ލާމު ލިންކް ރޯޑުގައި އިއްޔެ ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެވަނަ މީހާ އިތުރު ފަރުވާ އަށް މިއަދު މާލެ ގެނެސްފި އެވެ.
11 ފެބުރުއަރީ 2017
ލާމު ލިންކް ރޯޑުގައި އިއްޔެ ހަވީރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި ދެވަނަ މީހާ އިތުރު ފަރުވާ އަށް މިއަދު މާލެ ގެނެސްފި އެވެ.
ލ. ގަމާއި ފޮނަދުއާ ދެމެދު އޮންނަ ލިންކް ރޯޑުގައި ދެ ސައިކަލް ޖެހި، ހިނގި މި އެކްސިޑެންޓުގައި އުމުރުން 27 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ. މުހައްމަދު ރިފްޝާން ނަމަކަށް ކިޔާ އެ ޒުވާނާ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފަ އެވެ. މިއީ ލާމު ލިންކް ރޯޑުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހެދުމަށް ފަހު، މިދިޔަ ޖުލައި މަހު ހިސާބުގައި ބޭނުންކުރަން ފެށި ފަހުން ހިނގި އެކްސިޑެންޓުގައި މަރުވި ފުރަތަމަ މީހާ އެވެ.
އިތުރު ފަރުވާ އަށް މާލެ ގެނެސް، އައިޖީއެމްއެޗްގައި މިއަދު ފަރުވާދޭން ފަށާފައި ވަނީ ރިފްޝާނާ އެކު ދިޔަ އަނެއް ސައިކަލް ދުއްވަން އިން ޒުވާނާއަށެވެ. އޭނާ މާލެ ގެނައީ އެމްއެންޑީއެފްގެ ހެލިކޮޕްޓަރެއްގަ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި އުމުރުން 27 އަހަރުގެ ފިރިހެން މީހާ އަށް އެ ހޮސްޕިޓަލްގެ އިމަޖެންސީގައި ފަރުވާދެމުން އަންނަ ކަމަށެވެ.
ނަމަވެސް އެ މީހާ އަށް ލިބުނީ ކޮންކަހަލަ ގެއްލުމެއް ކަމެއް އައިޖީއެމްއެޗުން އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އެ ޒުވާނާގެ އަތާއި ފައި ބިނދުމުގެ އިތުރުން ބޮލަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެ އެވެ. އޭނާ މާލެ ގެނައީ ހާލު އިތުރަށް ސީރިއަސްވެގެން ކަމަށް ވެ އެވެ.
ލާމު ލިންކް ރޯޑް ބޭނުންކުރަން ފެށި ފަހުން މިހާތަނަށް ވަނީ ނުރައްކާތެރި ތިން އެކްސިޑެންޓެއް ހިނގައިފަ އެވެ. އިއްޔެ ހިނގި އެކްސިޑެންޓުގެ އިތުރުން މިދިޔަ އަހަރުގެ ޖުލައި 26ގެ ބަންދުގެ ތެރޭގައި ބޭނުންކުރަން ފެށިތަނާ ކަހަލަ ގޮތަކަށް ފުރަތަމަ އެކްސިޑެންޓް ހިނގީ ކައްދޫން ފޮނަދު އަށް އުމުރުން 18 އަހަރާއި 19 އަހަރުގެ ދެ ކުއްޖަކު ދިޔަ ސައިކަލެއް، ކޯޒްވޭ އެއް ފަރާތުގައި ހުރި ގާތަކެއްގައި ޖެހިގެންނެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ބޮޑު އީދު ބަންދުގެ ތެރޭގައި ކައްދޫން ގަމަށް ދަތުރުރުކުރި ތިން ކާރެއް ޖެހި، އެއިން ދަތުރުކުރި މީހުންނަށް އެކިވަރުގެ އަނިޔާވި އެވެ. މީގެ އިތުރުން މާންދު އަށް ދުއްވާފައި ދިޔަ ޖިޕެއް ވެސް ބޮޑު އީދު ބަންދުގައި ފުރޮޅައިލި އެވެ.
ހައިވޭއެއްގެ ގޮތަށް ހަދާފައިވާ ރާއްޖޭގެ އެންމެ ދިގު މަގުގައި އެންމެ ބާރަށް ދުއްވޭނެ ސްޕީޑްތައް ކަނަޑައަޅައި ބޯޑުތައް ހަރުކޮށްފައި ހުރި ނަމަވެސް، ހެލްމެޓާއި ސީޓްބެލްޓް އެޅުން މަޖުބޫރެއް ނޫނެވެ. އެހެންވެ ލާމު ލިންކް ރޯޑްގައި ހެލްމެޓާއި ސީޓްބެލްޓް އަޅައިގެން ދުއްވާ ތަނެއް އާންމުކޮށް ނުފެނެ އެވެ.
ލާމު ލިންކުގައި އާދަޔާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވާ މައްސަލާގައި ލ. އަތޮޅު ކައުންސިލާއި ގަމު ކައުންސިލް އަދި ލ. އަތޮޅު ޕޮލިސް ސްޓޭޝަނުން ވެސް ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު މިހާތަނަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ފެންވަރުގައި އަޅާފައެއް ނެތެވެ.
ގަމުގައި އެކްސިޑެންޓްވި މީހާ މަރުވެއްޖެ
ލ.ގަމު އެކްސިޑެންޓުގައި ޒަހަމްވި ޒުވާނާ މަރުވެއްޖެ
ލ. ގަމުގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ
ލިންކްރޯޑް އެކްސިޑެންޓްގައި އަނިޔާވި މީހާ ހާލު ރަނގަޅު
ލ. ލިންކްރޯޑުގައި އެކްސިޑެންޓްވެ ޒުވާނަކު މަރުވެއްޖެ
ލާމު ލިންކު އެކްސިޑެންޓެއްގައި ޒުވާނަކު މަރުވެއްޖެ
ގަމުގައި ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ހާލުސީރިއަސް
ޝީރީންގެ ދަރިއަކު އެކްސިޑެންޓްވެ ސީރިއަސް ހާލަތުގައި
ލ.ގަމުގައި އެކްސިޑެންޓުވެ މީހަކު ސީރިއަސް ހާލަތުގައި
ލ. ލިންކްރޯޑްގައި އެކްސިޑެންޓްވެ މީހަކަށް އަނިޔާވެއްޖެ