Roadha Mihaaru
ޔޫރަޕުން ބޭސް ގެނެވޭގޮތަށް އުސޫލު ރިވިއުކުރަން ފަށައިފި

ޔޫރަޕުން ފެންވަރު ރަނގަޅު ބޭސް ގެނެވޭ ގޮތަށް އުސޫލް ރިވިއުކުރަން ފަށައިފި

27 ޑިސެމްބަރ 2023

ޔޫރަޕުން، ފެންވަރު ރަނގަޅު ބޭސް ގެނެވޭ ގޮތަށް އެމްއެފްޑީއޭގެ އުސޫލުތައް ރިވިއުކުރަން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ޔޫރަޕުން، ފެންވަރު ރަނގަޅު ބޭސް ގެނެވޭ ގޮތަށް އެމްއެފްޑީއޭގެ އުސޫލުތައް ރިވިއުކުރަން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިދިޔަ ހޯމަ ދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ، ހުރިހާ ފަރާތްތަކުން ވެސް ބޭނުންވަނީ ކޮލިޓީ ރަނގަޅު ބޭސް ގެންނަން ކަމަށެވެ. ނަމަވެސް، ކަމާގުޅޭ އިދާރާއިން އުސޫލު ހަމަޖައްސާފައިވާ ގޮތުން ގޮންޖެހުންތައް ކުރިމަތިވާތީ، އެއަށް ބަދަލުތަކެއް ގެނެސް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި ބޭހުގެ އުސޫލުތައް ރިވިއުކުރާއިރު، ބެލޭނެ އެއް ގޮތަކީ، ޔޫރަޕްގެ ގައުމެއްގައި އުފައްދާ ބޭހަކަށް އެ ގައުމުގެ ސަރުކާރުން ހުއްދަ ދީފައިވާނަމަ، ރާއްޖެއަށް ވެސް އެ ގެވޭނެ ގޮތެއް ހަމަޖެއްސުމެވެ.

ރާއްޖެއަށް ދިމާވެފައިވާ މައްސަލައަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި، ބޭހަށް ހުއްދައަށް ހުށަހަޅާއިރު އެ ބޭހުގެ ކޮންޓެންޓު ބަޔާންކުރުމެވެ. އެއީ، ބޮޑެތި ކުންފުނިތަކުން ސިއްރު ކޮށްފައިވާ ކަމަކަށް ވާތީ، ބޭސް އުފެއްދުމާ ގުޅޭ ތަފްސީލުތައް ހޯދުމަކީ ދަތި ކަމެއްކަން ފާހަގަކުރެއްވި އެވެ.

ޔޫރަޕްގެ ގައުމުތަކުގެ އިތުރުން، މެލޭޝިޔާ، ސިންގަޕޫރު، ދުބާއި އަދި އިންޑިއާގައި ވެސް ވަރަށް ރަނގަޅު ބޭސް އުފައްދާ ތަންތަން އެބަހުރި ކަމަށާއި އެކަމަކު އެ ތަންތަނުން ވެސް ބޭސް ގެނައުމުގައި ދިމާވަނީ އެ ހުރަސް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ ހުރަސް ނައްތާލެވޭނެ ނިޒާމެއް އަޅުގަނޑުމެންނަށް އެބަ ފެނޭ. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އިއުލާންކުރެވިގެންދާނެ، ފުރުސަތު ހުޅުވިގެންދާނެ ރާއްޖޭގައި އެންމެ ކޮލިޓީ، މި ކިޔާ ވިލާތު ކޮލިޓީގެ ބޭސް ގެނައުމުގެ މަގު އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ މާ ދުރު ނޫން މުސްތަގުބަލެއްގައި،" ހަލީލް ވިދާޅުވި އެވެ.

ރާއްޖެ އަށް ބޭސް އެތެރެކުރަނީ އެމްއެފްޑީއޭ އިން ނެރެފައިވާ، އެޕްރޫވްޑް ޑްރަގް ލިސްޓުގައިވާ ބޭސްތައް، ހަމަ އެ ޕެކިންގަ އެވެ. އެ ލިސްޓުގައިވާ ގޮތުން ރާއްޖެއަށް 1،600 އަށް ވުރެ ގިނަ ބޭސް އެތެރެކުރުމަށް ހުއްދަދީފައި ވެ އެވެ.

ހެލްތު މިނިސްޓަރު ޑރ. ހަލީލް، އެ މިނިސްޓްރީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

ހެލްތު މިނިސްޓަރު ޑރ. ހަލީލް، އެ މިނިސްޓްރީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހެލްތު މިނިސްޓްރީ

އެމްއެފްޑީއޭގެ ގަވައިދު އޮންނަ ގޮތުން، ބޭހެއް އެތެރެކުރާ ނަމަ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރަންޖެހެ އެވެ. އެކަމަކު، ރާއްޖޭގެ އާބާދީ ކުޑަވުމުން، އެ މެނުފެކްޗަރާތަކުގެ ޝައުގުވެރިކަން ނުހުންނާތީ އެ ލިޔުންތަކެއް ނުލިބެ އެވެ.

ބޭސް ރަޖިސްޓްރީ ކުރުމަށް ބޭސް ގަނެގެން ގެންނަ ފަރާތާއި ބޭސް ގެންނަ ފަރާތުގެ ސެޓްފިކެޓާއި ބޭސް އުފައްދާ ތަނުގެ ފެންވަރުގެ އެނގޭނެ ސެޓްފިކެޓް އަދި ބޭހުގެ ބާރު ހުރި ވަރު ޔަގީން ކުރަން ބޭނުންވާ ލިޔުންތައް ހުށަހަޅަންޖެހެ އެވެ. އާ ބޭހެއް ގެންނަ ނަމަ އެ ބޭހާ ގުޅޭ ރިސާޗާއި ކްލިނިކަލް ޓްރަޔަލްތަކުގެ ރިޕޯޓް ވެސް އެމްއެފްޑީއޭ އަށް ހުށަހަޅަންޖެހެ އެވެ. ހުއްދަ ދޭނީ އެކަންކަން ބެލުމަށް ފަހުގަ އެވެ.

ކޮލިޓީ ރަނގަޅު ބޭސް ގެނައުމަށް ހުރަސްތަކެއް ދިމާވުމަކީ، ރާއްޖެއަށް ބޭސް އެތެރެކުރާ ކުންފުނިތަކުގެ ވެސް ވަރަށް ބޮޑު ޝަކުވާ އެކެވެ. އަދި، ބަލި މީހުންނަށް ރަނގަޅު ބޭސް ދެވޭނެ ގޮތެއް ނެތުމަކީ ޑޮކްޓަރުންގެ ޒަމާންވީ ކަންބޮޑުވުމެކެވެ.