Roadha Mihaaru
ރީ-ރަޖިސްޓާކުރަން 7،000 އަށް ވުރެ ގިނަ ފޯމު

މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓާކުރަން 7،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅައިފި

07 ފެބުރުއަރީ 2024

އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 7،350 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 7،350 ފޯމު ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފި އެވެ.

އީސީގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާއިލް ހަބީބް އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓަރީކުރަން މިހާތަނަށް 7،350 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 6،465 މީހުންގެ ރީ-ރަޖިސްޓަރީ މިހާރު ކޮށްދީފައިވާ ކަމަށެވެ.

"...885 ހުށަހެޅުމެއް ބަލައިނުގަނެވޭ،" އޭނާ ވިދާޅުވި އެވެ.

"ރީ-ރަޖިސްޓަރީ ކުރަައްވަން ހުށަހެޅުއްވުމުގެ ކުރިން، މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކްކޮށް ލެއްވުން އެދެން."

މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީކުރުމުގެ ފުރުސަތު އީސީން ހުޅުވާލީ މި މަހު އެކެއްގަ އެވެ. އެ ފުރުސަތު މިއަދު ހަވީރު 4:00 އަށް ހަމަވާނެ އެވެ.

އީސީން ކުރިން ބުނި ގޮތުގައި، މި މުއްދަތުގެ ތެރޭގައި ރީ-ރަޖިސްޓަރީވުމަށް ހުށަނާޅައިފި ނަމަ، ވޯޓުލާން ޖެހޭނީ އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ މީހަކު ރަޖިސްޓަރީވެފައިވާ ތަނަކަށެވެ.

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލަމުން ދިޔައިރު، އޮބްޒާވަރުންތަކެއް ވޯޓާސްލިސްޓް ބަލަނީ: މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު މިއަދު ހަމަވާނެ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި 21،000 އަށް ވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީކޮށްފައިވެ އެވެ.

މި އަހަރުގެ އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.

އީސީން ވަނީ މި އިންތިހާބުގައި 93 ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލައިފަ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު އަންނަ މެއި މަހުގެ 28 އަށް ހަމަވާނެ އެވެ.