Roadha Mihaaru
ލ. ލިންކްރޯޑުގައި އެކްސިޑެންޓްވެ ޒުވާނަކު މަރުވެއްޖެ

ލާމު ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

10 ފެބުރުއަރީ 2017

ލ. ގަމާއި ފޮނަދުއާ ދެމެދު އޮންނަ ލާމު ލިންކް ރޯޑުގައި މިއަދު ހަވީރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން 27 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ.

ލ. ގަމާއި ފޮނަދުއާ ދެމެދު އޮންނަ ލާމު ލިންކް ރޯޑުގައި މިއަދު ހަވީރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން 27 އަހަރުގެ ޒުވާނަކު މަރުވެއްޖެ އެވެ.

މިއީ ލާމު ލިންކް ރޯޑުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދައި މިދިޔަ އަހަރުގެ ޖުލައި ހިސާބުގައި ބޭނުންކުރަން ފެށި ފަހުން، އެ މަގުގައި ހިނގި އެކްސިޑެންޓެއްގައި މަރުވި ފުރަތަމަ މީހާ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދެ ސައިކަލް ޖެހި މިއަދު ހިނގި އެކްސިޑެންޓްގައި ހިމެނޭ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އެ ހާދިސާ ހިނގަން މެދުވެރި ސަބަބެއް ފުލުހުން ނުބުނެ އެވެ.

މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރު 5:30 ހާއިރު ކަމަށް ވެ އެވެ. ލިންކް ރޯޑުގެ ކުރިހިންނެ ހިސާބުގައި ހިނގި އެކްސިޑެންޓްގައި މަރުވީ މުހައްމަދު ރިފްޝާން ކިޔާ މީހެކެވެ. އެކްސިޑެންޓް ހިނގިއިރު، ރިފްޝާން ސައިކަލްގެ ފަހަތުގައި އަންހެނަކު އިނެވެ. ނަމަވެސް އޭނާ އަށް މާ ބޮޑު އަނިޔާތަކެއް ނުވާ ކަމަށްވެ އެވެ.

ލ. ލިންކު ރޯޑުގައި މިއަދު ހިނގި އެކްސިޑެންޓްގައި ހޮޅިދަނޑިއެއް ވެއްޓިފައި -- ފޮޓޯ: ސޯޝަލް މީޑިއާ

ލ. ލިންކު ރޯޑުގައި މިއަދު ހިނގި އެކްސިޑެންޓްގައި ހޮޅިދަނޑިއެއް ވެއްޓިފައި -- ފޮޓޯ: ސޯޝަލް މީޑިއާ

އެ ހާދިސާގައި އެކްސިޑެންޓްވި ދެވަނަ ސައިކަލް ދުއްވަން އިން މީހާ އަށް ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ހައިވޭއެއްގެ ގޮތަށް ހަދާފައިވާ ރާއްޖޭގެ އެންމެ ދިގު މަގުގައި އެންމެ ބާރަށް ދުއްވޭނެ ސްޕީޑްތައް ކަނަޑައަޅައި ބޯޑުތައް ހަރުކޮށްފައި ހުރި ނަމަވެސް، ހެލްމެޓް އެޅުން މަޖުބޫރެއް ނޫނެވެ. އެހެންވެ ލާމު ލިންކް ރޯޑްގައި ހެލްމެޓް އަޅައިގެން ދުއްވާ ތަނެއް އާންމުކޮށް ނުފެނެ އެވެ.

ލާމު ލިންކުގައި އާދަޔާ ހިލާފަށް ބާރު ސްޕީޑުގައި ދުއްވާ މައްސަލާގައި ލ. އަތޮޅު ކައުންސިލާއި ގަމު ކައުންސިލް އަދި ލ. އަތޮޅު ޕޮލިސް ސްޓޭޝަނުން ވެސް ވަނީ ކުރިން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެކަމަކު މިހާތަނަށް ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ފެންވަރުގައި އަޅާފައެއް ނެތެވެ.

ލާމު ލިންކް ރޯޑް ބޭނުންކުރަން ފެށި ފަހުން މިހާތަނަށް ވަނީ ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައިފަ އެވެ. އެ މަގު މިދިޔަ އަހަރުގެ ޖުލައި 26ގެ ބަންދުގެ ތެރޭގައި ބޭނުންކުރަން ފެށިތަނާ ކަހަލަ ގޮތަކަށް ފުރަތަމަ އެކްސިޑެންޓް ހިނގީ ކައްދޫން ފޮނަދު އަށް އުމުރުން 18 އަހަރާއި 19 އަހަރުގެ ދެ ކުއްޖަކު ދިޔަ ސައިކަލެއް، ކޯޒްވޭ އެއް ފަރާތުގައި ހުރި ގާތަކެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ސައިކަލްގައި ތިބި ދެ ކުދިން ވިއްސައިގެން ގޮސް މޫދަށް ވެއްޓި، އެކެއްގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ދިޔަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ބޮޑު އީދު ބަންދުގެ ތެރޭގައި ކައްދޫން ގަމަށް ދަތުރުރުކުރި ތިން ކާރެއް ޖެހި، އެއިން ދަތުރުކުރި މީހުންނަށް އެކިވަރުގެ އަނިޔާވި އެވެ. މީގެ އިތުރުން މާންދު އަށް ދުއްވާފައި ދިޔަ ޖިޕެއް ވެސް ބޮޑު އީދު ބަންދުގައި ފުރޮޅައިލި އެވެ.