެ މެންދޫބުން ވެސް އެގޮތަށް ލަފާ ދިނުމުން ކަމަށެވެ.

ކޮންގްރެސް ފެށި ނަމަވެސް ކޯރަމް ހަމައެއް ނުވެ އެވެ. ކޯރަމް ހަމަވޭތޯ ބަލަން 15 މިނެޓް ދިނުމަށް ފަހު ވެސް އިތުރު ކްލަބެއް ބައިވެރިއެއް ނުވެ އެވެ. އެއަށް ފަހު ޖައުޝަން އިއުލާން ކުރީ އެ ކޮންގްރެސްގެ އެެހެން ޖަލްސާއެއް 15 މިނެޓް ފަހުން އޮންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮންގްރެސްގެ ފުރަތަމަ ޖަލްސާގައި ކޯރަމް ހަމަނުވުމުން، އަސާސީ ގަވާއިދުގެ ދަށުން ދެވަނަ ޖަލްސާއެއް 24 ގަޑިއިރުތެރޭގައި ބޭއްވޭނެ ކަމަށެވެ. އެ ޖަލްސާގައި ކޯރަމް ހަމަވުން ލާޒިމު ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 24 ވަނަ މާއްދާގެ ދޭއްގައި، ކޮންގްރެސްގެ ކޯރަމް ހަމަނުވާނަމަ ހަމަ އެ އެޖްންޑާ އާ އެކު 24 ގަޑިއރު ތެރޭގައި ދެވަނަ ކޮންގްރެސްއެއް ބޭއްވޭނެ ކަމަށް ލިޔެފައި ވެއެވެ. ހަމަ އެ މާއްދާގެ ތިނެއްގައި ބުނެފައި ވަނީ، އެގްޒެކެޓިވް ކޮމިޓީ އިންތިހާބު ކުރުމަށާއި މެންބަރުން ވަކި ކުރުން އަދި އެފްއޭއެމް އުވާލުމުގެ މައްސަލަ ކޮންގްރެސްގެ އެޖެންޑާގައި ނުހިމެނޭނެ ނަމަ، ދެވަނަ ޖަލްސާއެއްގައި ކޯރަމް ކަނޑައެޅިފައި ނުވާ ކަމަށެވެ.

މިއަދުގެ ކޮންގްރެސްއަކީ އެފްއޭއެމްގެ ބައެއް ކޮމިޓީތައް އެކުލަވާލަން ބޭއްވި ޖަލްސާ އެކެވެ. މިއަދު އެފްއޭއެމުގެ ކޮންގްރެސްއިން ފާސް ކުރީ އިލެކްޓޯރަލް ކޮމިޓީ، އިލްކްޓޯރަލް އެޕީލްސް ކޮމިޓީ، ޑިސިޕްލިނަރީ ކޮމިޓީ އަދި އެޕީލް ކޮމިޓީ އެވެ. މި ހުރިހާ ކޮމިޓީތަކަށް ވެސް ނަން ހުށަހެޅީ އީގަލްސްއިންނެވެ. ކަނޑައެޅީފައިވާ އަދަދަށް ވުރެ އިތުރަށް ނަންތަކެއް ހުށަހަޅާފައެއް ނެތެވެ. އެ ނަންތަކާ މެދު އިއުތިރާޒު ކުރާ ކްލަބެއް ވެސް ކޮންގްރެސްގައި ބައިވެރި ނުވެ އެވެ.