Roadha Mihaaru
ކަނޑު ހޯދަން ބަޖެޓުގައި 10 މިލިއަން އިތުރުކޮށްފި

ކަނޑުން ގެއްލުނު ބައި ހޯދަން އަންނަ އަހަރުގެ ބަޖެޓުގައި 10 މިލިއަން އިތުރުކޮށްފި

07 ޑިސެމްބަރ 2023

ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ގެއްލުނު ސަރަހައްދު ހޯދަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 10 މިލިއަން ހިމަނައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖެ-މޮރިޝަސް ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ގެއްލުނު ސަރަހައްދު ހޯދަން އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި 10 މިލިއަން ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިރޭ ކުރިޔަށްދާ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ ބައްދަލުވުމުގައި އެޓާނީ ޖެނަރަލް އޮފީހުގެ ބަޖެޓަށް އިތުރު ކުރަން ސަރުކާރުން ފޮނުވާފައިވާ ބައިތައް ހުށަހަޅުއްވަމުން ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ މައްސަލާގައި ގާނޫނީ މަސައްކަތް ކުރުމަށް 10 މިލިއަން ރުފިޔާ އެ އޮފީހުގެ ބަޖެޓަށް އިތުރު ކޮށްފައިވާ ކަމަށެވެ.

ކޮމިޓީން ވަނީ އެ އަދަދާއެކު އޭޖީ އޮފީހުގެ ބަޖެޓު ފާސްކޮށްފަ އެވެ. އޭގެ އިތުރަށް ލިބިފައި ހުރި ހުށަހެޅުންތަކަށް ވެސް ވަކިވަކިން ވޯޓަށް އަހަމުން އަންނަ އިރު މިރޭ މުޅި ބަޖެޓު ވެސް ކޮމިޓީން ނިންމައި ފާސް ކުރާނެ ކަމަށް ބެލެވެ އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދު ނުވަތަ އައްޑޫގެ ދެކުނު އޮންނަ ފުށު އަރާ ކަނޑުގެ ސަރަހައްދުގެ އިން މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަކިކުރުމުން ރާޢްޖެ އަށް ގެއްލުނު ބައި ހޯދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

ވެރިކަމުގެ ފުރަތަމަ ދުވަހު އެ މަސައްކަތް ފަށާފައިވާ ކަމަށާއި މިހާރު ވެސް އެކަމަށް ބޭނުންވާ ދިރާސާތައް ހަދަމުން އަންނަ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.