Roadha Mihaaru
"މަދިރިން ރައްކާ" ގައުމީ ހަރަކާތް މާދަމާ ފަށަނީ

"މަދިރިން ރައްކާ" ނަމުގައި ގައުމީ ހަރަކާތެއް މާދަމާ ފަށަނީ

29 ޑިސެމްބަރ 2023

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ "މަދިރިން ރައްކާ" ނަމުގައި ހުޅުމާލެ ސާފު ކުރުމުގެ ގައުމީ ހަރަކާތެއް ފަށަން އާބަންކޯ އިން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ "މަދިރިން ރައްކާ" ނަމުގައި ހުޅުމާލެ ސާފު ކުރުމުގެ ގައުމީ ހަރަކާތެއް ފަށަން އާބަންކޯ އިން ނިންމައިފި އެވެ.

މާދަމާ ހެނދުނު 7:30 ގައި ހުޅުމާލެ ފޭސް އެކެއްގެ ރިވެލި ޕާކުގައި ފަށާ އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

ހެލްތު މިނިސްޓްރީ އާއި ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން ކުރިއަށްގެންދާ އެ ހަރަކާތުގައި އާއްމުންނަށް ވެސް ބައިވެރިވެވޭނެ އެވެ.

އާބަންކޯއިން ބުނީ ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ 15 ޓީމަކަށް ބަހާލައިގެން ފޭސް އެކެއް އަދި ފޭސް ދޭއްގައި ކަމަށެވެ. އަދި މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށީގައި ވެސް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އާބަންކޯއިން ކުރާ ކަންކަން:

- އާބަންކޯގެ އިންސްޕެކްޝަން ޓީމުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލައި މަދިރި އާލާވާ ފަދަ 200 އަށްވުރެ ގިނަ ތަންތަން ފާހަގަކޮށް، އެ ތަންތަނަށް ކެމިކަލް އެޅުން

- ހުޅުމާލޭގެ އެކި ސަރަހައްދަށް މަދިރި ދުން ޖެހުން

- ރައްޔިތުން ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައްވެސް ކުރިއަށް ގެންދިއުން

ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށީގައި ވެސް ސާފުކުރުމުގެ މަސައްކަތް ކުރަން އެ ކުންފުނިން ނިންމާފައި ވާއިރު، ވީހާވެސް ގިނަ ބަޔަކު މާދަމާގެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވުމަކީ އާބަންކޯގެ އެދުމެކެވެ.

މަދިރިން ރައްކާތެރިވުމަށް ބޮޑު ހަރަކާތެއް މާދަމާ ފަށަން ނިންމާފައި ވަނީ ރާއްޖެއިން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ފައިލޭރިއާ ޖެހިފައި ތިބި ބަޔަކު މި މަހުގެ 10 ވަނަ ދުވަހު ވަނީ ފެނުމާ ގުޅިގެންނެވެ. މިހާރު ކުރިއަށްގެންދާ ހެލްތު ސްކްރީނިންތަކުން މިހާތަނަށް އިންޑިއާގެ 30 މީހަކާއި ބަންގްލަދޭޝްގެ ދެ މީހަކު ފައިލޭރިއާއަށް ޕޮޒިޓިވްކަން ވަނީ އެނގިފަ އެވެ.

ފައިލޭރިއާ ފެތުރުން ކޮންޓްރޯލް ކުރުމަށް އާބަންކޯ އާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނައިރު، މި މަހު ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ވަނީ 60 ޓަނުގެ ކުނި ނަގައި ސާފްކޮށްފަ އެވެ.