Roadha Mihaaru
ޕީޕީއެމަށް ފޯމު ފުރަން މަޖުބޫރުކުރާ ކަމުގެ ޝަކުވާތަކެއް

ޕީޕީއެމަށް ފޯމު ފުރަން މަޖުބޫރުކުރުވާ ޝަކުވާތައް ގިނަވެއްޖެ!

12 ފެބުރުއަރީ 2017

ވެރިކަން ކުރާ ޕީޕީއެމަށް ވަންނަން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް "މަޖުބޫރު" ކުރަމުންދާ ކަމަށް ބުނެ ބައެއް މުވައްޒަފުން ޝަކުވާ ކުރަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެރިކަން ކުރާ ޕީޕީއެމަށް ވަންނަން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް "މަޖުބޫރު" ކުރަމުންދާ ކަމަށް ބުނެ ބައެއް މުވައްޒަފުން ޝަކުވާ ކުރަން ފަށައިފި އެވެ.

"މިހާރު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނީ ޕީޕީއެމްގެ ފޯމު ހަވާލުކޮށް ޕާޓީ އަށް ސޮއިކުރަން އަންގަމުންދާ ކަމަށެވެ. ކުންފުނިތަކުގެ ހިންގުމަށް ސިޔާސީ ނުފޫޒު ވަދެ، ހާލަތު ހުރި ގޮތުން ވަޒީފާގައި އުޅެން ބޭނުން ނަމަ ފޯމުގައި ސޮއިކުރުން ނޫން ގޮތެއް ނޯންނަ ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

"މޭޒުމަތީގައި އޮންނަނީ ޕީޕީއެމަށް ވަންނަން ފޯމު ބާއްވާފައި. ވަޒީފާގައި އުޅެން ބޭނުން ކަމަށް ވަންޏާ ސޮއިކުރުން ނޫން ގޮތެއް ނޯވޭ،" އެ މައްސަލާގައި ޝަކުވާ ކުރި އެކަކު ބުންޏެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމަށް ސޮއި ހޯދަން ކުންފުނިތަކުގައި ވަނީ ހާއްސަ ޓީމުތަކެއް ވެސް އެކުލަވާލައިފަ އެވެ. އޮފީހުގެ ރަސްމީ ވަޒީފާ އިން އެ މީހުންނަށް ވަކި މުއްދަތަކަށް ޗުއްޓީ ދީފައިވާ ކަމަށް އަޑުތައް އަރާފައިވާއިރު، އެ މީހުންނާ ހަވާލުކޮށްފައި ވަނީ ޕާޓީ އަށް މެމްބަރުން އިތުރުކުރަން ކަމަށް ވެ އެވެ.

"މި ޓީމުތަކުގެ ތެރޭގައި އެބަ ހިމެނޭ ޑިޕާޓްމަންޓްތަކުގެ ހެޑުން ވެސް. އެ މީހުން މުވައްޒަފުންގެ ސޮއި ހޯދައިގެން ހުރިހާ ފޯމެއް ގޮސް މި ހަވާލުކުރަނީ މެޑަމް [ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް]ގެ އޮފިހާ،" ކުންފުންޏެއްގައި މަސައްކަތް ކުރާ މީހަކު ބުންޏެވެ.

އެކަމަކު ޕީޕީއެމަށް ގަދަކަމުން ނުވަތަ މަޖުބޫރުކޮށްގެން މުވައްޒަފުން ވައްދާ ކަމަށް ބުނާ ވާހަކަ އެ ޕާޓީން ދޮގުކުރެ އެވެ.

ޕީޕީއެމަށް ވަންނާކަށް އެއްވެސް ބަޔަކަށް މަޖުބޫރެއް ނުކުރޭ. މި ޕާޓީއާ ގުޅެނީ ޝައުގުވެރިކަން ހުރި މީހުން. މިއީ ހުރިހާ ރައްޔިތުންނަށް ވެސް ހުޅުވާލެވިފައި އޮތް ޕާޓީއެއް. --ހަލީލް
ޕީޕީއެމަށް އިއްޔެ ސޮއިކުރި މީހުންގެ ފޯމުތައް: އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު 70،000 އަރާނެ ކަމަށް ފަލާހް ވިދާޅުވި. --ފޮޓޯ: ސޯޝަލް މީޑިއާ

ޕީޕީއެމަށް އިއްޔެ ސޮއިކުރި މީހުންގެ ފޯމުތައް: އެ ޕާޓީގެ މެމްބަރުންގެ އަދަދު މިހާރު 70،000 އަރާނެ ކަމަށް ފަލާހް ވިދާޅުވި. --ފޮޓޯ: ސޯޝަލް މީޑިއާ

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ އެ ޕާޓީ އަށް ވަންނަން އެއްވެސް މީހަކަށް މަޖުބޫރު ކޮށްފައި ނުވާނެ ކަމަށެވެ. އެ ޕާޓީ އަކީ ވަރަށް ބޮޑަށް ހުޅުވާލެވިފައި އޮތް ޕާޓީއެއް ކަމަށާއި ޝައުގުވެރިކަން ހުރި މީހުންނަށް އަބަދުވެސް ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޕީޕީއެމަށް ވަންނާކަށް އެއްވެސް ބަޔަކަށް މަޖުބޫރެއް ނުކުރޭ. މި ޕާޓީއާ ގުޅެނީ ޝައުގުވެރިކަން ހުރި މީހުން. މިއީ ހުރިހާ ރައްޔިތުންނަށް ވެސް ހުޅުވާލެވިފައި އޮތް ޕާޓީއެއް،" ހަލީލް ވިދާޅުވި އެވެ.

ޕީޕީއެމަށް މެމްބަރުން އިތުރުކުރަން، ރައީސްގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމް އިސްވެ ގެންދަވަނީ ހާއްސަ ހަރަކާތްތަކެއް ހިންގަވަމުންނެވެ. އެ ހަރަކާތުގައި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަދި ކުންފުނިތަކުގެ އިސްވެރިން މަގުތަކަށް ނިކުމެވަޑައިގެން އިއްޔެ ވަނީ އެ ޕާޓީ އަށް 11،000 އަށް ވުރެ ގިނަ މެމްބަރުން ހޯދައިދީފަ އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި ހިމެނޭ 39،000 މެމްބަރުންނާއި ޕާޓީ އަށް ވަންނަން ސޮއިކޮށްފައިވާ ފޯމުތަކަށް ބަލާއިރު އެ ޕާޓީގައި މިހާރު 70،000 މެމްބަރުން އެބަތިބި ކަމަށް ޕީޕީއެމުން ބުންޏެވެ. އެ ޕާޓީން އަމާޒުހިފާފައި ވަނީ 2018 ގެ އިންތިހާބާ ކުރިމަތިލާއިރު ޕާޓީ އަށް 150،000 މެމްބަރުން ހަމަކުރަން ކަމަށް ވެސް ޕީޕީއެމުން ވަނީ ބުނެފަ އެވެ.