Roadha Mihaaru
ސިޓީ ކައުންސިލްގެ ޖަލްސާ ނުބޭއްވި މަސައްކަތް ހުއްޓިފައި

މާލޭ ސިޓީ ކައުންސިލްގެ އާންމު ޖަލްސާތައް ނުބޭއްވި މަސައްކަތްތައް ހުއްޓިފައި

22 ނޮވެމްބަރ 2023

ކޯރަމް ހަމަނުވެގެން މާލޭ ސިޓީ ކައުންސިލްގެ އާންމު ޖަލްސާ ނުބޭއްވި މަސައްކަތްތައް ހުއްޓިފައި އޮންނަތާ ދެ ހަފުތާ ވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޯރަމް ހަމަނުވެގެން މާލޭ ސިޓީ ކައުންސިލްގެ އާންމު ޖަލްސާ ނުބޭއްވި މަސައްކަތްތައް ހުއްޓިފައި އޮންނަތާ ދެ ހަފުތާ ވެއްޖެ އެވެ.

ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވަނީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ކޯރަމް ހަމަނުވެގެން ސިޓީ ކައުންސިލުން އާންމު ރަސްމީ ޖަލްސާ މިހާރު ޖައްސަޖައްސައިގެން ދެ ހަފުތާގެ މަތިން ކެންސަލްކޮށްފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން އާންމު ރަސްމީ ޖަލްސާ ބާއްވަނީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހު އެވެ. މިއަދު ބާއްވަން ތަވާލުކުރި ޖަލްސާ ވެސް ވަނީ ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފަ އެވެ.

"މިތަނުގެ މަސައްކަތް ހިންގޭނެ ގޮތަކަށް، ވެރިކަންކުރާ ކޯލިޝަނުން ކައުންސިލަރުންގެ މައްޗަށް ބާރު އެޅުއްވުން ކޮންމެހެން ބޭނުންތެރި،" ސިޓީ ކައުންސިލްގެ ހުސްވެފައިވާ މޭޔަރުގެ މަގާމަށް ކުރިމަތިލައްވާނެ ކަން ވެސް އިއުލާންކުރައްވާފައިވާ ސައިފް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު: އާންމު ޖަލްސާ ނުބޭއްވި ސިޓީ ކައުންސިލުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން އޭނާ ކަންބޮޑުވުން ފާޅުކުރެއްވި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މާލޭ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު: އާންމު ޖަލްސާ ނުބޭއްވި ސިޓީ ކައުންސިލުގެ މަސައްކަތްތައް ހުއްޓިފައި އޮތުމުން އޭނާ ކަންބޮޑުވުން ފާޅުކުރެއްވި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސައިފް ވިދާޅުވި ގޮތުގައި، ސިޓީ ކައުންސިލުގެ މަސައްކަތްތައް އޮތީ ފުނިޖެހިފަ އެވެ. އޭނާ އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ މިއަދު ބާއްވަން ތަވާލުކުރި އާންމު ޖަލްސާގެ އެޖެންޑާގެ ފޮޓޯއެއް ވެސް ހިއްސާކުރައްވައިފަ އެވެ.

އެ އެޖެންޑާގައިވާ ގޮތުގައި، ކައުންސިލާ ގުޅޭ ފަސް މައްސަލައެއްގައި މަޝްވަރާކުރަން މިއަދު ހުށަހަޅާފައިވެ އެވެ.

މާލޭގެ ކުރީގެ މޭޔަރު އަދި އާ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ވެވަޑައިގެންނެވި ފަހުން ސިޓީ ކައުންސިލުގެ ހުރިހާ އިސް މަސްއޫލިއްޔަތުތަކެއް ހަވާލުކުރައްވާފައި ވަނީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއާ އެވެ.

ނަރީޝް "މިހާރު" އަށް ވިދާޅުވީ މިދިޔަ ދެ ހަފުތާގައި ވެސް ސިޓީ ކައުންސިލުގެ އާންމު ޖަލްސާ ނުބޭއްވުނީ ކޯރަމް ހަމަނުވެގެން ކަމަށެވެ. އެ މައްސަލާގައި އޭނާ ވެސް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި މިދިޔަ ހަފުތާގެ ޖަލްސާ ވެސް ކެންސަލް ކުރަން ޖެހުނީ ޖަލްސާ ފެށި ފަހުން ކޯރަމް ގެއްލިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް: ޖަލްސާ ނުބޭއްވޭތީ އޭނާ ވެސް ކަންބޮޑުވުން ފާޅުކުރެއްވި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް: ޖަލްސާ ނުބޭއްވޭތީ އޭނާ ވެސް ކަންބޮޑުވުން ފާޅުކުރެއްވި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އޭނާ ވިދާޅުވީ ޖަލްސާ އަށް ވަޑައިގަތުމަކީ ކޮންމެ ކައުންސިލަރެއްގެ އަމިއްލަ އިހުތިޔާރުގައި އޮންނަ ކަމެއް ކަމަށާއި ޖަލްސާ އަށް ވަޑައިގަތުމަށް ހަތަރު ދުވަސް ކުރިން ކޮންމެ ކައުންސިލަރަކަށް އަންގައި އޭނާގެ ޒިންމާ އަދާކުރައްވާ ކަމަށެވެ.

"އަޅުގަނޑުގެ ޒިންމާއަކަށް މި އޮންނަނީ ޖަލްސާ އެޖެންޑާ ކުރުމާއި އެޖެންޑާ މެމްބަރުންނަށް ފޮނުވުން. އެ ޒިންމާ އެބަ އަދާކުރަން،" ނަރީޝް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހުރިހާ ކައުންސިލަރުން ގަދަކަމަކުން ނުގެނެވޭނެ ދެއްތޯ. އަޅުގަނޑަށް ވެސް ދެންނެވޭނީ."

އޭނާ ވިދާޅުވި ގޮތުގައި، 19 ކައުންސިލަރުންގެ މައްޗަށް އެކުލެވޭ މާލޭ ސިޓީ ކައުންސިލުގެ އާންމު ޖަލްސާގެ ކޯރަމް ހަމަކުރުމަށް މަދުވެގެން 10 މެމްބަރުން ޖަލްސާގައި ބައިވެރިވާން ޖެހެ އެވެ. އެކަމަކު އާންމުކޮށް މިހާރު ޖަލްސާ އަށް ވަޑައިގަންނަވަނީ 5-7 މެމްބަރުންނެވެ.

އާ ސަރުކާރާ އެކު، މާލޭ ސިޓީ ކައުންސިލުގެ މޭޔަރުގެ އިތުރުން ތިން ގޮޑިއެއް ވަނީ ހުސް ވެސް ވެފަ އެވެ. އެއީ ކައުންސިލަރު އާދަމް ރަމީޒާއި އަބްދުﷲ ނަސީރު އަދި ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ގޮނޑި އެވެ. އެ ތިން ބޭފުޅުންނަށް މިހާރު ވަނީ ސަރުކާރު މަތީ މަގާމެއް ދެއްވައިފަ އެވެ.