22 ނޮވެމްބަރ 2023
އިޒްރޭލުގެ އިސްތިއުމާރީ ދައުލަތަށް އެއްވެސް ބާވަތެއްގެ ހަތިޔާރު އެކްސްޕޯޓް ނުކުރުމަށް ސައޫދީ އަރަބިއްޔާ އިން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ގޮވާލައިފި އެވެ.
އިޒްރޭލުގެ އިސްތިއުމާރީ ދައުލަތަށް އެއްވެސް ބާވަތެއްގެ ހަތިޔާރު އެކްސްޕޯޓް ނުކުރުމަށް ސައޫދީ އަރަބިއްޔާ އިން ދުނިޔޭގެ ހުރިހާ ގައުމުތަކަށް ގޮވާލައިފި އެވެ.
އިގްތިސާދީ ގޮތުން ކުރިއަރަމުން އަންނަ ފަސް ގައުމު ގުޅިގެން އުފައްދާފައި އޮންނަ ޖަމިއްޔާ ބްރިކްސްގެ ޚާއްސަ މަހާސިންތާގައި އިއްޔެ ވާހަކަ ދައްކަވަމުން ސައޫދީ ބޮޑުވަޒީރު އަދި ވަލީ އަހުދު އަމީރް މުހައްމަދު ބިން ސަލްމާން ވިދާޅުވީ އިޒްރޭލާ އެކުގައި އަސްކަރީ ވިޔަފާރި ކުރުން ހުއްޓައިލަންޖެހޭ ކަމަށެވެ. ބްރިކްސްގައި ހިމެނެނީ، ބްރެޒިލް، ރަޝިޔާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ އެވެ.
ހުސްވި އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލާއި ހަމާސްއާ ދެމެދު ކުރަމުން އަންނަ ހަނގުރާމައާ ބެހޭ ގޮތުން ބަހުސްކުރުމަށް އިއްޔެ ބޭއްވި އޮންލައިން މަހާސިންތާގައި އަމީރް މުހައްމަދު ވިދާޅުވީ އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ޣައްޒާގައި ހިންގާ އުދުވާންތައް ވަގުތުން ހުއްޓައިލަންޖެހޭ ކަމަށެވެ. އަދި ޣައްޒާގައި އިޒްރޭލު ސިފައިން ހިންގަނީ ހަނގުރާމައިގެ ޖަރީމާތަކެއް ކަމަށާއި، އެ އަމަލުތައް ސައޫދީން ކުށްވެރިކުރާ ކަމަށް ވެސް މުހައްމަދު ވިދާޅުވި އެވެ.
އަމީރް މުހައްމަދު ވިދާޅުވީ އިޒްރޭލުގެ އިސްތިއުމާރީ ސިފައިން ބާރުގެ ބޭނުންކޮށްގެން ފަލަސްތީނުގެ ރައްޔިތުން ޣައްޒާ އިން ނެރެ ފައްސައިލުމަކީ، އަދި ޣައްޒާގެ ރައްޔިތުން އެމީހުންގެ ގެދޮރުން ނެރެ ވިއްސިވިހާލިކޮށްލުމަކީ އެއްވެސް ހަމައަކުން ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާރު ކުރަމުންދާ ހަނގުރާމަ ފެށުމާއެކު، އެކަން ހުއްޓުވުމަށް ސައޫދީ އަރަބިއްޔާ އިން ވަރަށް ގިނަ މަސައްކަތްތަކެއް ކުރި ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
އޭގެ އިތުރުން ވަލީ އަހުދު ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމަށް މަގު ފަހިކޮށްދޭ ސުލްހައިގެ ވާހަކަތައް ފެށުމަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ފަލަސްތީނުގެ މިނިވަން ދައުލަތް ގާއިމުކުރަން ޖެހޭނީ ވެސް، 1967 ވަނަ އަހަރުގެ އިމާ އެއްގޮތަށެވެ.
"މި ކަމުގައި ސައޫދީ އަރަބިއްޔާ އިން ގެންގުޅޭ ސިޔާސަތު ވަރަށް ސާފުވެފައި ވަރަށް ސާދާ. ސައޫދީން ގަބޫލުކުރާ ގޮތުގައި ދެ ދައުލަތުގެ ހައްލު ހޯދުމަށް ބައިނަލްއަގުވާމީ މުޖްތަމައުން ނިންމާފައިވާ ނިންމުންތައް ތަންފީޒުކޮށްގެން ނޫން ގޮތަކަށް، ފަލަސްތީނަށް ހަމަޖެހުމާއި ރައްކާތެރިކަން ހޯދައިދެވޭނެ އެއްވެސް ގޮތެއް ނެތް،" އަމީރު މުހައްމަދު ވިދާޅުވި އެވެ.
އިޒްރޭލަށް ހަތިޔާރު އެކްސްޕޯޓް ކުރުން މަނާކުރުމަށް އަމީރު މުހައްމަދު ގޮވައިލެއްވި އިރު، ސައޫދީ އަރަބިއްޔާ އިން އަންނަނީ އިޒްރޭލާ އެކުގައި ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރަމުންނެވެ.
އިޒްރޭލަށް އެންމެ ގިނައިން ހަތިޔާރު ވިއްކަނީ އެމެރިކާ އެވެ. އޭގެ ފަހުގައި އިނގިރޭސި ވިލާތާއި ފަރަންސޭސި ވިލާތް އަދި ޖަރުމަން ވިލާތެވެ. މި ހުރިހާ ގައުމުތަކަކީ ވެސް އިޒްރޭލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމުތައް ހުއްޓައިލުމަށް ދެކޮޅު ހަދަމުން އަންނަ ގައުމުތަކެވެ.
އިޒްރޭލާއި ހަމާސްއާ ދެމެދު ޣައްޒާގައި ހަނގުރާމަ ކުރަމުން ދަނީ، ހުސްވި އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އިޒްރޭލުގެ 1200 އަށް ވުރެ ގިނަ މީހުން މަރާލައި 200 އަށް ވުރެ ގިނަ މީހުން އަސީރު ކުރުމާ ގުޅިގެންނެވެ. އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް "އަގްސާ ތޫފާން"ގެ ނަމުގައި އެ ދުވަހު ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން، ހަމަ އެ ދުވަހު އިޒްރޭލުން ވަނީ "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމާސްއާ ދެކޮޅަށް ހަނގުރާމަ ފަށައިފަ އެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލު ސިފައިން ދެމުންދާ ހަމަލާތަކަށް 46 ދުވަސް ވެގެން ދިޔައިރު، އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް 14000 އަށް ވުރެ މަތިވެއްޖެ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 6000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3700 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ.
އިޒްރޭލުގެ ހަމަލާތަކުގައި ޣައްޒާ އިން ޒަޚަމްވެފައިވާ މީހުންގެ އަދަދު 31500 އަށް ވުރެ މަތިވެފައިވާ އިރު، އޭގެ 75 އިންސައްތައަށް ވުރެ މަތީ ނިސްބަތެއް ހިއްސާ ކުރަނީ އަންހެނުންނާއި ކުޑަކުދިންނެވެ. އަދި އިޒްރޭލުގެ ހަމަލާތަކުގައި ގެއްލިފައިވާ މީހުންގެ އަދަދު 6000 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ކަމަށް ބެލެވެ އެވެ.
އެމެރިކާ-އަރަބި ޑްރާމާ އިން ލަދުވެތިކަން
އަރަބި ވެރިންގެ މަހާސިންތާއެއް ސައޫދީގައި ބާއްވަނީ
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
ގާޒާގެ މުޖާހިދުންގެ ހިތްވަރަށް ބަދަލެއް ނާދޭ: އިޒްރޭލް
ގާޒާގެ ބިންގަރާސްތަކަށް އިޒްރޭލުން ލޮނު އަޅަނީ
ޣައްޒާގެ ގަތުލުއާންމު ހުއްޓައިލަން ދުނިޔެ ގޮވާލައިފި
މިހާތަނަށް 86 ނޫސްވެރިން ޝަހީދުކޮށްލައިފި
ޣައްޒާ ހަނގުރާމައިގައި މަރުވި އަދަދު 18000 އަށް
ޣައްޒާގެ ދެބައިކުޅަ އެއްބައި ތިބީ ހައިހޫނުކަމުގައި
އިޒްރޭލަށް ދާ ކޮންމެ ބޯޓަކީ އަހަރެމެންގެ އަމާޒެއް