Roadha Mihaaru
"ފާޑުކިޔާ ވެބްސައިޓްތައް ބްލޮކްކުރުން ހުއްޓާލަން ޖެހޭ"

ފާޑުކިޔާ ވެބްސައިޓްތައް ބްލޮކް ކުރުން ހުއްޓާލަން ޖެހޭ: އެމްޖޭއޭ/އެޑިޓާސް ގިލްޑް

22 ޑިސެމްބަރ 2023

ސަރުކާރަށް ފާޑު ކިޔާ ދެ ވެބްސައިޓެއް ބްލޮކް ކުރި މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސަރުކާރަށް ފާޑު ކިޔާ ދެ ވެބްސައިޓެއް ބްލޮކް ކުރި މައްސަލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ދެ ވެބްސައިޓް ބްލޮކް ކުރުމަކީ ރައްޔިތުންނަށް މައުލޫމާތު ލިބުމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން އެޅި ފިޔަވަޅެއް ކަމަށެވެ.

ސަރުކާރުން އެ ފިޔަވަޅު އަޅާފައި ވަނީ އެކަން ކުރުމުގެ އުސޫލެއް އާންމު ނުކޮށް ކަމަށާއި އަދި ހަރުދަނާ ދެ ފުށް ފެންނަ އުސޫލެއް ނެތި އިންޓަނެޓް ސެންސަރު ކުރުމަކީ އެއްވެސް ހާލެއްގައި އެ ޖަމިއްޔާ އިން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ވެސް އެމްޖޭއޭ އިން ބުންޏެވެ.

"ސަރުކާރުން އެއްވެސް އުސޫލެއް ނެތި އަޅަމުންދާ މި ފިޔަވަޅު ވަގުތުން ވަގުތަށް ހުއްޓާލުމަށް މި ޖަމިއްޔާ އިން ގޮވާލަން،" އެމްޖޭއޭ އިން ބުންޏެވެ.

ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑު ހިފެހެއްޓުމާއި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވަން ފިޔަވަޅު އެޅުމަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން އެ ކައުންސިލްގެ މެންޑޭޓެކެވެ.

ރަޖިސްޓާ ނުކޮށް ހިންގާ ނޫސްތަކަކީ ވެސް އެމްއެމްސީ އަށް ރެގިއުލޭޓްކޮށް އެ ގާނޫނުގެ ދަށުން މީޑިއާގެ ގޮތުގައި ބަލައިގެންފައިވާ ނޫސްތަކަށް ވާއިރު ވެބްސައިޓްތަކުގެ މައްސަލައެއް އުޅޭ ނަމަ, އެކަން ބަލައި ފިޔަވަޅު އެޅުމަކީ އެ ކައުންސިލަށް ގާނޫނުން ލާޒިމް ކުރާ ކަމެއް ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

"...އެކަމުގެ ތެރެއަށް ސަރުކާރުން ވަދެ ބަސް ކިޔައި ފިޔަވަޅު އެޅުމަކީ ގާނޫނީ ނިޒާމް ތަރުތީބުކޮށްފައިވާ ގޮތެއް ނޫން." އެ ޖަމިއްޔާ އިން ބުންޏެވެ.

އެޑިޓާސް ގިލްޑުން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި މިނިވަންކަމާއެކު ފިކުރު ކުރުމާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ދުލާއި ގަލަމުން ހިޔާލު ފާޅު ކުރުމަކީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ރައްޔިތުންނަށް ކަށަވަރު ކޮށްދީފައިވާ އަސާސީ ހައްގެއް ކަަމަށެވެ.

ތަހުޒީބު މުޖުތަމައުތަކުގައި ވެސް ހިޔާލު ފާޅު ކުރުމަށް ބޭނުން ކުރާ ވެބްސައިޓުތައް ރަޖިސްޓާ ކުރަން ނުޖެހޭ ކަމަށާއި އެއީ މީޑިއާ ކައުންސިލްގެ ގާނޫނުގެ ދަށުން ވެސް ބަލައިގަންނަ ކަމެއް ކަމަށް އެޑިޓާސް ގިލްޑުން ބުންޏެވެ.

"އެހެންކަމުން މީޑިއާ ކައުންސިލްގެ ދައުރެއް ނެތި ދެ ވެބްސައިޓު ބަންދު ކުރަން ޖެހުނު ސަބަބު ހާމަ ކުރުމަށާއި ހާމަ ނުކުރާހާ ހިނދަކު އެ ދެ ސައިޓް އަލުން އޮޕަރޭޓް ކުރުމަށް ދޫކޮށްލުމަށް ގޮވާލަން،" އެޑިޓާސް ގިލްޑުން ބުންޏެވެ.

ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އެވެ.

އެ މައްސަލަގައި ސަރުކާރުން ބުނީ ރަޖިސްޓާ ކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ ވެބްސައިޓެއް ބްލޮކް ނުކުރާނެ ކަމަށެވެ.