Roadha Mihaaru
ގާނޫނާ ހެދި 8 ޑްރަގަކާ މެދު ފިޔަވަޅެއް ނޭޅޭ

އާ ބާވަތެއްގެ އަށް ޑްރަގެއް ރާއްޖެ އެތެރެވެއްޖެ، ގާނޫނުގައި ނެތުމުން ފިޔަވަޅެއް ނޭޅޭ

20 ޑިސެމްބަރ 2023

މިފަހުން ހިންގި މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަންތަކުން އާ ބާވަތެއްގެ އަށް ޑްރަގެއް ހިފަހައްޓާފައިވާ ކަމަށާއި ނަމަވެސް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެ ބާވަތުގެ ޑްރަގު ބަޔާންކޮށްފައި ނެތުމުން ފިޔަވަޅު އަޅަން ދަތިވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މިފަހުން ހިންގި މަސްތުވާތަކެއްޗާ ދެކޮޅު އޮޕަރޭޝަންތަކުން އާ ބާވަތެއްގެ އަށް ޑްރަގެއް ހިފަހައްޓާފައިވާ ކަމަށާއި ނަމަވެސް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި އެ ބާވަތުގެ ޑްރަގު ބަޔާންކޮށްފައި ނެތުމުން ފިޔަވަޅު އަޅަން ދަތިވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި، މަނާކުރެވިފައިވާ މަސްތުވާތަކެތި ކަމަށް ބަޔާންކޮށްފައިވަނީ 139 ވައްތަރެއްގެ ޑްރަގެވެ. މިއީ 2011 ވަނަ އަހަރު އެކުލަވާލި ގާނޫނަކަށްވާއިރު އެ ގާނޫނު ވުޖޫދުވި ފަހުން މި ލިސްޓަށް ޑްރަގެއް އިތުރެއް ނުކުރެ އެވެ.

ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވިދާޅުވީ ފުލުހުން މަސްތުވާތަކެތި ކަމަށް ބަލަނީ ގާނޫނުގެ ޖަދުވަލުގައި ބަޔާންކުރާ ބާވަތުގެ މަސްތުވާތަކެތި ކަމަށާއި ނަމަވެސް، މިފަހުން އަށް ބާވަތެއްގެ އާ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް ބޭނުން ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ޖަދުވަލުގައި ނުހިމެނޭތީވެ ގާނޫނުގެ މިންގަނޑުގެ ތެރޭގައި މަސައްކަތް ނުކުރެވި އެބަދޭ. މިކަންކަން ކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ދިރާސާކޮށްގެން މި ކަންކަން ކުރަނީ. އަޅުގަނޑުމެން މި ދަންނަވާ ބާވަތްތަކަކީ ޔޫއެންއޯޑީސީގެ ގައިޑްލައިންތަކުން އަދި ބެސްޓް ޕްރެޓިކްސްގައި ވެސް މަސްތުވާތަކެތި ކަމަށް ހުރިހާ ހާލަތެއްގައި ވެސް ބަލާ މަސްތުވާތަކެތީގެ ބާވަތްތައް،" ޝާކިރު ވިދާޅުވި އެވެ.

"އެހެން ނަމަވެސް ގާނޫނުގެ ޖަދުވަލުގައި ބަޔާންކޮށްފައި ނުވާތީވެ ގާނޫނީ މަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެންނަށް ދަތިތައް އެބަހުރި."

މީގެއިތުރުން، މިފަހުން ހިންގި އޮޕަރޭޝަންތަކުން ފާހަގަވި އަނެއް ކަމަކީ ކްލިއަރެންސް އިދާރާތަކުގެ ނަހަމަ ބޭނުން ހިފަމުންދާކަން ކަމަށް ޝާކިރު ވިދާޅުވި އެވެ. އޭނާ ވަނީ މުދާ ކްލިއާކޮށްދޭ އިދާރާތަކުން އެކަމަށް ސަމާލުވެ، ކްލިއާކޮށް ދެނީ ކޮން ކަހަލަ މުދަލެއްކަން ބެލުން މުހިންމު ކަމަށް ފާހަގަކުރައްވާފަ އެވެ.

އަދި ހުޅުމާލޭ ފޭސް 2ގައި އަލަށް އިމާރާތްކުރާ ތަންތަން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ބޭނުން ކުރުމުގެ ކަންކަން ކުރާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެ ތަންތަން ލިބިފައިވާ ފަރާތްތައް އެކަމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށް ޝާކިރު ވިދާޅުވި އެވެ. އެހެން ނޫން ނަމަ، އެ ތަންތަނުގައި ޑްރަގު ކެފޭތައް ހެދުމުގެ ބިރު އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

މިފަދަ ޑްރަގު ކެފޭތައް ހުއްޓުވަން ވެސް ގާނޫނުގެ ދަށުން ފުލުހުންނަށް ހުރަސްތަކާ ކުރިމަތިވާ ކަމަށާއި އެކަމަށް ވެސް ހައްލެއް ހޯދަން ޖެހިފައިވާ ކަމަށް ޝާކިރު ވިދާޅުވި އެވެ.

ޝާކިރު ވިދާޅުވީ 2021 ވަނަ އަހަރުން ފެށިގެން ގާނޫނަށް އިސްލާހު ގެންނަން ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށާއި ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިކަން ވެސް ދިރާސާކޮށްފައިވާ ކަމަށެވެ. އެހެންކަމުން އުއްމީދު ކުރަނީ ވީހާވެސް އަވަހަކަށް ޑްރަގު ޓްރެފިކިންގެ ޓްރެންޑް ބަދަލުވަމުންދާ މިންވަރާ އެއްވަރަށް ގާނޫނަށް ވެސް ބަދަލުތައް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.