Roadha Mihaaru
ބޮޑު 5 މަހުޖަނުންގެ މިލްކިއްޔާތު 4 އަހަރުން ދެ ގުނަ

އެންމެ މުއްސަނދި ފަސް މީހުންގެ މިލްކިއްޔާތު 2020 ގެ ފަހުން ދެ ގުނަ ވެއްޖެ: އޮކްސްފަމް

15 ޖެނުއަރީ 2024

އެންމެ މުއްސަނދި ފަސް މީހުންގެ މިލްކިއްޔާތު 2020 ވަނަ އަހަރުގެ ފަހުން ދެ ގުނަ އިތުރުވެފައިވާ ކަމަށް، ޗެރިޓީ ގްރޫޕް އޮކްސްފަމް އިން ބުނެފި އެވެ.

އެންމެ މުއްސަނދި ފަސް މީހުންގެ މިލްކިއްޔާތު 2020 ވަނަ އަހަރުގެ ފަހުން ދެ ގުނަ އިތުރުވެފައިވާ ކަމަށް، ޗެރިޓީ ގްރޫޕް އޮކްސްފަމް އިން ބުނެފި އެވެ.

އާދަޔާ ހިލާފަށް މުއްސަނދި ނުވަތަ "އަލްޓްރާ-ރިޗް" މީހުންގެ ނުފޫޒުން ގައުމުތަކުގެ ޓެކްސްގެ ސިޔާސަތު ސަލާމަތްކުރުމަށް ގޮވާލަމުން އޮކްސްފަމް އިން ޑާވޯސްގެ ވޯލްޑް އިކޮނިމިކް ފޯރަމްގައި ނެރުނު ރިޕޯޓެއްގައި ބުނީ އެންމެ މުއްސަނދި ފަސް މީހުންގެ މިލްކިއްޔާތު 2020 ވަނަ އަހަރު 405 ބިލިއަން ޑޮލަރުގައި ހުރުމަށް ފަހު މިދިޔަ އަހަރުގެ ނިޔަލަށް 869 ބިލިއަން ޑޮލަރަށް އަރާފައިވާ ކަމަށެވެ.

އެންމެ މުއްސަނދި ފަސް މީހުންނަކީ އީލޮން މަސްކް (251.3 ބިލިއަން)، ބާނާޑް އާނޯލްޓް (200.7 ބިލިއަން)، ޖެފް ބެޒޯސް (168.4 ބިލިއަން)، ލެރީ އެލިސަން (135.3 ބިލިއަން) އަދި މާކް ޒަކަބާގް (125.3 ބިލިއަން) އެވެ.

އެކަމަކު 2020 ވަނަ އަހަރުގެ ފަހުން ފަސް ބިލިއަނެއްހާ މީހުން އިތުރަށް ފަގީރުވެފައިވާ ކަމަށް އޮކްސްފަމް އިން ބުންޏެވެ.

މި ބިލިއަނަރެއްގެ މިލްކިއްޔާތަށް 2020 ވަނަ އަހަރާ އަޅާބަލާއިރު މިހާރު 3.3 ޓްރލިއަން ޑޮލަރު އިތުރު ވެފައިވާ ކަމަށާއި އެކަމަކު އެ މުއްސަނދިކަން ލިބުނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔޭގެ އިގްތިސާދު ހީނަރުވެފައި ވަނިކޮށްކަން ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ.

އާމްދަނީގެ ފަރަގު ބޮޑުވާ މައްސަލައާ ގުޅޭ ގޮތުން އޮކްސްފަމް އިން ކޮންމެ އަހަރަކު ނެރޭ މި ރިޕޯޓްގައި ބުނެފައިވަނީ މުއްސަނދިކަން އިތުރުވުމުގެ އެންމެ ބޮޑު އެއް ސަބަބަކަށް ވީ ކުންފުނިތަކުގެ ހިއްސާގެ އަގު އުފުލުން ކަމަށާއި އެކަމަކު މުއްސަނދިންގެ ނުފޫޒު ގަދަވުމަކީ ވެސް ބޮޑު ސަބަބެއް ކަމަށެވެ.

"އާމްދަނީގެ ފަރަގު ބޮޑުކުރުމަށް ވިޔަފާރީގެ ނުފޫޒު ގެންދަނީ ބޭނުންކުރަމުން. އެއީ މުވައްޒަފުން ނިކަމެތިކޮށް، މުއްސަނދި ހިއްސާދާރުންނަށް ބާރު ދީ، ޓެކްސް އަށް އޮޅުވާލައި ދައުލަތުގެ ވިޔަފާރިތައް އަމިއްލަކޮށްގެން،" އޮކްސްފަމް އިން ބުންޏެވެ.

ވިޔަފާރިތަކުން ގެންދަނީ ޓެކްސްއާ ދެކޮޅަށް ދުރުރާސްތާ ވިސްނުމުގައި "ހަނގުރާމައެއް" ކުރަމުން ކަމަށާއި މި ކަންކަމުގެ ސަބަބުން އާމްދަނީގެ ފަރަގު ބޮޑުވެ މުސްތަގުބަލުގައި އަދި މާބޮޑެތި މައްސަލަތައް ފެންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މުޅި ދުނިޔެއަށް ބަލާއިރު ވެސް ޓެކްސްގެ ނިޒާމުތަކުގައި ބާގަނޑުތައް ގިނަވަމުންދާ ކަމަށާއި އެހެންވެ މުއްސަނދިގެ ފަރާތުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ މަދުވާކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ރިޕޯޓްގައިވާ ގޮތުން އޯއީސީޑީ ގައުމުތަކުގައި ކޯޕަރޭޓް ޓެކްސްގެ ނިސްބަތް 1980 ވަނަ އަހަރު 48 ޕަސެންޓުގައި ހުރި ނަމަވެސް 2022 ވަނަ އަހަރާ ހިސާބަށް އައި އިރު ވަނީ 23.1 ޕަސެންޓަށް ދަށްވެފަ އެވެ. --އޭއެފްޕީ