Roadha Mihaaru
ސްކޭމްތަކުގެ މަޅީގައި ޖެހޭ މީހުން މަދެއް ނުވި: ކާލް

ފްލެޓާއި ފަރުނީޗަރާއި ފޯނާއި ޑޮލަރުގެ ސްކޭމް، އަހަރެއް ތެރޭ 26 މިލިއަން ރުފިޔާ!

21 ޑިސެމްބަރ 2023

"މިއީ ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ހުރި ސްކޭމްތައް،" އިންޓަވިއު އަށް ދިއުމާ އެކު، ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ފުރަތަމަ ވެސް ދައްކާލެއްވީ ކަރުދާސްތަކެކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

"މިއީ ވޭތުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ހުރި ސްކޭމްތައް،" އިންޓަވިއު އަށް ދިއުމާ އެކު، ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ފުރަތަމަ ވެސް ދައްކާލެއްވީ ކަރުދާސްތަކެކެވެ.

"ފޯނެއް ގަންނަން ހިންގާފައި އޮތް ސްކޭމެއް،" ފަހަރަކު ގަނޑެއް އޭނާ އުއްކަވަމުން ގެންދެވި އެވެ.

"މިއީ ފޭސްބުކް އިން ފަރުނީޗަރު ގަންނަން ދެ ކޭސް."

"ވައިބާ އިން 63،000 ރުފިޔާގެ ޑޮލަރު ގަތުމުގެ މުއާމަލާތެއް."

"އާބަންކޯގެ ފްލެޓެއް ގަންނަން އޯޓީޕީ ދީފައި."

އޭނާ ދެން "މިހާރު"ގެ ނޫސްވެރިންނަށް ބައްލަވާލެއްވި އެވެ: "މިކަން މަދެއް ނުވި. ނުވެއް ހުއްޓުނު!"

މިއަދު ދެއްވި ހާއްސަ އިންޓަވިއުގައި އޭނާ އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅު ކުރެއްވި އެއް ކަމަކީ ވެސް އެއީ އެވެ؛ ރާއްޖޭގައި ސްކޭމްތައް އޮތީ ކަންބޮޑުވާ ހިސާބެއްގައި ކަން އޭނާގެ ވާހަކަތަކުން އެނގެ އެވެ.

"މި އަހަރުގެ މިހާތަނަށް 1،657 ކޭސް އެބަ އޮތް ފައިލްކޮށްފައި. ނަންބަރުތައް މިދިޔަ އަހަރަށް ވުރެ ވަކި މަދެއް ނޫން. މިއީ ބީއެމްއެލް އިން ވަރަށް ކަންބޮޑުވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ ބޭންކްގެ އެކައުންޓުތައް މެދުވެރިކޮށް 26 މިލިއަން ރުފިޔާގެ ސްކޭމް އެއް އަހަރުގެ ތެރޭގައި ވަނީ ހިންގައިފަ އެވެ.

ކާލް ވިދާޅުވި ގޮތުގައި ސްކޭމުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވޭނީ ސޯޝަލް މީޑިއާގެ އެކައުންޓްތައް ހެކް ކޮށްގެން ފައިސާ ހޯދުމުގެ މައްސަލަތައް ކަމަށެވެ. އަދި ދެވަނަ އަށް އެންމެ ގިނައީ، އާދަޔާ ހިލާފަށް އަގު ހެޔޮކޮށް ތަކެތި ވިއްކާ ކަމަށް ބުނެ ފައިސާ ހޯދާ މައްސަލަތަކާއި، ޑޮލަރު މާރުކުރުމުގެ ނަމުގައި ފައިސާ ހޯދުމުގެ މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިފަދަ ސްކޭމުތައް ހިންގަނީ ގިނަ ފަހަރަށް އަމިއްލަ އަށް އެކައުންޓުން ފައިސާ ފޮނުވައިގެން ކަމަށާއި އެކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ބީއެމްއެލްގެ ސީއީއޯ ކާލް "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

އޮޅުވާލައިގެން އެކައުންޓުތަކުން ފައިސާ ހޯދާ މައްސަލަތަކަށް އާންމުން ހޭލުންތެރި ކުރުމަށް ގިނަ ކެމްޕެއިންތަކެއް ހިންގަމުން އަންނަ ކަމަށް ކާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިކަން ހުއްޓުވަން ބޭންކަކަށް މަސައްކަތް ކުރެވޭނީ ވަކި ވަރަކަށް ކަމަށާއި، އެ މީހަކު އަމިއްލަ އަށް އެކައުންޓުން އެހެން މީހެއްގެ އެކައުންޓަށް ފޮނުވާ ފައިސާއެއް ހުއްޓުމުގެ ބާރެއް ބޭންކަށް ނެތް ކަމަށެވެ.

"ސްކޭމް ކޭސްތަކަށް ބަލާ އިރު އެބަ އުޅޭ ފޭސްބުކުން އެއްޗެއް ވިއްކަން ޖަހާފައި އޮތުމުން އެ ގަތުމަށް ފައިސާ ފޮނުވައި އެ ގަތް އެތި ނުލިބުނު ކޭސްތަކާއި ޔޫއެސް ޑޮލަރު ގަތުމަށް ފައިސާ ފޮނުވުމާއި ވަކި އިދާރާއެއް ކަމަށް ބުނެ އޯޓީޕީ ޝެއާ ކުރަން ބުނުމުން، އެ ކޯޑު ޝެއާ ކޮށްގެން އެކައުންޓުން ފައިސާ ނަގައިފައިވާ މައްސަލަތައް،" އޭނާ ވިދާޅުވި އެވެ.

އޭނާ ސުވާލު ކުރެއްވީ، މީހަކު އޭނާގެ އޯޓީޕީ އެހެން މީހަކަށް ދޭ ދިނުން ބޭންކަށް ހުއްޓުވިދާނެތޯ އެވެ.

"އެއީ އަމިއްލަ އަށް ވިސްނަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް އަށް ރިޕޯޓުކޮށްފައިވާ ސްކޭމުތަކުގެ ތެރެއިން ފޭސްބުކް މެދުވެރިކޮށް ތަކެތި ވިއްކާ ކަމަށް ބުނެ ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ އަދަދު 421 އަށް އަރަ އެވެ. އެއީ ގާތްގަނޑަކަށް 3.1 މިލިއަން ރުފިޔާ ހިމެނޭ ސްކޭމްތަކެވެ. އަދި އޯޓީޕީ ޝެއާކޮށްގެން 99 މައްސަލައަކުން 3.8 މިލިއަން ރުފިޔާ ވަނީ އޮޅުވާލައިގެން ހޯދާފަ އެވެ.

އޭގެ އިތުރުން ޑޮލަރު މާރުކުރުމަށް ކަމަށް ބުނެ އޮޅުވާލައިގެން 266 މައްސަލައެއްގައި 3.7 މިލިއަން ރުފިޔާ ނަގާފައިވެ އެވެ. އަދި އޮންލައިން ޓްރޭޑިން ކުރާ ކަމަށް ބުނެ 186 މައްސަލައެއްގައި 2.7 މިލިއަން ރުފިޔާ ހޯދާފައިވެ އެވެ. އަދި އީސިމް އެކްޓިވޭޓްކޮށްގެން 45 މައްސަލައަކުން 2.4 މިލިއަން ރުފިޔާ އެކައުންޓުތަކުން ނަގާފައިވެ އެވެ.

އެކި ވައްތަރުގެ ސްކޭމްތައް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. އެކަމަށް އާންމުން ހޭލުންތެރިވާން އެކި ކެމްޕޭންތައް އެކި އިދާރާތަކުން އަންނަނީ ހިންގަމުންނެވެ. ބީއެމްއެލް އިން އެދެނީ އެކަމަށް އާންމުން ސަމާލުވާށެވެ.