Roadha Mihaaru
އިތުރު ދެ މީހަކު ފައިލޭރިޔާއަށް ޕޮޒިޓިވްވެއްޖެ

އިތުރު ދެ މީހަކު ފައިލޭރިޔާއަށް ޕޮޒިޓިވްވެއްޖެ

18 ޑިސެމްބަރ 2023

ހދ. ކުޅުދުއްފުށިން ފައިލޭރިޔާއަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހދ. ކުޅުދުއްފުށިން ފައިލޭރިޔާއަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

ދުނިޔޭގެ އެއިޑްސް ދުވަސް ފާހަގަކުރަން މި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު އެ ރަށުގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ބޭއްވި ހެލްތު ކޭމްޕެއްގެ ތެރެއިން ހެދި ސްކްރީނިން ޓެސްޓަކުން 17 މީހުން ވަނީ، ރާއްޖެއިން ނައްތާލާފައިވާ ކަމަށް ކަނޑައަޅާފައިވާ ފައިލޭރިޔާ ޖެހިފަ އެވެ.

އެއާއެކު، އެ ބިދޭސީންނާ ކޮންޓެކްޓުވި މީހުންގެ ޓެސްޓު ހެދި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި، ފައިނޭންސް އެގްޒެކެޓިވް މުހައްމަދު މޫސާ ވިދާޅުވީ ފަހުން ހެދި އެންޓި-ޖެން ޓެސްޓުތަކުން އިތުރު ދެ މީހަކު ފައިލޭރިޔާއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންވެ، މި ވަގުތު 19 މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބައްޔަށް ޕޮޒިޓިވްވީ އިންޑިއާ ބައެކެވެ. އެ އެންމެންނަކީ ވެސް ކޮންސްޓްރަކްޝަން މަސައްކަތަކަށް އެ ރަށަކަށް މި ފަހުން ދިޔަ، ދެ ކުންފުންޏެއްގެ މުވައްޒަފުންތަކެކެވެ. ފަހުން ފައިލޭރިޔާ ޖެހުނީ ވެސް، އެ މީހުންނާ އެއްކޮށް އުޅޭ އިންޑިއާ ދެ މީހުންނަށެވެ.

"ފައިލޭރިޔާ ޖެހިފައި ތިބި 19 މީހުންނަށް ފަރުވާ ދެމުން އައި ކަމުގައި ވިޔަސް ރަށުގައި ކޮމިއުނިޓީ ސްޕްރެޑެއް ނެތް." މުހައްމަދު ވިދާޅުވި އެވެ.

އެކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ވާޗުއަލް ސެޝަންގައި އެޗްޕީއޭއިން ރޭ ބުނީ، ފައިލޭރިޔާއަށް ޓެސްޓުކުރަން ކުޅުދުއްފުއްޓަށް 500 ކިޓް ފޮނުވާފައިވާ ކަމަށެވެ. މި ހަފުތާގެ ތެރޭގައި އެ މަސައްކަތް ފަށާނެ ކަމަށް ވެސް ބުންޏެވެ.

ފައިލޭރިޔާ ޖެހެނީ، ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. ފައިލޭރިޔާ ޖެހިފައިވާ މީހެއްގެ ގައިން ކިއުލެކްސް މަދިރި ލޭ ބުއިމަށް ފަހު، އެހެން މީހެއްގެ ގައިގައި ހަމަ އެ މަދިރި ހަފައިފިނަމަ ފައިލޭރިޔާ ޖެހުމަށް ފުރުސަތު ބޮޑުވާނެ އެވެ. އެކަމަކު، އެންމެ ފަހަރަކު މަދިރި ހެފިއަސް ފައިލޭރިޔާ ނުޖެހިދާނެ އެވެ.

އެ ބަލި ޖެހުމަށް ފަހު އެތައް ދުވަހެއް ވަންދެން އަލާމާތެއް ނުފެނި ހުރެދާނެ އެވެ. އެކަމަކު ދިގު މުއްދަތަކަށް ފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެ އެވެ. ފައިލޭރިޔާގެ އެންމެ އާއްމު އަލާމާތަކީ ފައި ދުޅަވުމެވެ. ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ރަށުން ފެނުނު އެއްވެސް މީހެއްގެ ބޭރު ފުށުން އަލާމާތެއް ފެންނާކަށް ނެތެވެ.