Roadha Mihaaru
1433: އަވަހަށް ހިދުމަތް ދޭން އާ ހޮޓްލައިނެއް

1433: ފެމިލީ ޑިވެލޮޕްމެންޓުން އަވަަހަށް ހިދުމަތް ދޭން އާ ހޮޓްލައިނެއް

07 ޖެނުއަރީ 2024

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން އަވަހަށް، ވީހާވެސް ފަސޭހައިން ހިދުމަތް ދޭން އާ ހޮޓްލައިން 1433 ތައާރަފްކޮށްފި އެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން އަވަހަށް، ވީހާވެސް ފަސޭހައިން ހިދުމަތް ދޭން އާ ހޮޓްލައިން 1433 ތައާރަފްކޮށްފި އެވެ.

މިނިސްޓަރު ޑރ. އައިޝަތު ޝިހާމް "މިހާރު"އަށް ވިދާޅުވީ އެ މިނިސްޓްރީން ބޭނުން ވަނީ ރައްޔިތުންނާ ވީހާވެސް ގާތުން ހިދުމަތް ދޭން ކަމަށެވެ. ފުރަތަމަ ކަމަކަށް ފައްޓަވާނީ ޖަވާބުދާރީވުން ކަމަށާއި އެ ހިސާބުން ވަރަށް ގިނަ ކަންކަމަށް ލުޔެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ރައްޔިތަކު ކަންބޮޑުވެގެން އަޅުގަނޑުމެންނަށް ގުޅުއްވާ އިރަށް ވަގުތުން ޖަވާބު ދެވެންޏާ ވެސް ވަރަށް ބޮޑެތި ލުއިތަކެއް އަންނާނެ," މިނިސްޓަރު ވިދާޅުވި އެވެ.

ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓްރީން މިހާރު ވެސް 24 ގަޑިއިރު ގުޅޭ ގޮތަށް 1414 އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން 1412 ބޭނުންކުރެ އެވެ.

އާ ހޮޓްލައިން 1433އަށް ގުޅޭނީ ވަކި ގަޑިތަކެއްގަ އެވެ. ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން މެންދުރު 1:30 އަށް އެ ހޮޓްލައިނުން ޖަވާބުދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކޯލު ނުނެގިދާ ހާލަތުތަކުގައި ވަކި ސިސްޓަމެއްގައި މައުލޫމާތު ރައްކާކުރެވި އެފަދަ ކޯލްތަކަށް ވެސް ޖަވާބުދޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވި ގޮތުގައި އަމާޒަކީ އެ ނަމްބަރަށް އަންނަ ހުރިހާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމެވެ. ތިން ލޭޔަރަކުން ހުރިހާ ކޯލްތައް ސުޕަވައިޒްކޮށް ފެބުރުއަރީ މަސް ފެށެންވާ އިރަށް ހޮޓްލައިނަށް އަންނަ އެންމެ ކޯލަކަށް ވެސް ޖަވާބު ނުދެވިގެން ރައްޔިތަކު ޝަކުވާ ކުރަން ނުޖެހޭނެ ގޮތަށް ކަންކަން އިންތިޒާމް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުޖުތަމުގައި ތިބި އެންމެ އަޅާލުން ބޭނުންވާ މީހުންނާއި އަންހެނުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭހެން ވަރަށް ގިނަ ދާއިރާތަކެއް ހިނގާނީ މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.

މިނިސްޓަރު ދެއްވި ޔަގީންކަމަކީ އެހީއަށް ނުވަތަ ރައްކާތެރިކަމަށް އެދިގެން އެ މިނިސްޓްރީގެ ދޮރުން އެތެރެވާ މީހަކު މާޔޫސްވެގެން އެނބުރި ދާން ނުޖެހޭނެ ގޮތަށް ކަންކަން ހައްލުކޮށްދެއްވާނެ އެވެ. ވަށައިޖެހޭ ހައްލެއް ހޯދަން ވަގުތުކޮޅެއް ނެގިޔަސް އިތުބާރުކުރެވޭ ތަނަކަށް އެ މިނިސްޓްރީ ހަދަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.