Roadha Mihaaru
މާރާމާރީގައި ހައްޔަރުކުރި މީހުންނަށް މުއްދަތު ޖަހައިފި

ގްރޫޕް މާރާމާރީގައި ހައްޔަރުކުރި ތިން މީހުންނަށް މުއްދަތު ޖަހައިފި

01 ޑިސެމްބަރ 2023

މިދިޔަ ބުދަދުވަހު މާލޭގައި ހިންގި މާރާމާރީއެއްގައި ހައްޔަރުކުރި ތިން މީހުންނަށް މުއްދަތު ޖަހައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިދިޔަ ބުދަދުވަހު މާލޭގައި ހިންގި މާރާމާރީއެއްގައި ހައްޔަރުކުރި ތިން މީހުންނަށް މުއްދަތު ޖަހައިފި އެވެ.

ހެންވޭރުގައި ހުންނަ ޗީބޯ ކެފޭ ކައިރީގައި ހިންގި މާރާމާރީގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. މާރާމާރީ ހިންގި ކަމަށް ތުހުމަތުކޮށް އެ ދުވަހު ހައްޔަރު ކުރީ 18 އަހަރާއި 22 އަހަރާ އަދި 24 އަހަރުގެ ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުން އެކަކަށް ފަސް ދުވަސް ދީފައިވާއިރު އަނެއް ދެ މީހުންނަށް ދިނީ 10 ދުވަހެވެ.

ކޯޓަށް ފުލުހުން ދިން ބަޔާނުގައި ބުނެފައި ވަނީ 10 ދުވަހަށް ބަންދުކުރި ދެ މީހުންނަކީ މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ ދެ މީހުން ކަމަށެވެ.

ތިން މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކޮށްފައިވާ ކަމަށް ހެކި ލިބިފައިވާ ކަމަށާއި އެ މީހުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް ބުނެފައި ވަނީ މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފެންނާތީ ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މި މާރާމާރިއާ ގުޅިގެން އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ތިއްބެވެ. އަދި އެ ވީޑިއޯ އިން ފެންނަ ގޮތުގައި، ފުލުހުންނަށް ފިލަން ވެސް ދެ މީހަކު މަސައްކަތް ކުރެ އެވެ.

އެ ދެ މީހުން ފިލަންވެގެން ސައިކަލެއްގައި ވަރަށް ބާރަށް ދުއްވާފައި ދަނިކޮށް، އެ މީހުންގެ ކުރިމަތިން ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހި ބިން މައްޗަށް ވެއްޓެވެ. އަދި އެ ދެމީހުން ތެދުވެ ދުއްވައިގަންނަނިކޮށް އެ ތަނުން އެކަކު ފުލުހުން ހިފަހައްޓަ އެވެ. ދެވަނަ މީހާ ހިފަހައްޓަން ފުލުހުން ދުވާތަން ވެސް އެ ވީޑިއޯ އިން ފެނެ އެވެ.