30 ޖޫން 2021
ސްކޫލުތައް ފަށާ ދުވަސްވަރަށް ގެނައި ބަދަލާ އެކު، ގްރޭޑު 1 އިން ޖާގަ ދިނުމުގައި ބަލާ މިންގަނޑުން ދަރިވަރުންނަށް ގެއްލުންވާ ކަމަށް ބުނެ ބެލެނިވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ސްކޫލުތައް ފަށާ ދުވަސްވަރަށް ގެނައި ބަދަލާ އެކު، ގްރޭޑު 1 އިން ޖާގަ ދިނުމުގައި ބަލާ މިންގަނޑުން ދަރިވަރުންނަށް ގެއްލުންވާ ކަމަށް ބުނެ ބެލެނިވެރިންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ސްކޫލުތައް ފަށަމުން ދިޔައީ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. އެކަމަކު ކޮވިޑު-19 ގެ ސަބަބުން، މި އަހަރު ދިރާސީ އަހަރު ފެށުން އޮގަސްޓް 10 އަށް ބަދަލުކޮށް، އެ ނިންމުން ދާއިމީކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
ތައުލީމުގެ ގާނޫނުގައިވާ ގޮތުން ހަތަރު އަހަރުގައި ތައުލީމީ ހަޔާތް ފަށައި 18 އަހަރުގައި ސާނަވީ ތައުލީމް ފުރިހަމަ ކުރަންޖެހޭނެ އެވެ. ނަމަވެސް ދަރިވަރުން ސްކޫލަށް ވެއްދުމުގެ އުމުރު ފުރާ ކަނޑައަޅާ އުސޫލު މިހާރު އޮތީ ގާނޫނާ ތައާރުޒުވާ ގޮތަށް ކަމަށް ބައެއް ސްކޫލުތަކުގެ އިސް ވެރިން ގަބޫލުކުރައްވަ އެވެ.
އެ މީހުންގެ ކަންބޮޑުވުމަކީ ދިރާސީ އާ އަހަރަށް ގެނައި ބަދަލާ އެއްގޮތަށް ދަރިވަރުންގެ އުމުރުފުރާ ބެލުމުގައި ބަދަލެއް ނުގެނުމެވެ. އެގޮތުން، ޖުލައި-އޮގަސްޓް މަހަށް އުމުރު ކަނޑައެޅުމުގެ ބަދަލުގައި އަދިވެސް ސަރުކާރުން އަމަލުކުރަނީ ކުރިން ވެސް އޮތް ގޮތަށް ޖެނުއަރީން ޑިސެމްބަރަށް އޮތް އެކަޑަމިކް ކަލަންޑަރުގެ އުމުރުފުރާ ޕޮލިސީއާ އެއްގޮތަށެވެ.
އަންނަ އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރު، އެޑިއުކޭޝަން މިނިސްޓްރީގެ އާ ކްރައިޓީރިއާގެ ދަށުން ގްރޭޑު 1 އަށް ވަންނަ ދަރިވަރުން ތިބެން ވާނީ ހަތް އަހަރު ފުރިފަ އެވެ. ކުރީގެ އުސޫލުން އަމަލުކުރާ ނަމަ އެ ދަރިވަރުންނަށް ހަ އަހަރު ފުރިފައި ތިއްބަސް ގްރޭޑް 1 އަށް ވަދެވެންޖެހޭނެ އެވެ. އެއީ އެ ދަރިވަރު އޮގަސްޓް 2021 އިން ޖުލައި 2022 އަށް ހަތް އަހަރު ފުރޭނެތީ އެވެ.
ސްކޫލަކުން ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވީ އެ ކްރައިޓީރިއާގެ ސަބަބުން ޔޫކޭޖީގައި މިހާރު ކިޔަވަމުން އަންނަ ގިނަ ދަރިވަރުންތަކެއް، 30 މަހަށްވުރެ ގިނަ ދުވަހަށް ޕްރީ ސްކޫލުގެ އެންމެ ފަހު ގްރޭޑުގައި ރިޕީޓްވާންޖެހޭ ކަމަށެވެ. އެއީ އާއްމު އުސޫލުގެ މަތިން ދަރިވަރުން ގްރޭޑެއްގައި ހޭދަކުރަންޖެހޭ 12 މަސްދުވަހާއި ސަރުކާރުން އަލަށް އިތުރުކުރި ހަ މަސްދުވަހުގެ އިތުރުން ދަރިވަރުން ރިޕީޓްވާން ޖެހުމުން އަލުން ފުރިހަމަ ކުރަންޖެހޭ 12 މަސް ދުވަސް ގުނައިގެންނެވެ.
"މިއީ ތައުލީމީ ގޮތުން ބަލާއިރު ތާކުންތާކު ނުޖޭހޭ އުސޭލެއް. އެކަޑެމިކް ކަލަންޑަރަށް ބަދަލު ގެނެވިދާނެ. އަކަމަކު މިނިސްޓްރީން ހިތުހުރި ގޮތަކަށް ދަރިވަރުން ސްކޫލަށް ވެއްދުމުގައި ގެންގުޅޭ އުމުރުފުރާ ބަދަލެއް ނުކުރެވޭނެ. ގްރޭޑުތަކަށް ދަރިވަރުން ވަންނަ އުމުރު ފުރާ ކަނޑައެޅިފައި ހުންނަންވާނީ ދަރިވަރުން ހެދިބޮޑުވެފައި ހުރި މިންވަރަށް ބަލައިގެން،" ނަން ނުޖެހުމަށް ޝަރުތުކޮށް، ސްކޫލަކުން ވާހަކަދެއްކެވި އިސްވެރިޔަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލަ ދިމާވެގެން މިހާރު ވެސް އެތައް ސަތޭކަ ދަރިވަރުން ވަނީ ޔޫކޭޖީގައި ރިޕީޓްވާން މަޖުބޫރުވެފަ އެވެ. އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނުކުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަފްސާނީގޮތުން ވެސް އެތައް އަސަރުތަކެއް ކޮށްފައި ހުއްޓައި މިހެން ދިމާވުމަކީ ކުދިންނަށް ލިބޭނެ ވަރަށް ބޮޑު ދެރައެއް. މިނޫން ގޮޮތަކަށް އުސޫލު ބަދަލުކުރަންޖެހޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
ގްރޭޑް އެކަކުން ގިނަ ދަރިވަރުންނަށް ޖާގަ ނުލިބުމުން މި އަހަރު ޔޫކޭޖީގައި ކްލާސްތައް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
- ބޭބީ ނާސަރީއަށް ވެއްދުމުގައި ބަލާނީ ދެ އަހަރު ފުރި ތިން އަހަރު ނުފުރޭ ކުދިން
- ނާސަރިން ޖާގަ ދޭނީ ތިން އަހަރު ފުރި ހަތަރު އަހަރު ނުފުރޭ ކުދިން
- ޑިސެމްބަރު 31، 2021 އަށް ފަސް އަހަރު ފުރޭ ދަރިވަރުން
(ނާސަރީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ ހަތަރު އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި މާޗު 31، 2022 އާ ހަމައަށް ފަސް އަހަރު ފުރޭނެ ދަރިވަރެއް ކަމުގައިވާނަމަ އެ ދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުންނަމަ އެ ދަރިވަރަކަށް އެލްކޭޖީން ޖާގަ ލިބޭނެ އެވެ. މީގެ އިތުރުން ނާސަރީ ފުރިހަމަކޮށްފައިނުވާ، އަލަށް ސްކޫލަށް ވަންނަ ދަރިވަރުންގެ ތެރެއިން އޮގަސްޓް 1، 2021 އަށް ހަތަރު އަހަރު ފުރޭ ދަރިވަރުންނަށް ވެސް އެލްކޭޖީން ޖާގަ ލިބޭނެ އެވެ.)
- ޑިސެމްބަރު 31، 2021 އަށް ހަ އަހަރު ފުރޭ ދަރިވަރުން
(އޮގަސްޓް 1، 2021 އަށް ފަސް އަހަރު ފުރޭ ދަރިވަރުން، މިހާރު މި ހިނގާ ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގައި ހަ މަސް ދުވަހުގެ ހާއްސަ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ދަރިވަރުން، 2021-2022 ވަނަ އަހަރުގެ ދިރާސީ އަހަރުގައި ޔޫކޭޖީއަށް ވައްދަންވާނެ އެވެ. އެލްކޭޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ ފަސް އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި މާޗު 31، 2022އާ ހަމައަށް ހަ އަހަރު ފުރޭނެ ދަރިވަރެއް ކަމުގައިވާނަމަ އެ ދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުން ނަމަ އެ ދަރިވަރަކަށް ޔޫކޭޖީން ޖާގަ ލިބޭނެ އެވެ.)
- ޑިސެމްބަރު 31، 2021 އަށް ހަތް އަހަރު ފުރޭ ދަރިވަރުން
(ޔޫކޭޖީ ފުރިހަމަކޮށްފައިވާ ދަރިވަރަކީ ހަ އަހަރު ފުރި އަދި ފެށޭ ދިރާސީ އަހަރުގެ ތެރޭގައި މާޗު 31، 2022 އާ ހަމައަށް ހަތް އަހަރު ފުރޭނެ ދަރިވަރެއް ކަމުގައިވާނަމަ އެ ދަރިވަރެއްގެ ބެލެނިވެރިޔާ ބޭނުންނަމަ އެ ދަރިވަރަކަށް ގްރޭޑު އެކަކުން ޖާގަ ލިބޭނެ އެވެ.)
އެ އުސޫލާ މެދު ކަންބޮޑުވުން ފާޅުކުރި ބެލެނިވެރިޔަކު "މިހާރު" އަށް ބުނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅަށް ގްރޭޑު އެކަކުން ޖާގަ ލިބުނުކަން އެޑިއުކޭޝަން މިނިސްޓްރީން އެންގުމަށް ފަހު އެ ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ، ކަނޑައަޅާފައިވާ އުމުރަށްވުރެ އެ ކުއްޖާ 15 ދުވަސް ހަގު ވުމެވެ.
"މިހެން ހެދީމަ ކުއްޖާ ތިން ފަހަރަށް މި ޖެހެނީ ޔޫކޭޖީގައި ކިޔަވަން. ފުރަތަމަ ޔޫކޭޖީއަށް ވެއްދީ ހަގުކޮށް، އެ ފުރުސަތު ލިބުނީމަ. އެކަމަކު ކޮވިޑާ ހެދި ތިން ވަނަ ފަހަރަށް އެއް ގްރޭޑެއްގައި ރިޕީޓްވެގެން މި ދަނީ. އެއީ ކުއްޖާއަށް ވެސް ލިބޭ ގެއްލުމެއް. ކިޔެވުން މަތިން ވެސް ފޫހިވެގެން މި ދަނީ އަބަދު އެކައްޗެއް ކިޔަވާ،" އެ ބެލެނިވެރިޔާ ބުންޏެވެ.
ގްރޭޑު އެކަކުން ފުރުސަތު ނުލިބުނަސް، އެ ކުއްޖާއަށް ވުރެ ދެ އަހަރު ހަގު ފިރިހެން ކޮއްކޮ ވަނީ އެލްކޭޖީއަށް ބަދަލުވެފަ އެވެ.
"އެއް މަހެއްގައި ވިހާފައި ހުރި ދެ އަހަރުގެ ތަފާތު ހުންނަ ދެ ކުދިން އެއީ. އެކަމަކު ދޮށީ ކުއްޖާ މި ޖެހެނީ ޔޫކޭޖީގައި ކިޔަވަން ހަގަށް ހުންނަ ކުއްޖާ އެލްކޭޖީގައި އުޅޭއިރު. ވިސްނާލީމަ ވެސް އެބަ އިނގޭ ދެ ގްރޭޑުގެ ތަފާތު ހުންނަންޖެހޭކަން އެ ދެ ކުދިންގެ މެދުގައި. އެކަމަކު ވެސް ވަރަށް މަސައްކަތް ކޮށްގެން ވެސް ފުރުސަތެއް ނުލިބުނު،" ބެލެނިވެރިޔާ ބުންޏެވެ.
އޭނާ ބުނީ، އެކި ގޮތްގޮތުން މަސައްކަތްކޮށްގެން ވެސް ގްރޭޑު އެކަކުން ޖާގައެއް ނުލިބުނު ކަމަށެވެ. އެހެންވެ، ދަރިފުޅުގެ އުމުރު މައްޗަށް ދިޔަސް ޔޫކޭޖީގައި ކިޔަވަން މަޖުބޫރުވެފައިވާ ކަމަށް އެ ބެލެނިވެރިޔާ ބުނެ އެވެ.
ތައުލީމް ހިލޭވިޔަސް ސްކޫލަށް ބެލެނިވެރިންގެ ހޭދަ ބޮޑު!
ބޮޑެތި ގޯސްތަކުން ސްކޫލުތަކުގެ އިތުބާރު ގެއްލެނީ؟
ޓީޗަރުންނާއި، ފޮތްތައް ހަމަނުވާކަމުގެ ޝަކުވާތަކެއް
އަލުން ސްކޫލަށް، ތިބީ އުފަލުން ފޮޅިފައި
މިއީ ދަރިވަރުންނަށް ޕްރެޝަކުރަންވީ ވަގުތެއް ނޫން
ސްކޫލަށް ނުދާތާ ހަ މަސް، ކުދިންގެ އުޅުމަށް ބަދަލު!
ކިޔެވުން އޮންލައިންކޮށް، އިންޓަނެޓަކަށް ނުވަދެވޭ
"ސްކޫލަށް ފޮނުވާ، ރައްކާތެރިކަން ޔަގީންކޮށްދޭނަން"
ކުރިއަށްދާނެ ދާއިރާއެއް މަޖުބޫރުކޮށްގެން ނުވާނެ: ރައީސް
ފޮތް ދަބަސް ހަމަ ބަރު، ހައްލެއް ނެތީތަ؟