Roadha Mihaaru
ބީއެމްއެލްގެ އޯޓީޕީ މެއިލަށް ފޮނުވުން ހުއްޓާލަނީ

މި މަހުގެ 20 އިން ފެށިގެން ބީއެމްއެލްގެ އޯޓީޕީ މެއިލަށް ފޮނުވުން ހުއްޓާލަނީ

16 ޑިސެމްބަރ 2022

ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތުތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އަންނަ އަންގާރަ ދުވަހުން ފެށިގެން އީމެއިލަށް ފޮނުވުން ހުއްޓާލަން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ހިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތުތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) އަންނަ އަންގާރަ ދުވަހުން ފެށިގެން އީމެއިލަށް ފޮނުވުން ހުއްޓާލަން ނިންމައިފި އެވެ.

އެ ބޭންކުން މިއަދު ބުނީ އެ ތާރީހުން ފެށިގެން ޑިފޯލްޓްކޮށް، އޯޓީޕީ ލިބޭނެ ޗެނަލެއްގެ ގޮތުގައި އީމެއިލް ނުހިމެނޭނެ ކަމަށެވެ. އެކަމަކު، އޯޓީޕީ މެއިލަށް ފޮނުވަން ބޭނުންވާ ކަސްޓަމަރުންނަށް ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހު އީމެއިލް އަށް އޯޓީޕީ ލިބޭ ގޮތް ހެދޭނެ އެވެ.

ބީއެމްއެލުން މިހާރު ވަނީ އޮންލައިން ހިދުމަތްތަކުގައި ބޭނުންވާ އޯޓީޕީ، އޮތެންޓިކޭޓާ އެޕް މެދުވެރިކޮށް ޖެނެރޭޓް ކުރެވޭ ގޮތް ހަދައިފަ އެވެ.

އޮތެންޓިކޭޓާ އެޕަކީ ސްމާޓް ފޯނާއި ޓެބްލެޓަށް ހާއްސަ އަދި ވަކި ވަގުތެއްގެ ތެރޭގައި ބޭނުންކުރާ ގޮތަށް ކޮންމެ 30 ސިކުންތަކުން ކޯޑު ޖެނެރޭޓް ކުރެވޭ ގޮތަށް ބޭނުންކުރެވޭ އެޕްލިކޭޝަނެކެވެ. އޮތެންޓިކޭޓާ އެޕް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިންގައި ބޭނުންކުރެވޭ ގޮތަށް އެކްޓިވޭޓް ކުރެވޭއިރު، ކޮންމެ ކަސްޓަމަރަކަށް ވެސް ހާއްސަވާނެ އެވެ.

އެ ބަދަލާއެކު ޓްރާންސެކްޝަން ހެދުމަށް ބޭނުންވާ އޯޓީޕީ ޖެނެރޭޓް ކުރުމަށް ގޫގުލް އޮތެންޓިކޭޓާ ނުވަތަ މައިކްރޯސޮފްޓް އޮތެންޓިކޭޓާ ފަދަ އެޕް ޑައުންލޯޑްކޮށް އެކްޓިވޭޓް ކުރެވޭނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އެގޮތަށް އެކްޓިވޭޓްކުރުމުން ޓްރާންސެކްޝަން ހަދަން އޯޓީޕީ ލިބޭ ޗެނެލްތަކުގެ ތެރޭގައި އޮތެންޓިކޭޓާ ވެސް ހިމެނޭނެ އެވެ.

ރާއްޖޭން ބޭރުގައި ތިބޭ ކަސްޓަމަރުންނަށް އީމެއިލްގެ ބަދަލުގައި އޮތެންޓިކޭޓަ މެދުވެރިކޮށް އޯޓީޕީ ހޯދޭނެ އެވެ.

އޭގެ ސަބަބުން އީމެއިން އައިޑީ ބޭނުންކޮށްގެން ކުރާ ސްކޭމްތަކަށް ހުއްޓުމެއް އަންނާނެ ކަމަށާއި އެއީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އަޅާ މުހިންމު ފިޔަވަޅެއްކަމަށް ވެސް ގައުމީ ބޭންކުން ބުންޏެވެ.

ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒް ވުމުގެ ނަތީޖާއެއްގެ ގޮތުން އީމެއިލަށް ލިބޭ އޯޓީޕީ، ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމަށް ފުރުސަތު ލިބޭ ކަމަށް ބީއެމްއެލްގެ ސީއީއޯ ކާލްް ސްޓުމްކަ ވިދާޅުވި އެވެ.

"މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނަމުންދާއިރު، ބޭންކުން ވެސް މިދަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތްތައް ކުރަމުން. އަޅުގަނޑުމެން ކަސްޓަމަރުންގެ ކިބައިން އެދެނީ ސްކޭމް ހިންގާ ފަރާތްތަކުން ބޭނުންކުރާ އުކުޅުތައް ދެނެގަނެ، އެއްވެސް ޒާތީ މައުލޫމާތެއް އެހެން ފަރާތަކާ ހިއްސާނުކުރެއްވުން" ކާލް ވިދާޅުވި އެވެ.