02 ޑިސެމްބަރ 2023
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުއެއް ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއުއެއް ހިންގަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފި އެވެ.
ރައީސް އެގޮތަށް ވިދާޅުވީ ދުބާއީގައި މިހާރު ކުރިއަށްދާ މޫސުމާ ބެހޭ ސަމިޓް، "ކޮޕް28" ގައި މޫސުމީ ބަދަލުތަކާ އެކު ރާއްޖެއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ރާވާފައި ހުރި މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 ޕަސެންޓަށް އިތުރުކުރައްވާނެ ކަމަށާއި އެ އަމާޒަށް ވާސިލުވުމަށް 600 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. މިހާރު މުޅި ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު ހުރީ ހަތަރު ޕަސެންޓުގަ އެވެ. އެ އަދަދު އިތުރުކުރެވޭނީ ބޭރުގެ އެހީއާ އެކު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"...ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު 33 ޕަސެންޓަށް އިތުރުކުރުން... މިކަން ކުރެވެން އޮތީ ތިބޭފުޅުންގެ އެހީއާ އެކުގައި،"
ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ބޭނުންވާ ކަންކަމަށް ފައިސާ ހޯދުމަށް ކުރިމަތިވާ އުނދަގޫތައް ހައްލު ކުރުމުގެ މުހިންމު ކަން ފާހަގަ ކުރައްވައިފަ އެވެ. މޫސުމީ ބަދަލުތަކުގެ އަސަރު ހަލުވިމިނެއްގައި ގައުމުތަކަށް ކުރަމުންދާއިރު އެކަންކަމުން އަރައިގަތުމަށް އެހީގެ ނިޒާމު މިހާރަށް ވުރެ ހަރުދަނާ ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ދުބާއީގައި މިހާރު ކުރިއަށް ދާ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގައި ބައިވެރިވި ގައުމުތަކުގެ ވެރިން ގުރޫޕް ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: ރައީސް އޮފީސް
އެ މަސައްކަތް ބިނާވާން ޖެހޭނީ ގައުމުތަކުގެ މެދުގައި ހަމަހަމަ، އަދި ލިބެންހުރި އެންމެ ރަނގަޅު ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ފަސޭހައިން ފައިސާ ހޯދޭނެ ނިޒާމެއް ގާއިމް ވާން ޖެހޭ ކަމަށާއި ފައިސާ ދިނުމުގައި ބަލާ މިންގަނޑުތައް ވެސް އަލުން މުރާޖާކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
މޫސުމީ ގެއްލުމަށް ބަދަލުދިނުމަށް ބޭނުންކުރާ "ލޮސް އެންޑް ޑެމޭޖް" ފަންޑު ހިންގަން ފެށުމަށް ގައުމުތަކުން އެއްބަސްވެފައިވާތީ އެކަމަށް މަރުހަބާ ދަންނަވައި، ރައީސް ވިދާޅުވީ އެ ފަންޑުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އަދި އެ ފަންޑުން އެންމެ ބޭނުން ޖެހިފައިވާ ގައުމުތަކަށް ފަސޭހައިން ފަންޑު ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮޕް28 ގައި ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ ރާއްޖެއަށް ކޮންމެ ވެލިފުކެއް، މަހެއް އަދި ރުކަކީ ވެސް ވަރަށް އަގުހުރި އެއްޗެއް ކަމަށާއި އެއަށް ލިބޭ ގެއްލުމަކީ ރާއްޖެއަށް ލިބޭ ގެއްލުމެއް ކަމަށެވެ. އެހެންވެ އެ ތަކެތި ހިމާޔަތްކޮށް ވެށި ސަލާމަތްކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެހިފުކެއް، ކަނޑުގައި އުޅޭ ކޮންމެ މަހެއް، އަދި ހުރިހާ ރުކަކީ ވެސް އަގުހުރި އެއްޗެއް. އެއިން ކޮންމެ އެއްޗަކަށް ލިބޭ ގެއްލުމަކީ ގައުމުގެ އިގްތިސޯދަށް، ގައުމަށް ލިބޭ ގެއްލުމެއް." ރައީސް ވިދާޅުވި އެވެ.
ކޮޕް ސަމިޓްގެ ތެރެއިން ރައީސް ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ވެސް ކުރައްވައިފަ އެވެ.
ކަރަންޓުގެ 33 ޕަސެންޓް އިއާދަކުރަނިވި ހަކަތައަށް
ރައީސް، ކޮޕް ސަމިޓަށް ދުބާއީ އަށް ވަޑައިގަންނަވަނީ
ކޮޕް29: ނިންމީ ފަގީރު ގައުމުތަކަށް 300 ބިލިއަން
މޫސުމީ އިންޒާރުގެ މެސެޖް ފޯނަށް ލިބޭނެ ގޮތް ހަދަނީ
މޫސުމީ ގެއްލުންތަކަށް އެހީ ދޭން ރައީސްގެ ހުށަހެޅުމެއް
މޫސުމީ ގެއްލުންތަކާ ބައްދަލު އެހީ ކަނޑައަޅަންޖެހޭ
ކޮޕް29 ސަމިޓުގައި މުހިންމު ލީޑަރުން ބައިވެރިއެއް ނުވޭ
ތެލަށް 65 މިލިއަން ޑޮލަރު ހޭދަވެއްޖެ:ރައީސް
މޫސުމީ ގެއްލުންތަކާ ގުޅިގެން ދޭ އެހީ އިތުރުކުރަންޖެހޭ
މޫސުމީ ކާރިސާއާ ބައްދަލު ފިޔަވަޅު އަޅަންޖެހޭ: ރައީސް