Roadha Mihaaru
ބެންގަލޫރުގައި ތިބި ދިވެހިންގެ ހާލު އަންނަނީ ބަލަމުން

ބެންގަލޫރުގައި ތިބި ދިވެހިންގެ ހާލު ގާތުން އަންނަނީ ބަލަމުން: ފޮރިން މިނިސްޓްރީ

06 ސެޕްޓެމްބަރ 2022

އިންޑިއާގެ ބެންގަލޫރަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެ ހާލަތު ގޯސްވަމުން ދާތީ އެ ސިޓީގައި ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އިންޑިއާގެ ބެންގަލޫރަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެ ހާލަތު ގޯސްވަމުން ދާތީ އެ ސިޓީގައި ތިބި ދިވެހިންގެ ހާލު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ބެންގަލޫރުގެ ބައެއް ހިސާބުތަކުގައި މިހާރު ވެސް ވަރަށް ބޮޑަށް ފެންބޮޑުވެފައިވާ ކަމަށާއި މާދަމާ ވެސް ބެންގަލޫރަށް ވަރަށް ބޯކޮށް ވާރޭވެހޭނެ ކަމަށް އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ކަމަށެވެ.

އެހެންވެ، އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ބެންގަލޫރުގައި ހުންނަ ރާއްޖޭގެ ޖެނެރަލް ކޮންސިއުލޭޓް މެދުވެރިކޮށް އެ ހިސާބުތަކުގައި ދިރިއުޅޭ ދިވެހިންނަށް އަސަރުކޮށްފައިވޭތޯ އާއި އެމީހުންގެ ހާލު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"ހައި ކޮމިޝަނުން ހާލަތު ވަރަށް ގާތުން ބަލަމުން އަންނަނީ އަދި އެ ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ގުޅުމުގެ މަސައްކަތް ވެސް އެބަކުރޭ،" މިނިސްޓްރީން ބުންޏެވެ.

"މިހާތަނަށް ގުޅުނު އެންމެންގެ ހާލު ވެސް ރަނގަޅު."

މިނިސްޓްރީން ބުނީ އެއްވެސް ހާލަތެއް ދިމާވެއްޖެ ނަމަ، ހައި ކޮމިޝަންގެ ހޮޓްލައިން ނަންބަރު 919910040786+ އަށް ނުވަތަ ބެންގަލޫރުގެ ޖެނެރަލް ކޮންސިއުލޭޓްގެ ހޮޓްލައިން ނަންބަރު 918022972754+ ގުޅައި، ރިޕޯޓްކުރުމަށެވެ.