Roadha Mihaaru
ގަމުގައި ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ހާލުސީރިއަސް

ލ. ގަމުގައި ހިނގި އެކްސިޑެންޓެއްގައި އެކެއްގެ ހާލު ސީރިއަސް

15 މާޗް 2021

ލ. ގަމުގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ، އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިޔަސް ވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ލ. ގަމުގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ، އޭނާގެ ހާލު ވަރަށް ބޮޑަށް ސީރިޔަސް ވެއްޖެ އެވެ.

ގަމުގެ މުކުރިމަގު އަވަށުގައި ދެ ސައިކަލެއް ޖެހި އިއްޔެ ހަވީރު ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 55 އަހަރުގެ އަންހެނަކާއި 28 އަހަރުގެ އަންހެނަކަށް އަދި 32 އަހަރުގެ ބިދޭސީ ފިރިހެނަކަށެވެ.

ގަން ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަލީ ނަޝީދު "މިހާރު" އަށް މިއަދު ވިދާޅުވީ އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައި ވަނީ އުމުރުން 55 އަހަރުގެ އަންހެން މީހާ އަށް ކަމަށެވެ. އޭނާގެ ބޮލަށް ގެއްލުންވެ، ސިކުނޑި އަށް ލޭ އެޅިފައިވާ ކަމަށް ޝައްކު ކުރެވޭތީ މިއަދު ހެނދުނުގެ ވަގުތެއްގައި އިތުރު ފަރުވާ އަށް މާލެ ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން ތިބި ދެ މީހުންގެ ތެރެއިން 27 އަހަރުގެ އަންހެން މީހާގެ ކަރު ކައިރީ ކަށިގަނޑުގައި ވަނީ ރެނދެއް ލާފައި. އެހެން މީހަކަށް ބޮޑު އަނިޔާއެއް ނުވޭ،" ނަޝީދު ވިދާޅުވި އެވެ.

އުމުރުން 55 އަހަރުގެ އަންހެންމީހާ އަށް މިހާރު ފަރުވާދެނީ އޭޑީކޭ ހޮސްޕިޓަލްގަ އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "މިހާރު" އަށް ވިދާޅުވީ، އެ މީހާގެ ހާލު ވަރަށް ދެރަ ކަމަށެވެ. އެކަމަކު، ތަފުސީލެއް އަފްއާލް ނުދެއްވަ އެވެ.