Roadha Mihaaru
"ޖަމީލަކީ ޔާމީންގެ ދުޝްމަނެއް،ނަގަނީ ނާޖާއިޒު ފައިދާ"

ޖަމީލަކީ ޔާމީންގެ ދުޝްމަނެއް، ގެންދަނީ ޔާމީންގެ ނާޖާއިޒު ފައިދާ ނަގަމުން: އަބްދުއްރަހީމް

25 ނޮވެމްބަރ 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގިނަ ދުވަސްތަކެއް ޖަލަށް ލާފައިވުމުން އެ މަނިކުފާނަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނަންގަވާ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގިނަ ދުވަސްތަކެއް ޖަލަށް ލާފައިވުމުން އެ މަނިކުފާނަށް ކުރިމަތިވެފައިވާ ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ނަންގަވާ ކަމަށް ވިދާޅުވެ، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ މިއަދު ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމު ވެސް ފުރުއްވާ އަބްދުއްރަހީމް "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އެހެން ވިދާޅުވީ، ޕީޕީއެމްގެ ލީޑަޝިޕާ މެދު ހިތްހަމަޖެހިވަޑައިނުގެން ޔާމީން އިއްޔެ ރޭ ޕީޕީއެމް ދޫކުރައްވާފައިވަނިކޮށެވެ.

މަނީ ލޯންޑްރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އައިސް، އެ މަނިކުފާނަކީ ގައިދީއަކަށް ވާތީ ޔާމީންގެ ފަރާތްޕުޅުން މީޑިއާއާ ވާހަކަ ދައްކަވަނީ ޖަމީލާއި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.

ޖަމީލްގެ ވާހަކަތަކުގައި އެންމެ ބޮޑަށް ރައްދު ދެއްވަނީ ރައީސް ޑރ. މުއިއްޒުގެ އެންމެ އަރިސް އެއްބޭފުޅާ އަބްދުއްރަހީމަށެވެ.

އަބްދުއްރަހީމް "މިހާރު" އަށް ވިދާޅުވީ މިހާރު ފެންނަމުންދަނީ ޔާމީންގެ ދުޝްމަނުން އެ މަނިކުފާނު ހަލާކުކުރަމުންދާ ތަން ކަމަށާއި ޖަމީލަކީ ޔާމީންގެ ދުޝްމަނެއް ކަމަށެވެ. ޖަމީލަކީ ޔާމީންގެ ސަރުކާރު ވައްޓާލައި، އެމްޑީޕީގެ ސަރުކާރެއް ގެންނަން އެންމެ ބޮޑު މަސައްކަތެއް ކުރެއްވި އެއް ބޭފުޅާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"ޔާމީންގެ ނައިބު ރައީސް ކަމުން ޖަމީލު ވަކިކުރި ހިސާބުން ފެށިގެން އިދިކޮޅުން އުފެއްދި ހަރަކާތުގެ ލީޑަރަކީ ޖަމީލު. އިނގިރޭސި ވިލާތުގައި ހުންނަވައި، ޓީވީ ކުރިމައްޗަށް އަރާވަޑައިގެން ޔާމީނަށް ހަޑި ހުތުރު ބަހުން މުއާމަލާތް ކުރީ. އެހެންވީމާ ޔާމީންގެ ސަރުކާރު ވައްޓާލަން އެންމެ ގަދައަށް މަސައްކަތް ކުރި މީހުން މިއަދު ނުކުމެ ޔާމީންގެ ދިފާއުގައި ވާހަކަ ދައްކަން ފެށީމަ އަޅުނޑަށް ގަބޫލެއް ނުކުރެވޭ އެ އުޅެނީ ރަނގަޅު ނިޔަތެއްގައި ކަމެއް،" ޔާމީނާ އެކު ސިޔާސީ ހަރަކާތްތަކުގައި އެންމެ ގިނަ ދުވަސްވަންދެން މަސައްކަތް ކުރެއްވި އަބްދުއްރަހީމް ވިދާޅުވި އެވެ.

ކިހިނެއްތޯ މުއިއްޒުގެ ކެބިނެޓްގައި ނުވަތަ ނައިބު ރައީސަކަށް ޖަމީލު ލައިގެން މުއިއްޒު މަސައްކަތް ކުރައްވާނީ؟ ޖަމީލަކީ މުއިއްޒު ވެރިކަމަށް އަޔަނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަން ހުންނެވި ބޭފުޅެއް،"--- އަބްދުއްރަހީމް

އޭނާ ވިދާޅުވީ ޔާމީން ޕީޕީއެމް ދޫކުރައްވައި މިއަދު ވަޑައިގަތީ ވެސް އެ ނުރަނގަޅު ނިޔަތުގެ ތެރެއިން ކައިރީގައި ތިބި އަމިއްލަ އެދުން ނޫން އެހެން ކަމެއް ނެތް ބައެއްގެ ނުފޫޒުން ކަމަށެވެ.

"ޔާމީން މި ވޭތުވެދިޔަ ފަސް އަހަރު އެ ހޭދަކުރެއްވީ ބަންދުގައި. ދެ އަހަރެއްހާ ދުވަހު މީހަކު ޖަލުގައި ބާއްވާލީމާ އެނގޭނީ އޭގެ ހުރި އަސަރާއި ކެކުޅުމާއި ހިތްދަތިކަމާއި ވޭނާ. އެ ހާލަތުގައި ޔާމީން ހުންނެވި ދަނޑިވަޅެއްގެ ނާޖައިޒު ފައިދާ ޖަމީލާއި މަލީހު ނަންގަވާ ތަން އަޅުގަނޑަށް ފެންނަނީ. އެއީ އާހިރުގައި މިވާ ގޮތަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ ބޭފުޅުން ބޭނުންފުޅުވާހާ ގޮތަކަށް ޑރ. މުއިއްޒުގެ ސަރުކާރުގެ ތެރެއިން ޖާގަ ލިބިވަޑައިނުގަތީމާ އެ ބޭފުޅުން ބޭނުންވީ ޑރ. މުއިއްޒުގެ ވެރިކަމަށް ހުރި ގޮންޖެހުމަކީ ރައީސް ޔާމީން ކަމަށް ހަދަން. އެއީ އެ ކުރައްވާ މަސައްކަތަކީ. މި ގައުމުގެ ރައްޔިތުންނަށް އެނގޭނެ ޖަމީލަކީ ކިތައް އަނގައިގެން ވާހަކަ ދައްކަވާ ބޭފުޅެއް ކަން."

ޕީޕީއެމްގެ ޖަލްސާއެއްގައި އަބްދުއްރަހީމް އާއި ޖަމީލު: ދެ ބޭފުޅުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކު ފާޑުވިދާޅުވެފައި

ޕީޕީއެމްގެ ޖަލްސާއެއްގައި އަބްދުއްރަހީމް އާއި ޖަމީލު: ދެ ބޭފުޅުން ވަނީ އެއް ބޭފުޅަކު އަނެއް ބޭފުޅަކު ފާޑުވިދާޅުވެފައި

އަމިއްލަ ފައިދާ އަށް ޔާމީންގެ ބޭނުން ހިފައިގެން ޖަމީލު، މި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރި ކުރަން ކުރާ މަސައްކަތަށް، އަބްދުއްރަހީމް ވިދާޅުވީ އެއްވެސް ޖާގައެއް ނުދެއްވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ރައީސް ޑރ. މުއިއްޒާ އެކު އޮތީ އެ އަށް ވުރެ މާ އެކުވެރި ބަދަހި ޓީމެކެވެ.

ޖަމީލު ބޭނުންވީ ޔާމީނަށް ފުރުސަތު ބަންދުކޮށް، ޕީޕީއެމްގެ ޓިކެޓް ހޯދަން

އަބްދުއްރަހީމް ތުހުމަތު ކުރެއްވި ގޮތުގައި ޔާމީން މިހާ ގިނަ ދުވަސް ވަންދެން ޖަލަށް ލާފައި ހުންނަން ޖެހުނީ ވެސް ޖަމީލާ ހެދި އެވެ. ޖަމީލު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ޔާމީންގެ ޝަރީއަތް ގަސްދުގައި ރާވައިގެން ލަސްކުރަމުން ގެންދެވި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ހައި ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރުން ވެސް އެހާ ލަސްކުރީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކައިރީގައި އެ ބޭފުޅުން ވިދާޅުވި ހުކުމް ކުރިތާ 72 ގަޑިއިރު ތެރޭ އިސްތިއުނާފު ހުށަހަޅާނެ ކަމަށް. ދެ މަސް ދުވަހަށް ދިގު ދެމިގެން ދިޔައީ ކީއްވެގެންތޯ. ކޮން ސަބަބަކާ ހުރެތޯ؟" އަބްދުއްރަހީމް ސުވާލު ކުރެއްވި އެވެ.

"ޖަމީލުގެ ބޭނުމަކަށް ވީ ޔާމީނަށް އިންތިހާބުގެ ފުރުސަތު ބަންދު ކޮށްފައި ޕީޕީއެމް ޓިކެޓްގައި ވެރިކަމަށް އައުން. އެ މަގުސަދު ފުރިހަމަ ނުވީމާ، އެ ފުރުސަތު އެހެން ބޭފުޅަކަށް ލިބިވަޑައިގެންނެވީ. އެކަމުގެ ހިތްދަތިކަމުގައި އެ އުޅުއްވީ. ކެތްނުކުރެވިގެން އެ އުޅުއްވަނީ."

އަބްދުއްރަހީމް ވިދާޅުވީ ޖަމީލު ތައްޔާރުވެގެން ހުންނެވީ ޕީޕީއެމްގެ ކެންޑިޑޭޓަކަށް ވުމަށް ކަމަށާއި ރައީސް މުއިއްޒު އިންތިހާބުގައި ވާދަަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ދުވަހު ޖަމީލު، ޔާމީނާ ބައްދަލު ކުރެއްވުމަށް ޖަލަށް ވެސް ވަޑައިގެންނެވި ކަމަށެވެ. ނަމަވެސް، ޔާމީނަށް ބަދަލެއް ނުވި ކަމަށާއި ފުރުސަތު ލިބުނީ ފޯނު ކޯލަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަމީލުގެ ބޭނުމަކަށް ވީ ޔާމީނަށް އިންތިހާބުގެ ފުރުސަތު ބަންދު ކޮށްފައި ޕީޕީއެމް ޓިކެޓްގައި ވެރިކަމަށް އައުން. އެ މަގުސަދު ފުރިހަމަ ނުވީމާ، އެ ފުރުސަތު އެހެން ބޭފުޅަކަށް ލިބިވަޑައިގެންނެވީ. އެކަމުގެ ހިތްދަތިކަމުގައި އެ އުޅުއްވީ. ކެތްނުކުރެވިގެން އެ އުޅުއްވަނީ."--- އަބްދުއްރަހީމް

"އަޅުގަނޑަށް އެ ދުވަހު ގުޅުއްވީ މެޑަމް ފާތުން [ޔާމީންގެ އަނބިކަނބަލުން]. ވިދާޅުވީ ޔާމީން މިހާރު ގޮތް ދޫކުރައްވައިފި ކަމާއި [އިންތިހާބު ބޮއިކޮޓްކުރުން] ކުރިއަށް ވަޑައިގަތުމަށް. އެ ޚަބަރު ލިބިވަޑައިގެންނެވުމުން ޖަމީލު ކީރިތި ކުރެއްވި ކަމަށް ޚަބަރު ލިބުނީ. ވިދާޅުވި ކަމަށް ވަނީ ރައީސްއޭ ތިމަންނަ ވެސް ލައްކަ މަސައްކަތް ކޮށްފީމޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"އެ ލެވެލްގައި ވެރިކަމަށް ދަހިވެތިވެފައި ހުންނެވި ބޭފުޅަކަށް އެ ފުރުސަތު ލިބިވަޑައިނުގަތީމާ ކުރައްވާނެ އަސަރު ކުރައްވައިގެން އެ އުޅުއްވަނީ. ދެން އަރާވަޑައިގެން މީހުންނަށް ހެއްދެވި ނުހެއްދެވިއަށް އެ ކިޔަނީ. އަޅުގަނޑު ހިތަށް އަރަނީ ހާދަ ފެންވަރު ދަށޭ."

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި އުފެދޭ ކޮންމެ ސަރުކާރެއްގައި ޖަމީލާއި މަލީހަށް މިނިސްޓަރު ކަން ލިބެން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ރައީސަކު ކެބިނެޓަށް އައްޔަން ކުރައްވާނީ އެ ރައީސަކަށް އިތުބާރު ކުރެއްވޭ ގާބިލް ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

"ކިހިނެއްތޯ މުއިއްޒުގެ ކެބިނެޓްގައި ނުވަތަ ނައިބު ރައީސަކަށް ޖަމީލު ލައިގެން މުއިއްޒު މަސައްކަތް ކުރައްވާނީ؟ ޖަމީލަކީ މުއިއްޒު ވެރިކަމަށް އަޔަނުދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަން ހުންނެވި ބޭފުޅެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުގައި އަބްދުއްރަހީމް ވަނީ ޔާމީނާ ގުޅޭ އިތުރު އެހެން ވާހަކަތައް ވެސް ދައްކަވައިފަ އެވެ.