Roadha Mihaaru
ޗެންނާއީގައި ފެންބޮޑުވެ ފަސް މީހުން މަރުވެއްޖެ

ޗެންނާއީގައި ފެންބޮޑުވެ ފަސް މަރު، ގިނަ ބަޔަކު ހާލުގައި ޖެހިއްޖެ

05 ޑިސެމްބަރ 2023

ޗެންނާއީ (ޑިސެމްބަރު 5) - އިންޑިއާގެ ދެކުނު ސަރަހައްދަށް އައި ތޫފާނުގައި ޗެންނާއީ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާގައި ފަސް މީހަކު މަރުވެއްޖެ އެވެ.

ޗެންނާއީ (ޑިސެމްބަރު 5) - އިންޑިއާގެ ދެކުނު ސަރަހައްދަށް އައި ތޫފާނުގައި ޗެންނާއީ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާގައި ފަސް މީހަކު މަރުވެއްޖެ އެވެ.

އިންޑިއާގެ އަންދްރަ ޕްރަދޭޝް އަށް ވެސް ތޫފާނުގެ އަސަރު ކުރި އެވެ. ނަމަވެސް އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޓެމިލްނާޑޫގެ ވެރިރަށް ޗެންނާއީ އަށެވެ. އެ ސިޓީގައި ގިނަ ބަޔަކު ހާލުގައި ޖެހި ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ.

ޗެންނާއީގެ ފުލުހުން ބުނީ ފެންބޮޑުވުމުގެ ސަބަބުން މަރުވި ފަސް މީހުންގެތެރޭގައި މަގުމަތީގައި މަރުވެފައި އޮތް ދުވަސްވީ މީހަކު ވެސް ހިމެނޭ ކަމަށެވެ. ފެންބޮޑުވެ ފެންގަނޑުގެ ތެރެއަށް ކަރަންޓް އަސަރުކޮށްގެން ވެސް ދެ މީހަކު މަރުވި އެވެ. އޭގެ ތެރެއިން އެކަކު މަރުވީ ޕާންޑިޔަން ނަގަރު އަވަށުގެ މަގުމަތީގައި ހެދިފައިވާ ފެންގަނޑުގައި ހިނގަމުންދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.

މަރުވި އުމުރުން 35 އަހަރުގެ މީހަކު މަރުވެފައިވަނީ އޭނާގެ ގައި މައްޗަށް ގަހެއް ވެއްޓިގެންނެވެ. ފޯޝޯރ އެސްޓޭޓް ބަސް ޑިޕޯ ކައިރިން މަރުވެފައި އުމުރުން 60 އަހަރުގެ އަންހެނަކު ވެސް މަރުވެފައި އޮއްވާ ފެނުނެވެ.

އިންޑިއާގައި އެންމެ ޓައިމިން ރަނގަޅު އެއާޕޯޓްގެ ގޮތުގައި މަޝްހޫރުވެފައިވާ ޗެންނާއީގެ މެޑްރާސް އިންޓަނޭޝަނަލް މީނަމްބަކްކަމް އެއާޕޯޓްގެ ދަތުރުތަކަށް ވެސް ބުރު އަރައި ފްލައިޓްތައް ކެންސަލް ކުރަން ޖެހުނެވެ. އެކަމަކު މިއަދު ހެނދުނު އަލުން ވަނީ އެއާޕޯޓިން ދަތުރުތައް ފަށައިފަ އެވެ.