Roadha Mihaaru
ލަންކާގައި ޑްރަގް ވިއްކާ މީހެއްގެ ހޮޓަލެއް ތަޅާލައިފި

ލަންކާގެ ޑްރަގް އޮޕަރޭޝަން: ޑްރަގް ވިއްކާ މީހެއްގެ ހޮޓަލެއް ތަޅާލައިފި

02 ޖެނުއަރީ 2024

މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި ހިންގާ އޮޕަރޭޝަން "ޔުކްތިޔާ" ގައި، ޑްރަގް ވިޔަފާރިކުރާ މީހެއްގެ ހޮޓަލެއް ތަޅައި ބިމާ ހަމަކޮށްލައިފި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި ހިންގާ އޮޕަރޭޝަން "ޔުކްތިޔާ" ގައި، ޑްރަގް ވިޔަފާރިކުރާ މީހެއްގެ ހޮޓަލެއް ތަޅައި ބިމާ ހަމަކޮށްލައިފި އެވެ.

ދެހިވަލަ ސަރަހައްދުގައި ހުންނަ މި ހޮޓަލަކީ ފިލައިގެން ގައުމުން ބޭރުގައި އުޅެމުން ލަންކާގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހެއްގެ ތަނެއް ކަމަށްވެ އެވެ. އެތަން ތަޅާލަން ނިންމީ އިމާރާތްކުރުން މަނާ ސަރަހައްދެއްގައި އެތަން ހަދާފައި ހުރުމުން ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

އިއްޔެ ހޮޓާ ތަޅާލީ ފުލުހުންގެ އެހީތެރިކަމާ އެކު، ޑިޕާޓްމަންޓް އޮފް ކޯސްޓް ކޮންޒަވޭޝަން އެންޑް ކޯސްޓަލް ރިސޯސް އިންނެވެ.

ފުލުހުންނާ ހަވާލާދީ ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ހޮޓާ ތަޅާލަން އުޅުމުން އެކަމަށް ހުރަސް އެޅި ހޮޓަލުގެ ޑިރެކްޓަރަކާއި އިތުރު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މަސްތުވާތަކެއްޗާއި ގޭންގުތަކާ ދެކޮޅަށް ފެށި އޮޕަރޭޝަނަށް 14 ދުވަސް ވެފައި ވާއިރު މިހާތަނަށް ވަނީ 20،000 މީހަކު ހައްޔަރުކޮށްފަ އެވެ. މީގެ ތެރެއިން 189 މީހެއްގެ މައްޗަށް، ނުހައްގު މުއްސަނދިކަމުގެ ތުހުމަތުކުރެވި މާލީ ތަހުގީގު ހިންގަމުން އަންނަ ކަމަށާއި 1،298 މީހަކު ރިހެބިލިޓޭޝަނަށް ފޮނުވާލާފައިވާ ކަމަށް ވެސް ޕަބްލިކް ސެކިއުރިޓީ މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ގާނޫނާ ހިލާފަށް ހޯދާފައިވާ 558.5 މިލިއަން ރުފިޔާގެ މުދާ ވެސް ދައުލަތަށް ވަނީ ނަގައިފަ އެވެ. އަދި އޮޕަރޭޝަންގައި މިހާތަނަށް 858 މިލިއަން ރުޕީސްގެ މަސްތުވާތަކެތި ވެސް ފެނިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.