Roadha Mihaaru
ގޯތިތައް ތިން މަސް ތެރޭ ހަވާލުކުރަން އިސްލާހެއް

ކުރީގެ ސަރުކާރުން ދޫކުރި ގޯތިތައް ތިން މަސް ތެރޭގައި ހަވާލުކުރަން ގާނޫނަށް އިސްލާހަށް

18 ޑިސެމްބަރ 2023

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގިނަ ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގިނަ ގޯތިތައް ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް، ބިމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އެތައް އަހަރެއް ވަންދެން މާލެ ރައްޔިތުންނަށް ގޯތި ދޫނުކޮށް އޮތުމަށްފަހު ކުރީގެ ސަރުކާރުން ގޯތި ދޫކުރި ނަމަވެސް، މި ސަރުކާރުން އެ ގޯތިތައް ހަވާލުކޮށްފައިނުވާތީ އެ ކަމަށް ގާނޫނީ ހައްލެއް ހޯދައި ދިނުމަށް ކަމަށް ވިދާޅުވެ އެވެ.

މީކާއިލް ހުށަހެޅުއްވި އިސްލާހުގެ ދަށުން، ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރަންޖެހެ އެވެ.

އަދި ދާއިމީ ލިސްޓު އާންމުކުރުމަށްފަހު ގޯތި ހަވާލުނުކޮށް ތިބި މީހުންގެ ގޯތިތައް، މި އިސްލާހު ތަސްދީގު ކުރެވޭތާ ގިނަވެގެން ތިން މަސް ދުވަހުގެ ތެރޭގައި އެ ގޯތިތައް ހަވާލުކުރަންޖެހޭނެ ކަމަށް އިސްލާހުގައި ބުންޏެވެ.

މަޖިލީހުގެ ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

މަޖިލީހުގެ ޖަލްސާއެއްގައި މީކާއިލް ވާހަކަ ދައްކަވަނީ. --ފައިލް ފޮޓޯ: މަޖިލީހުގެ އިދާރާ

މީގެއިތުރުން، ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ގޯތީގެ ރަޖިސްޓްރީ ވެސް ހަވާލުކުރަން މީކާއީލް ވަނީ ހުށަހަޅުއްވައިފަ އެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު ބައެއް މީހުންނަށް ރަޖިސްޓަރީ ވެސް ދޫކޮށްފައިވެ އެވެ.

އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބައެއް ބިންތައް ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނު ނަމަވެސް ގަވާއިދަށް ބަދަލު ގެނެސްގެން ވަނީ ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ.

އޭގެ މާނައަކީ މީކާއިލް ހުށަހެޅުއްވި އިސްލާހު ގާނޫނަކަށް ވެއްޖެ ނަމަ، ބިންވެރިޔާގެ ދަށުން ގޯތި ލިބުނު މީހުންނަށް ތިން މަސް ދުވަހުގެ ތެރޭގައި ގޯތި ހަވާލުކުރަންޖެހޭނެ އެވެ.

އެކަމަކު އާ ސަރުކާރުގެ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް ޕްލޭންކޮށްފައިވަނީ ކ. ފުށިދިއްގަރުފަޅު ހިއްކުމެވެ. އެ މަޝްރޫއުއަށް މަގުފަހިކޮށް، ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ބިންތައް ދޫނުކުރަން އުޅޭކަމުގެ ތުހުމަތު އެމްޑީޕީން ދަނީ ކުރަމުންނެވެ. އެ ތުހުމަތުތަކާ އެކު ފުށިދިއްގަރުފަޅު ހިއްކަން އަންނަ އަހަރުގެ ލަފާކުރާ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ ވެސް އެމްޑީޕީން ވަނީ އުނިކޮށްފަ އެވެ. އެއީ ބިންވެރިޔާ ސްކީމަށް އިސްކަން ދިނުމަށް ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

އެމްޑީޕީން އެ ގޮތަށް ތުހުމަތުކުރިޔަސް، އެއްވެސް ސަރުކާރުން ދޫކޮށްފައިވާ ބިމެއް އަދި ގޯއްޗެއް ވެސް އަތު ނުލާނެ ކަމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އެ ގޯތިތައް ދޫކުރާނެ ކަމަށް އެ މަނިކުފާނުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވެސް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.