Roadha Mihaaru
ޝަކުވާތަކާ ހެދި ވަގުތު އިތުރު ކުރުން މަޑުޖައްސާލައިފި

ކަންބޮޑުވުންތައް ހުރުމުން 8-4 އަށް މަސައްކަތް ކުރުން މަޑުޖައްސާލައިފި

02 ޑިސެމްބަރ 2023

ހެލްތު މިނިސްޓްރީގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން މާދަމާ އިން ފެށިފެން ހެނދުނު 8 އިން ހަވީރު 4 އަށް މަސައްކަތް ކުރަންޖެހޭ ގޮތަށް އެ މިނިސްޓްރީން މިދިޔަ ހަފުތާގައި ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހެލްތު މިނިސްޓްރީގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން މާދަމާ އިން ފެށިފެން ހެނދުނު 8 އިން ހަވީރު 4 އަށް މަސައްކަތް ކުރަންޖެހޭ ގޮތަށް އެ މިނިސްޓްރީން މިދިޔަ ހަފުތާގައި ނިންމި ނިންމުމަށް އަމަލުކުރުން ފަސްކޮށްފި އެވެ.

ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 8 އިން މެންދުރު 2 އަށް ކަމަށް ކަނޑައަޅާފައި އޮތަސް ހެލްތު މިނިސްޓްރީގެ ފަންނީ މުވައްޒަފުން ކޮންމެ ދުވަހަކު ވެސް އިތުރު ދެ ގަޑިއިރު މަސައްކަތް ކުރަންޖެހޭ ގޮތަށް ކަނޑައެޅީ މުސާރައިގެ އާ ފްރޭމްވޯކަށް އަމަލު ކުރަން ފެށުމާ ގުޅިގެން ކަމަށް ބުނެ އެވެ.

ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އައިޝަތު ސާމިޔާ، މިދިޔަ ބުދަ ދުވަހު ފޮނުއްވި އިންޓާނަލް މެމޯއެއްގައި ވަނީ، މިދިޔަ މެއި މަހު މުސާރައިގެ އާ ފްރޭމްވޯކަށް ހުރިހާ މުވައްޒަފުން ވެސް، ޑިސެމްބަރު 2، 2023 އިން ފެށިގެން މަސައްކަތް ކުރާނީ ހެނދުނު 8:00 އިން ހަވީރު 4:00 އަށް ކަމަށް ކަނޑައަޅައިފަ އެވެ.

ނަމަވެސް، އެ މައްސަލަ ހޫނުވުމުން، މިއަދު ފޮނުވި އެހެން މެމޯއެއްގައި ބުނީ، ފަންނީ މުވައްޒަފުންގެ މަސައްކަތު ގަޑިތައް އެއްގޮތް ކުރުމާ ގުޅޭގޮތުން ބައެއް މުވައްޒަފުންގެ ކަންބޮޑުވުން ލިބެމުންދާ ކަމަށެވެ.

އެހެންވެ، ކަމާ ގުޅުންހުރި ފަރާތްތަކާ އިތުރަށް މަޝްވަރާކުރުމަށް ބޭނުންވާތީ، ވަކި ގޮތެއް އަންގަންދެން މީގެ ކުރިން ވެސް އަމަލުކުރަމުން ގެންދިޔަ ގޮތަށް މަސައްކަތް ކުރުމަށް މެމޯގައި އެންގި އެވެ.

ފަންނީ މުވައްޒަފުންގެ ރަސްމީ ގަޑި އިތުރުކުރުން މަޑުޖައްސާލަން މި ނިންމީ ހެލްތު މިނިސްޓްރީގެ ފަންނީ ބައެއް މުވައްޒަފުން އެ ކަމާ ދެކޮޅަށް ޕެޓިޝަނެއް ވެސް ތައްޔާރުކޮށް، ކަމާ ގުޅޭ ފަރާތްތަކާއި މީޑިއާގެ ސަމާލުކަމަށް އެ ކަން ގެނައުމުންނެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފަންނީ މުވައްޒަފުންގެ ރަސްމީ ގަޑި އިތުރުކުރަން ހެލްތު މިނިސްޓްރީން އުޅުނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އާ މަޝްވަރާކުރުމެއް ނެތި އެވެ. އެހެންވެ، އެކަން ހިނގި ގޮތް ސާފުކުރަން ސާމިޔާ ސީއެސްސީ އަށް ވެސް ހާޒިރުކުރި އެވެ.

ހެލްތު މިނިސްޓްރީ އަދި އެ މިނިސްޓްރީގެ ދަށުން ހިންގާ ތަންތަނުގެ ފަންނީ މުވައްޒަފުންގެ މަސައްކަތު ގަޑި އިތުރުކުރިޔަސް ސަރުކާރުގެ ރަސްމީ ގަޑިއަށް ބަދަލެއް ނުގެނެ އެވެ. އެކަމަކު، އެއީ މިހާރު ވެސް އޮންނަ ގޮތަށް ހެނދުނު 8:00 އިން މެންދުރު 2:00 އަށެވެ.