Roadha Mihaaru
ރުހުން ނުދިނަސް ހިދުމަތަކަށް ބަދަލެއް ނާންނާނެ: ޝަހީމް

ރުހުން ނުދިނަސް އަޅުގަނޑުގެ ހިދުމަތަކަށް ބަދަލެއް ނާންނާނެ: ޝަހީމް

28 ޖެނުއަރީ 2024

އެމްޑީޕީން އަބުރު ކަތިލައި ތަފާތު ދުއްތުރާތައް ކުރި ކަމަށާއި މިނިސްޓަރުކަމުގެ ރުހުން ނުލިބުނަސް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އެމްޑީޕީން އަބުރު ކަތިލައި ތަފާތު ދުއްތުރާތައް ކުރި ކަމަށާއި މިނިސްޓަރުކަމުގެ ރުހުން ނުލިބުނަސް ހިދުމަތް ކުރުމުގައި ދެމިހުންނަވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި މިނިސްޓަރު އެ ޕޯސްޓުކުރެއްވީ އިދިކޮޅު އެމްޑީޕީން އެމަނިކުފާނަށް ރުހުން ނުދޭނެ ކަމަށް ބުނެފައިވަނިކޮށެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ރުހުން ނުދޭން ނިންމީ ޝަހީމުގެ އިތުރުން އެޓާނީ ޖެނަރަލް އަހުމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިކޮނޮމިކް މިނިސްޓަރު އަލީ ސައީދު އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަށެވެ.

އެކަމާ ގުޅިގެން ޝަހީމް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމްޑީޕީން އެތައް އަހަރެއް ވަންދެން އޭނާގެ އަބުރު ކަތިލައި ދަރީންނަށް ވެސް ދުއްތުރާ ކުރި ކަމަށެވެ. އަދި އޭނާއަކީ ޓެރަރިސްޓެއްގެ ގޮތުގައި 2018 ގެ އިންތިހާބުގެ ދުވަސް ލޭބަލް ކުރިކޮށް، އެންމެ ފަހުން އޯއައިސީގެ ވަޒީފާއަށް ވެސް އެތައް ހުރަހެއް ކުރިމަތިކުރި ކަމަށް ވިދާޅުވި އެވެ.

"އެ ހުރިހާ ކަމެއް ގިރާކޮށް ﷲ ގެ ރަހްމަތުން އިސްލާމީ އުންމަތުގެ ޚިދުމަތުގައި މިހިސާބަށް އައީ. އެމްޑީޕީ އަށް މަޖިލީހުގައި ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ރުހުން ނުދިނަސް އަޅުގަނޑުގެ ހިދުމަތަކަށް ކުޑަވެސް ބަދަލެއް ނާންނާނެ،" ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓަރުކަމާ އޭނާ މިހާރު ތިން ވަނަ ފަހަރަށް ހަވާލުވެ ހުންނެވިއިރު އެ ވުޒާރާގެ ހިޔަލުގައި ފެންނަން ހުރި ކިތައްމެ ކަމެއްގައި އޭނާ ހިއްސާ އޮންނާނެ ކަމަށެވެ. އަދި އަމިއްލަ ހައިސިއްޔަތުން ވެސް އެ ހިދުމަތުގައި ދެމި ހުންނަވާނެ ކަމަށް ވިދާޅުވި އެވެ.

ޝަހީމް ސުވާލު އުފެއްދެވީ އޭނާއަށް އެމްޑީޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ޕާޓީތަކުން ނަފްރަތުކުރަނީ ނާގާބިލުވެގެންތޯ ނުވަތަ އެއީ ޒާތީ ކަމެއްތޯ އެވެ. އަދި އެއްވެސް އެދެވޭ ސަބަބެއްނެތި އެމްޑީޕީ އިން ރާއްޖޭގެ އިސްލާމީ ކަންކަން ހިންގަން ހުރި އެންމެ އިސް ފަރާތް ދުއްވާލަން އުޅުމުގެ ފަހަތުގައި އޮތީ ސިޔާސީ ސަބަބެއްތޯ ސުވާލު އުފައްދަވައި، އެކަމުގެ ހަގީގަތަކީ ކިބާތޯ ވެސް ސުވާލު އުފެއްދެވި އެވެ.

ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާއާ ހަވާލުކުރެއްވި އެ މަސައްކަތް އަދާކުރައްވަމުން ގެންދަވަނީ ވަރުބަލި ކަމެއް ނެތި، ވަރަށް އަމާނާތްތެރިކަމާ އެކު ކަމަށެވެ.

ވަޒީރުންނަށް ރުހުންދޭން ވޯޓަށް އެހުން އޮތީ މިއަދު ހެނދުނު 1:30 ގަ އެވެ. އެކަމަކު ސަރުކާރުގެ މެމްބަރުން ތަޅުމަށް ވަދެ، ރިޔާސަތުން އެކަން ކުރަން ފުރުސަތު ނުދިނުމުން ފަހުން މެމްބަރުންގެ މެދުގައި ހަމަނުޖެހުން ހިނގައި ބައެއް މެމްބަރުންނަށް އަނިޔާ ވެސް ވި އެވެ.

އެހެންވެ، މިހާރު ވަނީ މިރޭ 8:00 ގައި ރުހުން. ދިނުމުގެ ޖަލްސާ ބާއްވަން ތާވަލުކޮށްފަ އެވެ.