Roadha Mihaaru
ބަންދުކުރި ދަނބިދޫ ސްކޫލަށް ޓީޗަރުން ފޮނުވަނީ

ބެލެނިވެރިން ނިކުމެ ބަންދުކުރި ދަނބިދޫ ސްކޫލަށް ޓީޗަރުން ފޮނުވަނީ

09 ޖެނުއަރީ 2024

ޓީޗަރުން ހަމަނުކޮށް ކިޔަވައިދޭން ފެށުމުން ބެލެނިވެރިން ނުކުމެ މިއަދު ބަންދުކުރި ލ. ދަނބިދޫ ސްކޫލަށް ޓީޗަރުން ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ޓީޗަރުން ހަމަނުކޮށް ކިޔަވައިދޭން ފެށުމުން ބެލެނިވެރިން ނުކުމެ މިއަދު ބަންދުކުރި ލ. ދަނބިދޫ ސްކޫލަށް ޓީޗަރުން ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ސަތޭކަ ފަންސާސް ދަރިވަރުން ކިޔަވާ ސްކޫލުގެ ބެލެނިވެރިން ނުކުމެ އެ ތަން ބަންދުކުރީ ޓީޗަރުން ހަމަނުވުމާއި ސްކޫލުގެ ކްލާސްރޫމުތައް ބާވެ، ބޭނުން ނުކުރެވޭ ހާލަތުގައި ހުރުމުންނެވެ.

އެ ރަށު ކައުންސިލްގެ ނައިބު ރައީސް ހުސެއިން ފަޒީލް ވިދާޅުވި ގޮތުގައި މިއަދު ހެނދުނު ފެށި މުޒާހަރާ އެ ސްކޫލު ދޮރުމަތީގައި އަދި ވެސް ކުރިއަށްދާ ކަމަށެވެ. އެ ބެލެނިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ، އިކޮނޮމިކްސް އަދި ބިޒްނަސް ކިޔަވައިދޭ ޓީޗަރެއް ހަމަނުޖައްސައި ދިގުލައިގެން ދިއުމެވެ.

އޭގެ އިތުރުން، ސްކޫލު މަރާމާތުކުރަން ފާއިތުވި ތިން އަހަރު ބަޖެޓު ހަމަޖެއްސިއަސް އެކަން ކޮށްފައިނުވާތީ ދަނބިދޫ ސްކޫލުގެ ޕްރިންސިޕަލް އިސްތިއުފާ ދިނުމަށް ގޮވާލަމުންދާ ކަމަށް، ފަޒީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ސްކޫލުގެ އިމާރާތް ހުރީ ވަރަށް ބާވެ، ބޮލަށް ވެއްޓޭ ވަރަށް ހަލާކުވެފަ އެވެ.

"އަދިވެސް މުޒާހަރާ ކުރިއަށް ދަނީ. ހުއްޓާ ގޮތަކަށް ނޫން ތިބީ. އެއީ މިދިޔަ ދެތިން އަހަރު ވެސް ސްކޫލު މަރާމާތު ކުރުމަށް ބަޖެޓު ހަމަޖެހިފައި އޮތް ކަމަށް ބުނަމުން އައީ. އެކަމަކު ސްކޫލު މަރާމާތް ނުކުރާ ކަމަށް ބެލެނިވެރިން ބުނަނީ. ދެން އަނެއް ކަމަކަށް މިހާރުގެ ޑިމާންޑަކީ ޕްރިންސިޕަލް އިސްތިއުފާ ދިނުން." އޭނާ ވިދާޅުވި ެވެ.

އެ މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ސްކޫލު ބަންދުކުރި މައްސަލަ ބަލައި އެ ރަށު ސްކޫލަށް ބޭނުންވާ ޓީޗަރުން ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް، ޓީޗަރު ފޮނުވޭނެ ދުވަހެއް ނޭނގެ އެވެ.

ބެލެނިވެރިންގެ މުޒާހަރާއާ ގުޅިގެން އެއުކޭޝަން މިނިސްޓްރީގެ ދެ އޮފިޝަލަކު މާދަމާ އެ ރަށަށް ވަޑައިގަންނަވަން ވަނީ ހަމަޖައްސައިފަ އެވެ.