Roadha Mihaaru
ވެލާ ކަހަނބަށް ފަރުވާ ދޭން ހާއްސަ ސެންޓަރެއް

ވެލަ އަށް ހިމާޔަތްދީ، ފަރުވާ ދޭ ފުރަތަމަ ސެންޓަރު ކޮކޯ ޕާމްގައި

10 ފެބުރުއަރީ 2017

މަސްވެރިން ދޫކޮށްލާ ދަލުގައި ޖެހިގެން، އަނިޔާ ލިބިފައިވާ ވެލާ ކަހަނބު ސަލާމަތްކޮށް، އެއަށް ފަރުވާކުރުމަށް ހާއްސަ ސެންޓަރެއް ކޮކޯ ޕާމް ދުނިކޮޅުގައި ހުޅުވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މަސްވެރިން ދޫކޮށްލާ ދަލުގައި ޖެހިގެން، އަނިޔާ ލިބިފައިވާ ވެލާ ކަހަނބު ސަލާމަތްކޮށް، އެއަށް ފަރުވާކުރުމަށް ހާއްސަ ސެންޓަރެއް ކޮކޯ ޕާމް ދުނިކޮޅުގައި ހުޅުވައިފި އެވެ.

މިއީ ވެޓެރެނަރީ ޑޮކްޓަރަކާ އެކު މި ފަދަ ސެންޓަރެއް ރާއްޖޭގައި ހުޅުވި ފުރަތަމަ ފަހަރެވެ. އިންޑިއާ ކަނޑުގައި މަސްވެރިން ދޫކޮށްލާ ދަލުން ވެލާ ކަހަނބު ސަލާމަތް ކުރުމަށް ހިންގާ ބައިނަލްއަގްވާމީ ޖަމިއްޔާ، އޮލިވް ރެޑްލީ ޕްރޮޖެކްޓާ ގުޅިގެން މި މަސައްކަތް ކޮކޯގެ ރިސޯޓުތަކުން ކުރަމުން އަންނަތާ މިހާރު ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ.

އެކަމަކު އެކަމަށް ހާއްސަކޮށްގެން ހެދި "ޓާޓަލް ރެސްކިއު ސެންޓަރު" ހުޅުވީ މިދިޔަ ބުރާސްފަތިދުވަހުގަ އެވެ.

ކޮކޯ ޕާމުގެ ރެޒިޑެންޓް މެނޭޖަރު ނަސްރުﷲ އަލީ ވިދާޅުވީ މަސްވެރިން ދޫކޮށްލާ ދަލުގައި ޖެހިގެން، އަހަރަކު ސަތޭކައެއްހާ ވެލާ ކަހަނބު ރާއްޖެ އިން ފެންނަ ކަމަށެވެ. އަދި އޭގެ ތެރޭން ގިނަ ވެލާތައް ހުންނަނީ ވަރަށް ބޮޑަށް އަނިޔާވެފައި ކަމަށާއި އެހެންވެ، އެކަށީގެންވާ ފަރުވާ ނުދެވިއްޖެ ނަމަ އެތަކެތި މަރުވާ ކަަމަށެވެ.

"ދަލުގައި ޖެހިގެން ބައެއް އެއްޗެހީގެ އަތްފައި ބަނދެވި ނުވަތަ ބުރިވެފައި ހުންނައިރު، ޕްލާސްޓިކް ކޮތަޅު ފަދަ އެއްޗެހި ކައިގެން ވަރަށް ބޮޑަށް އިންޖަރީ ވެފައި ހުރޭ. އެހެންވެ، އަދި ދަލުން ސަލާމަތް ކުރި ނަމަވެސް އޭގެ ފުރާނަ ސަލާމަތެއް ނުކުރެވޭ." ނަސްރުﷲ ވިދާޅުވި އެވެ.

ކޮކޯގެ ރިސޯޓަކަށް އެރި ވެލައެއް ބިސް އަޅައި، ވެލާތައް އުފަންވުމުން ރައްކާތެރިކަމާއެކު މޫދަށް ދޫކޮށްލަނީ-- ފޮޓޯ/ ކޮކޯ ކަލެކްޝަން

ކޮކޯގެ ރިސޯޓަކަށް އެރި ވެލައެއް ބިސް އަޅައި، ވެލާތައް އުފަންވުމުން ރައްކާތެރިކަމާއެކު މޫދަށް ދޫކޮށްލަނީ-- ފޮޓޯ/ ކޮކޯ ކަލެކްޝަން

އޭނާ ވިދާޅުވީ އެފަދަ އަނިޔާ ލިބިފައިވާ ވެލާކަހަނބަށް ފަރުވާ ދިނުމަށް ހުޅުވި ސެންޓަރުގައި ސާޖަރީ ރޫމެއް ހުންނައިރު، ވެލާތައް ބަލަހައްޓަނީ އެތަނުގައި ހުންނަ ވަކިވަކި ޓޭންކުތަކެއްގައި ކަަމަށެވެ. ކޮންމެ ޓޭކެއް ވެސް ހާއްސަ ކޮށްފައި ހުންނަނީ އެ ވެލައަކަށް ލިބިފައި އަނިޔާއަކަށް ބަލައިގެންކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ނަސްރުﷲ ވިދާޅުވީ އެ ސެންޓަރު ހުޅުވުމުގެ ކުރިން، 50 އަށް ވުރެ ވެލާކަހަނބު އެ ރިސޯޓުން ސަލާމަތްކޮށް، މޫދަށް ދޫކޮށްލާފައިވާއިރު، ސެންޓަރުގައި މިހާރު ވެސް ދެ ވެލަ އަކަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ދަލުގައި ޖެހި، އަނިޔާ ލިބިފައިވާ ވެލާ އާއްމުކޮށް ފެންނަނީ ކޮކޯގެ ރިސޯޓުތަކުން ކުރާ އެކްސްކާޝަން ދަތުރުތަކުގަ އެވެ. އެކަމަކު އެހެން ރިސޯޓުތަކަށް ވެސް ފެންނަ ވެލާކަހަނބަށް ފަރުވާ ދިނުމަށް ސެންޓަރަށް ގެންދިއުމަށް އެ ރިސޯޓުތަކާ ވާހަކަ ދައްކަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"މިކަމުގައި ޓީއެމްއޭގެ އެހީތެރިކަން ވެސް ވަރަށް ބޮޑު. އެތަނުން އެއްބަސްވެފައިވޭ ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަ މި ފަދަ ވެލާކަހަނބު އަޅުގަނޑުމެންނާ ހަމައަށް ގެނެސްދިނުމަށް،" ނަސްރުﷲ ވިދާޅުވި އެވެ.

ރަށްރަށުން ފެންނަ މި ފަދަ ވެލާކަހަނބު ވެސް އެ ސެންޓަރަށް ގެންދިޔުމަކީ ކޮކޯ ޕާމުގެ ވަރަށް ބޮޑު އެދުމެކެވެ.

ނަސްރުﷲ ވިދާޅުވީ ވެލާކަހަނބު ކެއުމަކީ ކުރިން ރާއްޖޭގައި އާއްމުކަމެއް ނަމަވެސް އެކަމާ ގުޅޭގޮތުން މިހާރު ހޭލުންތެރިކަން އިތުރު ކަމަށެވެ. ހާއްސަކޮށް އެ ރިސޯޓު އޮންނަ ބ. އަތޮޅުގައި އެކަން ކުރާލެއް މަދުކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ކޮކޯގެ ރިސޯޓަކުން ވެލައެއްގެ ފޮޓޯ ނަގަނީ: ވެލާ ކަހަނބު ރައްކާތެރިކުރުމަށް އެ ރިސޯޓުތަކުން ގިނަ މަސައްކަތެއް ކުރޭ-- ފޮޓޯ/ ކޮކޯ ކަލެކްޝަން

ކޮކޯގެ ރިސޯޓަކުން ވެލައެއްގެ ފޮޓޯ ނަގަނީ: ވެލާ ކަހަނބު ރައްކާތެރިކުރުމަށް އެ ރިސޯޓުތަކުން ގިނަ މަސައްކަތެއް ކުރޭ-- ފޮޓޯ/ ކޮކޯ ކަލެކްޝަން

ވެލާ ކަހަނބު ހިމާޔަތް ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ކޮކޯގެ ރިސޯޓުތަކުން އަންނަނީ އެހެން ފެންނަ ވެލާ ކަހަނބުގެ ބޯމަތީގައި ހުންނަ ޕްރިންޓުގެ ފޮޓޯ ނަގަމުންނެވެ. ކޮންމެ ވެލައެއް ނުވަތަ ކަހަނބެއްގައި ވެސް ހުންނާނީ ތަފާތު ޕްރިންޓެކެވެ.

ނަސްރުﷲ ވިދާޅުވީ މިގޮތަށް ފޮޓޯ ނަގައި ރައްކާކުރުމުން، އެ ވެލާ ނުވަތަ ކަހަނބު ދެވަނަ ފަހަރަށް ފެނުމުން ފާހަގަ ކުރެވޭނެ ކަމަށާއި އެގޮތުގެ މަތިން އޭގެ ހަރަކާތްތައް މޮނީޓާ ކުރެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުން ފެންނަ ދާތައް ހޮވައި، އެއީ ކޮންކަހަލަ މަސްވެރިކަމެއްގައި ބޭނުން ކުރާ އަދި ކިހިނެތް ކަނޑަށް ދޫވާ ދަލެއްތޯ ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.