Roadha Mihaaru
އިއްބެ އަހަރެއް ފަހުން ގަލޮޅު ދަނޑުގައި ފުރަތަމަ ގޯލު

އިއްބެ އަހަރެއް ފަހުން ގަލޮޅު ދަނޑަށް އައިސް ޓީމު މޮޅު ކޮށްދީފި

26 ޑިސެމްބަރ 2023

ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަހަރަކަށް ވުރެ ގިނަ ދުވަހު ކްލަބް ފުޓްބޯޅައާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހައި ޓީމު މޮޅު ކޮށްދީފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގައުމީ ޓީމުގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަހަރަކަށް ވުރެ ގިނަ ދުވަހު ކްލަބް ފުޓްބޯޅައާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ގަލޮޅު ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހައި ޓީމު މޮޅު ކޮށްދީފި އެވެ.

މިއަހަރުގެ ފުރަތަމަ ޑިވިޝަނުގައި ކްލަބް ވެލެންސިއާ އަށް ކުޅެން އިއްބެ ސޮއި ކުރި ނަމަވެސް، ވެލެންސިއާ އަށް ކުރިމަތިވެފައިވާ ފީފާގެ ސަސްޕެންޝަނާ ހުރެ ލީގަށް އޭނާ ޓީމުގައި ރަޖިސްޓްރީ ކުރެވޭ ގޮތެއް ނުވި އެވެ. މިއާ އެކު އޭނާ ނިންމީ މި ސީޒަންގައި ދެވަނަ ޑިވިޝަންގައި މަސްއޮޑި ސްޕޯޓްސް ކްލަބަށް ކުޅޭށެވެ.

ދެވަނަ ޑިވިޝަންގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު މަސްއޮޑި ސްޕޯޓްސް ވަނީ ގަލޮޅު ދަނޑުގައި 4-0 އިން މަހިބަދޫ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މަސްއޮޑިން ލީޑު ނެގީ މެޗުގެ 38 ވަނަ މިނިޓުގައި އިއްބެ ޖަހައިދިން ގޯލުންނެވެ.

"ކުޅެވުނީމަ އެންމެ ހިތްހަމަ ޖެހެނީ، ގޯލު ޖެހުމަށް ވުރެ ބޮޑަށް. ވަރަށް ދުވަސް ކޮށްލާފަ މި ކުޅެލެވުނީ. ހަމަ ޓީމު މޮޅު ކޮށްދޭން ކުޅުނީ،" މަސްއޮޑި ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން މިއަދުގެ މެޗުގައި ކުޅުނު އިއްބެ ބުންޏެވެ.

އިއްބެ އެންމެ ފަހުން ގަލޮޅު ދަނޑުގައި ގޯލެއް ޖަހާފައި ވަނީ މިދިޔަ އަހަރު، ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި މާޒިޔާ އަށް ކުޅެމުންނެވެ. އޮގަސްޓް އެއްވަނަ ދުވަހުގެ ރޭ ކްލަބް އީގަލްސްއާ ދެކޮޅަށް މާޒިޔާ ކުޅުނު އެ މެޗުގެ ފުރަތަމަ ގޯލު ޖެހީ އޭނާ އެވެ.

މިއަދު މަސްއޮޑި އާއި މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މިއަދު މަސްއޮޑި އާއި މަހިބަދޫ ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މިދިޔަ އަހަރުގެ ތިންވަނަ ޑިވިޝަންގެ ރަނަރަޕް މަސްއޮޑިން ފުރަތަމަ ހާފު އެންމެ ގޯލަކާ އެކު ނިންމާލިއަސް، ދެވަނަ ހާފުގައި އެޓީމުން ވަނީ ތިން ގޯލު ޖަހައިފަ އެވެ. މެޗުގެ 73 ވަނަ މިނިޓުގައި އިއްބެގެ އެހީތެރިކަމާ އެކު އެޓީމަށް ލީޑު ފުޅާ ކޮށްދިނީ އަބްދުﷲ ޒިޔާން (ޖަންކީ) އެވެ.

އޭގެ މިނިޓެއް ފަހުން އެޓީމުގެ އިބްރާހިމް ޝަރީފް މުހައްމަދަށް އޭރިއާ ތެރެއިން ފައުލް ކޮށްގެން ލިބުނު ޕެނަލްޓީ ގޯލަށް ފޮނުވާލައިގެން ތިންވަނަ ގޯލު ޖަހައިދިނީ ބިދޭސީ ޑިފެންޑަރު އިސްލާމް ފަކްރީ ގަބާލާ ޒީދާ އެވެ.

މަސްއޮޑިން ޖެހި ހަތަރުވަނަ ގޯލު މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް ހުސެއިން ޝަރީފް (މުޑާ) އެވެ.

އިއްބެގެ އިތުރުން މިދިޔަ އަހަރު ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާ ކުރި، ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ރަޝީދު (ހޮކޭ) ވެސް މިއަހަރުގެ ދެވަނަ ޑިވިޝަނުގައި ތަޖުރިބާކާރު ކޯޗު މުހައްމަދު އާތިފް (އާތީ) ގެ އިރުޝާދުގެ ދަށުން ކުޅޭ މަސްއޮޑި ޓީމުގައި ހިމެނެ އެވެ.

ދެވަނަ ޑިވިޝަނުގައި މިއަހަރު 15 ޓީމު ވާދަކުރާ އިރު، ޓީމުތައް ވަނީ ތިން ގުރޫޕަކަށް ބަހާލައިފަ އެވެ. މަސްއޮޑި އާއި މަހިބަދޫ އާއެކު ގުރޫޕް އޭގައި ދެން ހިމެނެނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި ކުޑަހެންވޭރު ޔުނައިޓެޑް އަދި އެލްޓީ ސްޕޯޓްސް އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް ބީ ގައި ހިމެނޭ ބީޖީ ސްޕޯޓްސް ކްލަބާއި ޓެންޓް ސްޕޯޓްސް ކްލަބެވެ.