Roadha Mihaaru
ދައުރުން ބޭރުގެ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލްކޮށްފި

ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ އާދިއްތަ ދުވަހަށް ތާވަލްކޮށްފި

24 ޖެނުއަރީ 2024

ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ، އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ، އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފި އެވެ.

ކުރިއަށް އޮތް ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ނުބާއްވާ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމާއި ކެބިނެޓު ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ވަކި ގޮތެއް ނިންމުމަށް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިދިނުމަށް އެދީހ ހުށަހެޅީ އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް ގުޅިގެންނެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ އެންމެ ފަހު ދައުރު، އަންނަ މަހުގެ ފަސް ވަނަ ދުވަހު ފަށާނެ އެވެ. އެހެންވެ، އޭގެ ކުރިން ޖަލްސާއެއް ބާއްވައި ދިނުމަށް އެ ދެ ޕާޓީން އެދިފައި ވެ އެވެ.

އެއާ އެއްގޮތަށް، މަޖިލީހުގެ އިދާރާ އިން ވަނީ އަންނަ އާދިއްތަ ދުވަހު ފުރަތަމަ ޖަލްސާ ބާއްވަން ނިންމައިފަ އެވެ.

އެޖެންޑާގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ބިމާބެހޭ ގާނޫނާއި އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ހުށަހެޅުން އަދި މެންޑޭޓު ބަދަލުވި ތިން މިނިސްޓްރީއެއްގެ މައްސަލަ ދިރާސާކުރުމަށް ދާއިމީ ކޮމިޓީއަށް ފޮނުވުން ހިމެނެ އެވެ. އޭގެ އިތުރުން، ވަޒީރުންނަށް ރުހުން ދިނުމަށް ވެސް ތާވަލް ކޮށްފައިވެ އެވެ.

އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނަށް އިސްލާހު ގެންނަނީ، މަޖިލީހުގެ އިންތިހާބު ރޯދަ މަހު ބާއްވަން ޖެހޭތީ އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ މަޖިލިސް އިންތިހާބު އަންނަ މާޗު 17 ވަނަ ދުވަހު ބާއްވާށެވެ.