Roadha Mihaaru
ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭހަށް ބޮޑު ތަރުހީބެއް

ރާއްޖޭގެ ފުރަތަމަ ޑްރޯން ރޭހަށް ބޮޑު ތަރުހީބެއް

25 ޑިސެމްބަރ 2023

އުރީދޫން ބޭއްވި "ފަން ރަން"އާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޑްރޯން ރޭސް ކާމިޔާބުކަމާ އެކު ނިންމާ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ދީފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އުރީދޫން ބޭއްވި "ފަން ރަން"އާ ގުޅުވައިގެން ކުރިއަށް ގެންދިޔަ ޑްރޯން ރޭސް ކާމިޔާބުކަމާ އެކު ނިންމާ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމު ދީފި އެވެ.

އުރީދޫން ބުނީ ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތަށް ހޫނު ތަރުހީބެއް ލިބުނު ކަމަށެވެ. އަދި މި މުބާރާތުގައި ކުޅަދާނަ ހުނަރުވެރި، އެކި އުމުރުފުރާތަކުގެ ޑްރޯން ޕައިލެޓުން ފެނިގެން ދިޔަކަން ފާހަގަ ކުރި އެވެ.

އުރީދޫން ބުނީ މި މުބަރާތުގައި ޖުމްލަ 12 ޑްރޯން ޕައިލެޓުން ވާދަކުރި އިރު، ސްކައި ވޯކާ ކެޓަގަރީގައި އަށް ޑްރޯން ޕައިލެޓުން އަދި ސްކައި އެލީޓް ކެޓަގަރީން ހަތަރު ޑްރޯން ޕައިލެޓުން ވަނީ ވާދަކޮށްފަ އެވެ. މި މުބާރާތުގައި ސްކައި ވޯކާ ކެޓަގަރީގެ ބައިވެރިން ހަތަރު ހުރަހެއް ހުރަސްކުރަން ޖެހުނެވެ. އަދި ސްކައި އެލީޓް ކެޓަގަރީން ނުވަ ހުރަހެއް ހުރަސްކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދެ ލެޕް ނިންމާ ވާދަކުރަން ޖެހުނެވެ.

ސްކައި އެލީޓް ކެޓަގަރީން ވާދަކޮށް އެއް ގަޑިއިރާއި 55 ސިކުންތު ތެރޭގައި ރޭސް ނިންމާ އެއްވަނަ ހޯދީ މުހައްމަދު އާލިން ޝާފިއު އެވެ. އޭނާ އަށް ވަނީ ޑީޖޭއައި އާރްސީ މިނީ 3 ޕްރޯ ޑްރޯންއެއް ލިބިފަ އެވެ. މި ކެޓަގަރީގެ ދެ ވަނަ އަށް ދިޔައީ އެއް ގަޑިއިރާއި ހަ މިނެޓާއި އެގާރަ ސިކުންތު ތެރޭގައި ރޭސް ނިންމި ހަމްޒާ ވަސީމް އެވެ. އޭނާ އަށް ތިން މަސް ދުވަހުގެ 1536 ޖީބީގެ ޑޭޓާ ޕެކޭޖަކާއި އުރީދޫ 5ޖީ އެއާފައިބާ ޑިވައިސްއެއް ވަނީ ދީފަ އެވެ. މި ރޭހުން ތިން ވަނަ ހޯދީ އެއް ގަޑިއިރާއި އަށް މިނެޓާއި 10 ސިކުންތުން ރޭސް ނިންމި ހުސައިން އަލޫފް އަށެވެ. އޭނާ އަށް 2000ރ. ގެ މޫލީ ވައުޗަރެއް ވަނީ ދީފަ އެވެ.

ޑްރޯން ރޭހުގެ ސްކައި ވޯކާ ކެޓަގަރީގެ އެއް ވަނަ އަށް ދިޔައީ އިބްރާހިމް ޝަބީލް އެވެ. އޭނާ މި ރޭސް ނިންމީ އެއް ގަޑި އިރާއި އެގާރަ މިނެޓު އަދި 78 ސިކުންތު ތެރޭގައި ނިންމާ ޑީޖޭއައި މިނީ 2 އެސްއީ އެއް ވަނީ ކާމިޔާބު ކޮށްފަ އެވެ. މި ރޭސް އެއް ގަޑި އިރާއި 25 މިނެޓާއި 94 ސިކުންތު ނިންމާ ދެ ވަނަ ހާސިލް ކުރީ އައްޝަމް ޝަރީފް އެވެ. އޭނާ އަށް ވަނީ ތިން މަސް ދުވަހުގެ 750 ޖީބީގެ ޑޭޓާ ޕެކޭޖަކާއި އެޖު އުރީދޫ 5ޖީ އެއާފައިބާ ޑިވައިސްއެއް ވަނީ ދީފަ އެވެ. މި ރޭހުގެ ތިން ވަނަ އަށް ދިޔައީ އެއް ގަޑި އިރާއި 27 މިނެޓާއި 36 ސިކުންތުން ރޭސް ނިންމި މިފްޒާލް އިބްރާހިމް ފަޒީލް އެވެ. އޭނާ އަށް 1000ރ. ގެ މޫލީ ވައުޗަރެއް ވަނީ ދީފަ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވި ގޮތުގައި ސްޓެބިސިސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ޑްރޯން ރޭހަކީ ވަރަށް ކާމިޔާބު ރޭހެކެވެ. އަދި މި ޑްރޯން ރޭހުގެ ކާމިޔާބީ އަށް ބިނާކޮށް އާ ކަންތައްތަކާ އެކު އުރީދޫ ޑްރޯން ރޭސް ކުރިއަށް ގެންދިއުމަށާއި ރާއްޖޭގައި ޑްރޯން ރޭސިންގެ ފުރުސަތުތައް އިތުރަށް ފަހިކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ނިޔާޒް ވިދާޅުވި އެވެ.

އުރީދޫ ޑްރޯން ރޭހުގެ ޑިރެކްޓަރު އަލީ ނައީމް ވިދާޅުވީ މި މުބާރާތުގެ ސަބަބުން އާރްސީ އިވެންޓްތަކުގެ ފުރުސަތު ފުޅާވެގެންދާނެ ކަމަށެވެ. އަދި ޑްރޯން ރޭސިންގެ އިތުރުން، މި ހަރަކާތުގެ ސަބަބުން ތަފާތު މޮޑެލް އެއާކްރާފްޓް ހަރަކާތްތަކަށް ދޮރުހުޅުވި، އިންކްލޫސިވް އަދި އެންޓަޓައިނިން އާރްސީ އިވެންޓްތަކަށް މަގު ފަހިވެގެން ދާނެކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި އިވެންޓް ގެ ކާމިޔާބާއި އުރީދޫ ފަދަ ކުންފުނިތަކުން މިފަދަ ކަންކަން ފަހިކޮށްދިނުމަށް ކުރާ މަސައްކަތުން އާރްސީ ދާއިރާއިން ކުރިއަށް އޮތް ތަނުގައި އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސް އާއި ސްޓެބިސިސް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ޑްރޯން ރޭސިން ކުރިއެރުވުމަށް ކުރިއަށްއޮތް ތަނުގައިވެސް މަސައްކަތް ކުރާނެކަމަށް އެ ކުންފުނިން ބުންޏެވެ.