Roadha Mihaaru
މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އުމަރު ވާދަކުރައްވަނީ

ޕްރައިމަރީ މިނިވަނެއް ނުވާނެ، ވިސްނުމަކީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުން: އުމަރު

13 ފެބުރުއަރީ 2017

ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ހިޔާލު ދޫކޮށްލައްވައި، 2018 ގެ ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ހިޔާލު ދޫކޮށްލައްވައި، 2018 ގެ ރިޔާސީ އިންތިޚާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ނިންމަވައިފި އެވެ.

އުމަރު "މިހާރު" އަށް ވިދާޅުވީ ކުރިން އޭނާ ނިންމެވީ، ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރައްވައި ޕާޓީގެ ޓިކެޓުގައި ވާދަކުރައްވަން ކަމަށެވެ. އެކަމަކު ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ ކުރިއަށް ގެންދިޔަ ގޮތުން، ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ވެސް އިންސާފުވެރިވެދާނެ ކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިވަން ރިޔާސީ ޕްރައިމަރީއެއް ވެސް ލިބުމުގެ ފުރުސަތެއް ނެތް. އެހެންވީމަ އަޅުގަނޑުގެ ވިސްނުން މިހާރު ހުރީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން،" އުމަރު ވިދާޅުވި އެވެ.

"އޭގެ މާނައަކީ އިންތިހާބަށް އެކި ކޯލިޝަންތައް ހެދިގެންދާއިރު، އަޅުގަނޑު ބައިވެރި ނުވާނެ ވާހަކައެއް ވެސް ނޫން، އެ ކޯލިޝަންގެ ތެރެއިން ވެސް އަޅުގަނޑު ފެނިދާނެ."

އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަތްޕުޅަށް ގައުމު ދޫކޮށްލައިގެން ނުވާނެ އެވެ. ތިން ވަނަ ފޯސްއެއް، ގައުމަށް ބޭނުންވާ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އިންތިހާބާ ކައިރިވާއިރު ތިން ވަނަ ފޯސްއެއް އޮންނާނެ،" ތަފްސީލް ނުދެއްވައި އުމަރު ވިދާޅުވި އެވެ.

މިދިޔަ ހަފުތާގައި ލަންޑަނަށް ވަޑައިގެން އުމަރު ވަނީ، އަމިއްލަ އަށް އަރުވާލެއްވިގެން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ސިޔާސީ ލީޑަރުންނާ ބައްދަލުކުރައްވައި ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް ހިމެނިވަޑައިގަންނަވަ އެވެ.

އުމަރު ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި އެއްވެސް ކަމެއް ނުނިންމަ އެވެ.

އިންތިހާބަށް ނިންމުންތަކެއް ނުނިމުނީ، އޭނާ ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން ގިނަ ބޭފުޅުން މިވަގުތު ތިއްބެވީ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގައި ކަމަށް ވާތީ އެވެ. އެކަމަކު އިންތިހާބުގައި އެ ބޭފުޅުންގެ އެއްބާރުލެއްވުން ވެސް ލިބިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އުމަރު ވިދާޅުވި އެވެ.

"ރިޔާސީ ރޭހުގައި އަޅުގަނޑުގެ ނަން އޮންނާނެ، ޖަލުގައި ނެތިއްޔާ،" އުމަރު ވިދާޅުވި އެވެ.

ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވާ ރައީސް އަބްދުﷲ ޔާމީނަށް 2018 ކާމިޔާބު ނުކުރެއްވޭނެ ކަަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. ސަބަބަކީ އެމަނިކުފާނާ ކޯލިޝަން ހަދާނެ ބަޔަކު މިހާރު ރާއްޖޭގައި ނެތުމުން ކަމަށް ވެސް އުމަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވަން 2013 ގައި، ރައީސް ޔާމީނާ އުމަރު ވާދަކުރެއްވި އެވެ. އެކަމަކު ދެ ވަނަ ބުރުގައި ރައީސް ޔާމީންގެ ކޯލިޝަނުގައި ހިމެނިވަޑައިގަތެވެ. އަދި މި ސަރުކާރުގެ ހޯމް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ. އޭނާ އިސްތިއުފާ ދެއްވީ، ރައީސް ޔާމީންގެ ބައެއް ނިންމެވުންތަކާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ.