Roadha Mihaaru
ރަސްމާލެ މަޝްރޫއުއަށް ބަޖެޓުން ހަރަދެއް ނުދާނެ: ރައީސް

ރަސްމާލެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާނެ: ރައީސް

20 ޑިސެމްބަރ 2023

މާލޭގެ ދެކުނުގައި އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ސިޓީގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގެ ދެކުނުގައި އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެ ސިޓީގެ މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ނުދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފުށިދިއްގަރު ފަޅަކީ ރައީސްގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ތަނަށްވާއިރު، މި ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ އެ ފަޅު ހިއްކުމުގެ މަސައްކަތްކުރަން ހިމަނައި އެކަން ވަނީ ފަށައިފަ އެވެ.

އެކަމަކު، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި މި ސަރުކާރުން އެދިގެން އެކަމަށް 400 މިލިއަން ރުފިޔާ ހިމެނުމަށް ފަހު ކޮމިޓީ މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ވަނީ އެ މަޝްރޫއު އުނިކޮށް، އެ ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީއަށް ބަހާލައިފަ އެވެ.

ނަމަވެސް މިދިޔަ ހޯމަ ދުވަހު ރަސްމާލެ މަޝްރޫއު އިފްތިތާހުކޮށް، ފުށިދުއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވަނީ އާބަންކޯގެ ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިފަ އެވެ. އެ މަޝްރޫއުގެ މާ ގިނަ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައިވާ ނުވާ އިރު، ދައުލަތުގެ ބަޖެޓު ނުހިމަނައި އެ މަޝްރޫއު ފެއްޓުމުގެ އިތުރުން އިއުލާނު ނުކޮށް ހަވާލުކުރުމުގެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅައިފަ އެވެ.

މިކަންކަމަށް ރައްދު ދެއްވުމުގެ ގޮތުން ރައީސް މިރޭ ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ފަށަން ނިންމީ އެއީ ރައްޔިތުން އެންމެ ބޭނުންވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދެވޭނެ މަޝްރޫއުއަށް ވާތީ ކަމަށެވެ.

"އެއީ މިހާރު މި އޮތް ހުޅުމާލޭގެ ތިން ހުޅުމާލެ ވަރުގެ ތަނެއް. އޭގެ އިތުރަށް ގިރާވަރު ފަޅާއި ގުޅިފަޅު ހިއްކައި އެންމެ ޒަމާނީ ފެންވަރުގައި އާ ޝަހަރުތަކެއް ދިވެހީންގެ ހަޔާތަށް ހަދިޔާކުރެވޭނެ. އަޅުގަނޑުގެ މަގުސަދަކީ ގެދޮރުގެ ދަތިކަމުން އެންމެ އެންމެ ދިވެއްސަކު ވެސް ކަރުނައެއް އަޅަން ނުޖެހޭނެ ޒަމާނެއް ދިވެހީންނަށް ގެނެސްދިނުން. އެންމެ ޒަމާނީ ސިޓީތަކަށް ދިވެހީންގެ އާ ޖީލުގެ ދިރިއުޅުން ބަދަލުކޮށްލުން،" ރައީސް ވިދާޅުވި އެވެ.

ކައުންސިލްތަކުގެ އަގު ވަޒަންކުރަން ބާއްވާ "ކަންގަތި އެވޯޑް" ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި ކަންކަން ކުރެވޭނީ ބަޖެޓު ލިބިގެން ކަމަށާއި އެކަމަކު މި ފަދަ ފުން ހައްސާސީ މައްސަލައަކަށް ހިމެނިފައިވާ ބަޖެޓު އޮތް ގޮތަށް އުނިކޮށްލުމުން ސުވާލު އުފެދޭ ކަމަށެވެ.

ނަމަވެސް، ރަސްމާލެ މަޝްރޫއު މިހާރު އެ ވަނީ ފެށިފައި ކަމަށާއި އެކަމަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި މި ފަސް އަހަރު ތެރޭގައި އެކަން އެގޮތަށް ކުރިއަށް ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަމަކު މަޝްރޫއުއަށް ފައިސާ ހޯދާ ގޮތުގެ ތަފްސީލެއް ރައީސް މިރޭ ވެސް ނުދެއްވަ އެވެ. އެ މަޝްރޫއުގެ ދަށުން ބިން ހިއްކަން ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ އެވެ. މިއީ ތިލަފުއްޓާއި ގުޅިފަޅު ހިއްކުމުގެ މަޝްރޫއު ވެސް ހިންގި ކުންފުންޏެވެ. ރާއްޖޭގައި ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަކެއް ހިންގާ ބޮސްކާލިސް އަކީ ސީއެމްސީސީގެ ޕާޓްނަރެވެ.

ރައީސް ވިދާޅުވީ ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބައިފައި މި ތިބި ތިބުމަށް ދާއިމަށް ނިމުމެއް ގެންނާނެ ކަމަށާއި އެ މަނިކުފާނު އަބަދުވެސް ހުންނަވާނީ ރައްޔިތުންނާ އެއްކޮޅަށް ކަމަށެވެ.

"އަޅުގަނޑު ހުންނާނީ ރައްޔިތުންގެ ފަޅީގައި. ސަބަބަކީ އަޅުގަނޑު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ވަރަށް ލޯބިވަން،" ރައީސް ވިދާޅުވި އެވެ.