Roadha Mihaaru
ފެންބޮޑުވި ތަނުން ސަލާމަތްކުރި މީހުންގެ ތެރޭގައި އާމިރު

ފެންބޮޑުވި ތަނުން ސަލާމަތްކުރި މީހުންގެ ތެރޭގައި އާމިރު

06 ޑިސެމްބަރ 2023

އިންޑިއާގެ ދެކުނު ސަރަހައްދަށް އައި ތޫފާނުގައި ޗެންނާއީ އަށް ބޯކޮށް ވާރޭ ވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހުނު، ބޮލީވުޑްގެ އެކްޓަރު އާމިރު ހާން އިއްޔެ ސަލާމަތްކޮށްފި އެވެ.

އިންޑިއާގެ ދެކުނު ސަރަހައްދަށް އައި ތޫފާނުގައި ޗެންނާއީ އަށް ބޯކޮށް ވާރޭ ވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހުނު، ބޮލީވުޑްގެ އެކްޓަރު އާމިރު ހާން އިއްޔެ ސަލާމަތްކޮށްފި އެވެ.

ފެންބޮޑުވުމުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުން ސަލާމަތްކުރުމަށް ޓެމިލް ނާޑޫގެ ސްޓޭޓް ސަރުކާރުން އަންނަނީ ބޮޑު އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ. އާމިރު ވެސް ސަލަމާތްކުރީ އެ އޮޕަރޭޝަންގެ ތެރެއިންނެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އާމިރު ސަލާމަތްކުރީ ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ވިޝްނޫ ވިޝާލް އެކްސްގައި ކުރި ޕޯސްޓަކާ ގުޅިގެންނެވެ.

ވިޝްނޫ ކުރި ޕޯސްޓުގައި ވަނީ އޭނާ ދިރިއުޅޭ ގޭގައި އެއްކޮށް ފެންބޮޑުވެ ސަލާމަތްވެވޭނެ ގޮތެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އެ ޕޯސްޓުގައި އޭނާ ހިއްސާކުރި ފޮޓޯއިން ފެންނަ ގޮތުގައި ގޭގެ ފުރާޅު މައްޗާ ހަމަ އަށް ހުރީ ފެން ހެދިފަ އެވެ. އޭނާ ހުރީ ވެސް ފުރާޅު މަތީގަ އެވެ.

އާމިރު ހުރީ އޭނާ ދިރިއުޅޭ ގެއާއި ކައިރި އެހެން ގެއެއްގައި ކަމަށް ރިޕޯޓްތައް ބުންޏެވެ.

އެހެންވެ، އެ ސަރަހައްދަށް ރެސްކިއު ޓީމް ދިޔައިރު ވިޝްނޫ އާއި އާމިރު އަދި އެ ސަރަހައްދުގައި ހާލުގައި ޖެހިފައި ތިބި އެހެން މީހުން ވެސް ސަލާމަތްކުރީ އެވެ.

ރިޕޯޓްތައް ބުނި ގޮތުގައި، އާމިރު ޗެންނާއީ އަށް ދިޔައީ ދެކުނު އިންޑިއާ ސިނަމާގެ އެކްޓަރު ކަމާލް ހާސަންގެ އުފަންދުވަސް ފާހަގަކުރަން މިދިޔަ މަހު އެވެ. ބޮންބޭގައި ދިރިއުޅޭ އާމިރު، އެ މުނާސަބަތަށް ފަހު ޗެންނާއީގައި މަޑުކުރީ ވިޝްނޫއާ އެކު ފިލްމެއްގެ މަސައްކަތާ ގުޅޭ މަޝްވަރާތައް ކުރުމަށް ކަމަށް ރިޕޯޓްތައް ބުންޏެވެ.

ޗެންނާއީ އަށް ބޯކޮށް ވާރޭ ވެހި ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ފަސް މީހަކު ވަނީ މިހާތަނަށް މަރުވެފަ އެވެ.

އިންޑިއާގެ އަންދްރަ ޕްރަދޭޝް އަށް ވެސް ތޫފާނުގެ އަސަރު ކުރި އެވެ. ނަމަވެސް، އެންމެ ބޮޑު ގެއްލުމެއް ލިބުނީ ޓެމިލް ނާޑޫގެ ވެރިރަށް ޗެންނާއީ އަށެވެ. އެ ސިޓީގައި ގިނަ ބަޔަކު ހާލުގައި ޖެހި ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ.