Roadha Mihaaru
ޕީޕީއެމްގެ ހަރަކާތްތައް ރޯދަމަހަށް މެދުކަނޑާލަނީ

ޕީޕީއެމްގެ ހަރަކާތްތައް ރޯދަމަހަށް މެދުކަނޑާލަނީ

03 މެއި 2018

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ހަރަކާތްތައް މި އަހަރުގެ ރޯދަމަހަށް މެދުކަނޑާލަން ނިންމައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ ހަރަކާތްތައް މި އަހަރުގެ ރޯދަމަހަށް މެދުކަނޑާލަން ނިންމައިފި އެވެ.

ރޯދަމަހުގައި އަޅުކަމަށް ގިނަ ވަގުތު ދިނުމަށް ކަމަށްޓަކައި މިދިޔަ އަހަރުގެ އެ މަހަށް ވެސް އެ ޕާޓީގެ ހަރަކާތްތައް މެދުކަނޑާލި އެވެ.

ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމްގެ އަމާޒު މިހާރު ހުރީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް ކަމަށެވެ. ކެމްޕެއިނަށް ގިނަ މަސައްކަތްތަކެއް މިހާރު ކުރަމުން އަންނައިރު، އެ ކަންކަން މަޑު ޖައްސާލާނީ ރޯދަ މަހަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ނިންމާފައި މިވަނީ ރޯދަ އަށް ސިޔާސީ، ރަސްމީ މަސައްކަތް މަޑުޖައްސާލަން. އެކަމަކު ޓީމުތަކުން އަތޮޅުތެރޭގައި ކުރިއަށް ގެންދާ ހަރަކާތްތައް ކުރިއަށް ގެންދާނެ. އެއީ ރައްޔިތުންގެ ހާލު ބެލުމަށް ގެންދާ ހަރަކާތްތަކެއް،" ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ނޫސްވެރިންނާ ވާހަކަ ދައްކަނީ-- ޕީޕީއެމުން ވަނީ ރޯދަމަހަށް ސިޔާސީ ހަރަކާތްތައް މެދުކަނޑާލަން ނިންމާފައި-- މިހާރު ފޮޓޯ

އަބްދުއްރަހީމް ނޫސްވެރިންނާ ވާހަކަ ދައްކަނީ-- ޕީޕީއެމުން ވަނީ ރޯދަމަހަށް ސިޔާސީ ހަރަކާތްތައް މެދުކަނޑާލަން ނިންމާފައި-- މިހާރު ފޮޓޯ

ޕީޕީއެމްގެ ސިޔާސީ ހަރަކާތްތައް ރޯދަމަހަށް މެދުކަނޑާލުމުގެ ގޮތުން، އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް މިހާރު ވަނީ ނިންމައިފަ އެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި "ހެސްކިޔާފައި" ނަމުގައި ބާއްވާ އެ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުންގެ އިތުރުން ސަރުކާރާއި ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

ސަރުކާރާގެ އިތުރުން ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުން ވެސް ޖަލްސާގައި ބައިވެރިވާނެ ކަމަށާއި އެ މީހުން ބައިވެރި ވާނީ އެއްވެސް މަޖުބޫރު ކަމެއް ނެތި ސަރުކާރަށް ތާއީދު ކުރާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، އަދި ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ޕީޕީއެމުން ސިޔާސީ ބޮޑެތި ހަރަކާތްތައް ހިންގާއިރު، އެހެން ޕާޓީތަކުން މަސައްކަތް ކުރަނީ ރާއްޖެ ހަލަބޮލި ކުރަން ކަމަށެވެ.

ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ނުހިންގާ ކަމަށް ޕީޕީއެމުން ބުނާއިރު، އިދިކޮޅު ޕާޓީތަކުގެ ޖަލްސާތަކަށާއި އެއްވުންތަކަށް ސަރުކާރުން ފުރުސަތު ނުދޭ ކަމަށް އިދިކޮޅު ކޯލިޝަނުން އަންނަނީ ބުނަމުންނެވެ. މާލޭގެ އެކި ސަރަހައްދުތަކުގައި ޕީޕީއެމުން ޖަލްސާތަކާއި އެއްވުންތައް ބާއްވާއިރު، އިދިކޮޅު ޕާޓީތަކަށް އެ ފުރުސަތު ނުދޭތީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރާތާ ކިތަންމެ ދުވަހެކެވެ.