Roadha Mihaaru
ކުއްޖާ ގެނައުން ލަސްވީ ފްލައިޓަށް ދިމާވި މައްސަލައަކުން

ވިލިނގިލިން ކުއްޖާ ގެނައުން ލަސްވީ ފްލައިޓަށް ފަހު ވަގުތު ދިމާވި ޓެކްނިކަލް މައްސަލައަކުން: އާސަންދަ

21 ޖެނުއަރީ 2024

ގއ. ވިލިނގިލީގައި ހާލު ސީރިއަސްވި 13 އަހަރުގެ ކުއްޖާއަށް އިތުރު ފަރުވާއަށް މާލެ ގެނައުމަށް 12 މިނެޓުގެ ތެރޭގައި އާސަންދަ އެޕްރޫވްކުރިއަސް މާލެ ނުގެނެވި ލަސްވީ ފްލައިޓަށް ފަހު ވަގުތު ދިމާވި ޓެކްނިކަލް މައްސަލަކުން ކަމަށް، އާސަންދައިން ބުނެފި އެވެ.

ގއ. ވިލިނގިލީގައި ހާލު ސީރިއަސްވި 13 އަހަރުގެ ކުއްޖާއަށް އިތުރު ފަރުވާއަށް މާލެ ގެނައުމަށް 12 މިނެޓުގެ ތެރޭގައި އާސަންދަ އެޕްރޫވްކުރިއަސް މާލެ ނުގެނެވި ލަސްވީ ފްލައިޓަށް ފަހު ވަގުތު ދިމާވި ޓެކްނިކަލް މައްސަލަކުން ކަމަށް، އާސަންދައިން ބުނެފި އެވެ.

އެ ކުންފުނިން ރޭ ނެރުނު ބަޔާނުގައި ބުނީ އިމަޖެންސީ އިވެކުއޭޝަނެއް ހެދުމަށް ވިލިނގިލީ ހޮސްޕިޓަލުން މިދިޔަ ބުރާސްފަތި ދުވަހުގެ ފަތިހު 5:00 ހާއިރު ހުށަހެޅި ކަމަށެވެ. އެ ރިކުއެސްޓު، 12 މިނެޓުގެ ތެރޭގައި އެވްރޫކޮށް، ފްލައިޓުން ޖާގަ ލިބޭތޯ ބަލަން ހޮސްޕިޓަލުގައި އެދުނު ކަމަށް ބުންޏެވެ.

އެންމެ އަވަހަށް ޖާގަ ލިބެން އޮތީ ޖެހިގެން އައި ދުވަހުގެ ފަތިހު 5:55 ގައި އެ އަތޮޅު ކޫއްޑޫއިން ކަމަށްވުމުން، ވީ އެންމެ އަވަހަކަށް އެ ކުއްޖާ މާލެ ގެނައުމަށް ހަމަ އެ ދުވަހު ފްލައިޓެއް ޗާޓަރުކުރުމަށް އިސް ނެގިކަމަށް އާސަންދައިން ބުންޏެވެ.

އެއާއެކު، ކޫއްޑުއަށް އެ ދުވަހުގެ މެންދުރު 2:55 ހާއިރު ލޭންޑުކޮށް، ހަވީރު 4:20 ހާއިރު މާލެއަށް އާދެވޭނެ ކަމަށް މޯލްޑިވިއަން އެއާލައިނުން އެންގި ކަމަށް ބުންޏެވެ.

އެހެންވެ، ވިލިނގިލިން ބަލި މީހާ އެއާޕޯޓަށް ގެންދަން 2:45 އަށް ސީ އެމްބިއުލާންސް ހަމަޖެއްސި ފަހުން، ކައްދުއަށް ދާ ޝެޑިއުލް ފްލައިޓެއްގައި ޖާގަ އެބަހުރި ކަމަށާއި އެ ފްލައިޓު ކޫއްޑުއަށް ޑައިވާޓްކޮށް، އެ ކުއްޖާ މެންދުރު 1:50 ހާއިރު މާލެ ގެންދެވޭނެ ކަމަށް ކޫއްޑޫ އެއާޕޯޓުން އެންގި ކަމަށާއި ނަމަވެސް، ޝެޑިއުލް ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ހެދި ފަހު ވަގުތު އެ ބޯޓު ޑައިވާޓް ނުކުރެވުނީ ކަމަށް އާސަންދައިން ބުންޏެވެ.

"ނަތީޖާއެއްގެ ގޮތުން އަނެއްކާވެސް ޗާޓަރޑް ފްލައިޓެއް ބާއްވައި، ޖެނުއަރީ 18، 2024 ގައި ކޫއްޑޫ އެއާޕޯޓުން ހުޅުލޭ އެއާޕޯޓަށް ބަލިމީހާ ގެނެވުނީ ހަވީރު 5:15 ގައި." އެ ކުންފުނިން ބުންޏެވެ.

އެ ދުވަހުން ފެށިގެން 13 އަހަރުގެ ފިރިހެން ކުއްޖާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް، އިއްޔެ ހެނދުނު 11:00 ހާއިރު އެ ކުއްޖާ ވަނީ ނިޔާވެފަ އެވެ.

އެ މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ ޝެޑިއުލް ފްލައިޓުތަކަށް ވުރެ ކުއްލި ހާލަތުގައި ބޭސްފަރުވާގެ ބޭނުމަށް މީހުން އުފުލުމަށް އިސްކަންދޭ ގޮތަށް މޯލްޑިވިއަންގެ އުސޫލު ވަނީ ބަދަލުކޮށްފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން "މިހާރު" އަށް ވިދާޅުވި ގޮތުގައި ފާއިތުވި 10 ވަރަކަށް އަހަރު އަމަލު ކުރަމުން އައި އުސޫލުގައި ބަލި މީހާ އުފުލުމަށް ވަރަށް ގިނަ ވަގުތު ނަގާ ކަމަށެވެ.

އޭނާ ވިދާޅުވީ އިމަޖެންސީގައި މީހުން އުފުލެނީ ހޮސްޕިޓަލުން ފުރަތަމަ މޯލްޑިވިއަންއަށް ޑިކްލެއާކޮށް، އާސަންދަ އެޕްރޫވްކޮށް އެކަން އާސަންދައިން މޯލްޑިވިއަންއަށް އެންގުމުން ކަމަށެވެ. އަދި ބަލި މީހާ ގެންނަނީ މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓުތަކުން ހުސްވަގުތު ލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، އިއްޔެއިން ފެށިގެން އަމަލު ކުރަން ފެށި އުސޫލުގައި އޮންނަނީ ހޮސްޕިޓަލަކުން މޯލްޑިވިއަނަށް އިމަޖެންސީ ހާލަތެއް އަންގާ ހިސާބުން އާސަންދައިގެ އެޕްރޫވަލްއަށް މަޑުނުކޮށް، ބަލި މީހާ ގެންދަން އިސްކަންދޭ ގޮތަށެވެ.

"އެންމެ ފުރަތަމަ ޝެޑިއުލް ފްލައިޓުތަކަށް ވުރެ އިސްކަން ދީގެން ބަލި މީހާ އުފުލާނެ. ވަގުތުން ވަގުތަށް މިއަދުން ފެށިގެން ދެން އެ ކަންތައް ހިނގަމުން ދާނެ. އެހެންވީމާ އެ އަންނަ ލަސްވުމެއް ދެން ނޯންނާނެ. މިއީ ސީދާ ރައީސްގެ އިސްނެންގެވުމަކަށް ރައްޔިތުންނަށް ހިދުމަތް މިހާރުން ފެށިގެން ދިނުމަށް ގެނައި ބަދަލެއް،" އަމީން ވިދާޅުވި އެވެ.