Roadha Mihaaru
ނަޝީދު ގާނާ އަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފި

ނަޝީދު ގާނާ އަށް ދިރިއުޅުއްވުން ބަދަލުކުރައްވައިފި

31 ޖެނުއަރީ 2024

ސިޔާސީ ކަންކަމުން މިހާރު ދުރުގައި ހުންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދިރިއުޅުއްވުން ވަގުތީ ގޮތުން ގާނާ އަށް ބަދަލުކުރައްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ސިޔާސީ ކަންކަމުން މިހާރު ދުރުގައި ހުންނެވި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދިރިއުޅުއްވުން ވަގުތީ ގޮތުން ގާނާ އަށް ބަދަލުކުރައްވައިފި އެވެ.

ނަޝީދު އިއްޔެ ވަނީ ގާނާގެ ސިޓީއެއް ކަމަށްވާ އަކްރާ އަށް ވަޑައިގެންފަ އެވެ. އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް ދެ ތިން އަހަރަށް އެ ސިޓީއަކީ އެމަނިކުފާނުގެ ގެ ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ މަގުބޫލު އެއް ޝަހުސިއްޔަތު ކަމަށްވާ ނަޝީދު ގާނާ އަށް ވަޑައިގަތީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައިގަތުމަށެވެ.

ސީވީއެފްގެ މިހާރުގެ ރިޔާސަތަކީ ގާނާ އެވެ.

އެ މަގާމާ ހަވާލުވެވަޑައިގަތުމަށް ނިންމެވުމަށް ފަހު ނަޝީދު އުޅުއްވީ ރާއްޖެ އިން ބޭރުގަ އެވެ. އިނގިރޭސި ވިލާތާއި ސްރީ ލަންކާގައި ވެސް އެ މަނިކުފާނު ކުރިން އުޅުއްވި އެވެ. އެންމެ ފަހުން ރާއްޖެ ވަޑައިގަތީ މާލޭގެ މޭޔަރު އިންތިހާބާ ދިމާކޮށް ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހަށް ތާއިދު ހޯއްދެވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދު ދައިރާގެ މެންބަރުގެ ގޮތުގައި ވެސް ހުންނެވި ނަޝީދު ވިދާޅުވީ ސީވީއެފް އަށް އިންވެސްޓްމެންޓްތައް ހޯދުމަކީ މި ވަގުތަށް މުހިންމު ކަމެއް ކަމަށެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުން ނަޝީދު ދުރަށްވަޑައިގަންނަވަން ނިންމެވީ ސީވީއެފްގެ މަގާމު ގާނާގެ ރައީސް އެ މަނިކުފާނަށް ހުށަހެޅުއްވުމާ އެކު އެވެ. ސީވީއެފްގެ އެ ކޮންފަރެންސްއަށް ނަޝީދު ވަޑައިގެންނެވީ މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ޖަމާއަތުގެ ވަޒީފާގައި ހުރެ އަޅުގަނޑަށް ރާއްޖެއަށް ހިދުމަތް ކޮށްދެވޭ މިންވަރު އިންތިހާ އަށް ތަނަވަސްވާނެ އެވެ،" ސީވީއެފްގެ މަގާމާ ހަވާލުވާން ނިންމާފައިވާކަން ފާހަގަކުރައްވައި އޭރު ނެރުއްވި ނަޝީދު ވިދާޅުވި އެވެ.

ސިޔާސީ މައިދާނުން ދުރަށްވަޑައިގެން ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވީ އެ މަނިކުފާނުގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު އަދާކުރެއްވުމުގައި ރައްޔިތުންނަށް ވީ ވަރަކުން ހިދުމަތް ކޮށްދެއްވާފައިވާ ކަމަށެވެ. އަަދި ރައީސް ކަމުގެ މަގާމުގައި އެ މަނިކުފާނު އެންމެ ބޮޑަށް މަސައްކަތްޕުޅު ކުރެއްވީ ދިވެހިންނަށް އިޖުތިމާއީ ރައްކާތެރިކަން ހޯދައިދިނުމުގެ ނިޒާމެއް ގާއިމުކުރުމާއި ރާއްޖޭގައި ޓެކްސްގެ ނިޒާމެއް ގާއިމުކުރުމަށް ކަމަށް ވިދާޅުވި އެވެ.

އެ ދެ ކަންތައް ވެސް އެންމެ ފުރިހަމައަށް ކޮށްދެވިފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވިދާޅުވެ އެ ބަޔާނުގައި ނަޝީދު ވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމާއި ވެރިންގެ ހިޔާނާތްތެރިކަމުން ރާއްޖެ މިންޖު ކުރުމަށް ކުރި އުއްމީދު އަދި ހަގީގަތަކަށް ބަދަލުނުވާ ކަމުގެ ބޮޑު ހިތާމަ އެބަ އޮތް ކަން ވެސް ހާމަކުރައްވައިފަ އެވެ.

"އަޅުގަނޑުގެ އުއްމީދަކީ ދިވެހި ސަރުކާރާއި ވެރިން ޖަވާބުދާރީކު ރުވުމުގެ މަސައްކަތް އަންނާން އޮތް ޖީލުތަކުގެ މީސްތަކުން ކުރުމެވެ،" އެ މަނިކުފާނު ވިދާޅުވި އެވެ.