Roadha Mihaaru
"ފްލެޓުގެ މައްސަލަ އަވަހަށް ނިންމަން މަސައްކަތްކުރަން"

ފްލެޓުގެ މައްސަލަ އަވަހަށް ނިންމަން މަސައްކަތްކުރަން، ނިމޭނެ ދުވަހެއް ނޭނގެ: އޭސީސީ

09 ޖެނުއަރީ 2024

ފަހި ދިރިއުޅުމުން އިމާރާތްކުރަމުން އަންނަ ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭނެ މީހުން ކަނޑައަޅައި ނެރުނު ލިސްޓާ ގުޅޭ ގޮތުން ބަލަމުން އަންނަ ކަންކަން ވީހާވެސް އަވަހަށް ނިންމަން މަަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަކު އެ ތަހުގީގު ނިމޭނެ ދުވަހެއް ނޭނގޭ ކަމަށް އޭސީސީން ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފަހި ދިރިއުޅުމުން އިމާރާތްކުރަމުން އަންނަ ގެދޮރުވެރިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭނެ މީހުން ކަނޑައަޅައި ނެރުނު ލިސްޓާ ގުޅޭ ގޮތުން ބަލަމުން އަންނަ ކަންކަން ވީހާވެސް އަވަހަށް ނިންމަން މަަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަކު އެ ތަހުގީގު ނިމޭނެ ދުވަހެއް ނޭނގޭ ކަމަށް އޭސީސީން ބުނެފި އެވެ.

އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް އިއްޔެ ވިދާޅުވީ ހައްސާސީ މައްސަލައަކަށް ވުމުން، ފްލެޓާ ގުޅޭގޮތުން ހުށަހެޅި މައްސަލަތައް ވީހާ އަވަހަކަށް ނިންމަން ތަހުގީގު ޓީމުން މަސައްކަތްކުރާ ކަމަށެވެ.

ނަމަވެސް، ކުރިއަށްދާ ތަހުގީގަކަށް ވުމުން، ތަހުގީގު މަރުހަލާ ތެރޭގައި ވެސް ފާހަގަވާ އިތުރު ކަންކަން ހުންނާތީ، ތަހުގީގު ނިންމާލެވޭނެ ދުވަހެއް ބުނަން ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ދެ ހަފުތާގެ ތެރޭގައި ފްލެޓާއި ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށް ނިންމާނެ ކަމަށް މި މަހުގެ 2 ވަނަ ދުވަހު ވިދާޅުވެފަ އެވެ. އެކަމަކު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ، ފްލެޓުގެ ލިޔުން ހަވާލުކުރާނީ އޭސީސީގެ ތަހުގީގު ނިމުމުން ކަމަށް ފަހުން ވިދާޅުވެފަ އެވެ.

މިނިސްޓަރު ހައިދަރު "މިހާރު" އަށް ވިދާޅުވީ އޭސީސީގެ ތަހުގީގަށް މައުލޫމާތު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދިވެސް ތަހުގީގު ނުނިމޭތީ ފްލެޓް ލިއުން އަދި ދޫނުކުރެވޭނެ ކަމަށް، މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދާއިމީ ލިސްޓުގައި ފްލެޓަށް ޝަރުތު ހަމަވާ 13،000 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން، އެންމެ ފުރަތަމަ ކަނޑައެޅީ 4،000 ފްލެޓް މީހުންނެވެ. ތިން ކޮޓަރި ދޭން ހަމަޖައްސާފައިވަނީ 76 ޕޮއިންޓަށް ވުރެ މަތިން ލިބޭ މީހުންނަށެވެ. އަދި ދެ ކޮޓަރީގެ ފްލެޓު ދޭނީ 73 ޕޮއިންޓަށް ވުރެ މަތިން ލިބުނު މީހުންނަށެވެ.

ހައިދަރު ވިދާޅުވީ އެ ކްރައިޓީރިއާއަކަށް އެއްވެސް ބަދަލެއް ނުގެންނާނެ ކަމަށެވެ. އަދި ކުރީގެ ލިސްޓުގައި އެއްވެސް މައްސަލައެއް ނެތް ނަމަ، ހަމަ އެ ލިސްޓަށް، ފުރަތަމަ 4،000 ފްލެޓު ލިބުނު މީހުންނަށް ލިޔުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.