Roadha Mihaaru
ޝިފާ ހޮސްޕިޓަލުގެ ބޮޑު އިމާރާތް ސުންނާފަތި ކޮށްލައިފި

ޝިފާ ހޮސްޕިޓަލުގެ ބޮޑު އިމާރާތް ސުންނާފަތިކޮށްފި، ބައިޑެން ތާއީދު

16 ނޮވެމްބަރ 2023

އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް އިއްޔެ ގެންގޮސްފައިވާ، ޣައްޒާގެ އައް-ޝިފާ ހޮސްޕިޓަލުގައި ހުންނަ އެންމެ ބޮޑު އިމާރާތް - އޮޕަރޭޝަންތަކަށް ޚާއްސަ އިމާރާތް – ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށް ސުންނާފަތި ކޮށްލައިފި އެވެ.

އިޒްރޭލު ސިފައިންގެ ބާރުގެ ދަށަށް އިއްޔެ ގެންގޮސްފައިވާ، ޣައްޒާގެ އައް-ޝިފާ ހޮސްޕިޓަލުގައި ހުންނަ އެންމެ ބޮޑު އިމާރާތް - އޮޕަރޭޝަންތަކަށް ޚާއްސަ އިމާރާތް – ބޭނުން ނުކުރެވޭ ވަރަށް ހަލާކުކޮށް ސުންނާފަތި ކޮށްލައިފި އެވެ.

ޓޭންކުތަކާއި ބުލްޑޯޒަރުތައް ބޭނުންކޮށްގެން ދޮރާށި ވައްޓާލައި ކަރުނަ ގޭހާއި ދުން ބޮން ބޭނުންކޮށްގެން އިޒްރޭލު ސިފައިން ފުރިހަމަ ހަތިޔާރާ އެކު އެ ހޮސްޕިޓަލަށް ވަދެގަތީ، އަންގާރަ ދުވަހުގެ ރޭ ދަންވަރު އެވެ. ހޮސްޕިޓަލަށް ވަދެގަތުމަށް ފަހު އިޒްރޭލު ސިފައިން އެންމެ ފުރަތަމަ ބަލައި ފާސްކުރީ އެ ހޮސްޕިޓަލުގައި ހުންނަ ހަތް އިމާރާތުގެ ބޭސްމަންޓެވެ.

އެތަންތަން ބަލައި ފާސްކުރުމަށް ފަހު، ހޮސްޕިޓަލުގައި ތިބި ބަލި މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ޚިދުމަތްތެރިންގެ އިތުރުން، ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި އާންމުންނާ ވެސް ވަކިވަކިން ގެންދަނީ ސުވާލުކޮށް ތަހުގީގު ކުރަމުންނެވެ.

އެ ހޮސްޕިޓަލުގެ ތެރޭގައި ތިބި އަލް ޖަޒީރާގެ ނޫސްވެރިން ބުނާ ގޮތުގައި ހަމާސްގެ ހަނގުރާމަވެރިން ހޯދުމަށް އިޒްރޭލު ސިފައިން އެ ހޮސްޕިޓަލުގެ ތަންތަން ބަލައި ފާސްކުރުމަށް ފަހު، އެފަދަ ހެއްކެއް ނުފެނުމުން، ބޭހާއި ސިއްހީ ސާމާނު ރައްކާކުރާ ގުދަނުގައި ގޮވާތަކެތި ހަރުކޮށް ރޭ ވަނީ ގޮއްވާލައިފަ އެވެ.

އެ ހޮސްޕިޓަލުގެ ތެރެއިން ހަމާސްގެ ހަނގުރާމަވެރިއެއް ނުފެނުމުން އަދި ހަނގުރާމަވެރިންގެ ބިންގަރާހެއް އެ ހޮސްޕިޓަލުގެ އަޑީގައި ހުރިކަމުގެ ނިޝާނެއް ނުފެނުމުން، އިޒްރޭލު ސިފައިން ދެން ދިމާކުރީ އެ ހޮސްޕިޓަލުގައި އެކި އޮޕަރޭޝަންތަކަށް ޚާއްސަކޮށްފައިވާ އިމާރާތް ސުންނާފަތި ކުރުމަށެވެ. އެގޮތުން އިޒްރޭލު ސިފައިން އެ އިމާރާތަށް ވަދެ، އެ އިމާރާތުގެ ކޮޓަރިތައް ވަކިކުރުމަށް ޖަހާފައި ހުރި ޕާޓިޝަންތަކާއި ފާރުތައް ހަލާކުކޮށް، ސިއްހީ ޚިދުމަތް ދިނުމަށް ބޭނުންކުރާ ހުރިހާ ސާމާނުތަކާއި މެޝިންތައް ހަލާކުކޮށްލި އެވެ.

އިޒްރޭލު ސިފައިން އެ ހޮސްޕިޓަލަށް ވަދެގަނެގެން އުޅޭތާ 36 ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެގެން ދިޔައިރު، އެ ހޮސްޕިޓަލުގައި ތިބި މީހުންގެ ތެރެއިން 200 ވަރަކަށް މީހުން ވަނީ، ތަހުގީގަށް ކަމަށް ބުނެ ކަނުބަނދެގެން ގެންގޮސްފަ އެވެ. އެމީހުން ގެންދިޔައީ ކޮން ތަނަކަށް ކަމެއް، އަދި މިހާރު އެމީހުންގެ ހާލަކީ ކޮބައިކަމެއް ވެސް ނޭނގޭ ކަމަށް، އެ ހޮސްޕިޓަލުގައި ތިބި އެމީހުންގެ ތިމާގެ މީހުން ބުނެ އެވެ.

"އިޒްރޭލު ސިފައިން އެބުނާ ތަހުގީގެއް ފެށީ، އެންމެ ފުރަތަމަ އެމީހުން ހޮވާލައިގެން ނެގި 30 މީހުން ލައިގެން ތިބި އަންނައުނުތައް ބާލައި ހަމައެކަނި ޖަންގިޔާކޮޅުގައި، އިމާރާތުން ނެރެ ހޮސްޕިޓަލުގެ ގޯތި ތެރެއަށް ގެންދިއުމަށް ފަހު. އޭގެ ފަހުން އެތައް ބަޔަކު ގެންގޮސްފި އެކި ބައިބަޔަށް ނެރެ، ކަނު ބަނދެގެން ތަހުގީގަށޭ ކިޔާފައި،" ހޮސްޕިޓަލުގައި ތިބި މީހުންނާ ހަވާލާދީ އަލްޖަޒީރާ އިން ބުނެ އެވެ.

ޝިފާ ހޮސްޕިޓަލުގެ ތެރެއަށް ވަދެ އިޒްރޭލު ސިފައިން މި ލާއިންސާނީ އަމަލުތައް ހިންގަމުން ދާއިރު، އެ ސަރަހައްދަށް އެއްވެސް ބަޔަކު ކައިރިވިޔަ ނުދިނުމުގެ ގޮތުން، ހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދުތަކަށް އިޒްރޭލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދަނީ ބޮމާއި މިސައިލުން ހަމަލާ ދެމުންނެވެ. އެ ހޮސްޕިޓަލަށް އެއްވެސް މީހަކު ވަދެނުކުތުން މަނާކޮށްފައިވާ އިރު، ރޭ ދަންވަރު އިޒްރޭލުގެ އިތުރު ޓޭންކުތައް ވަނީ އެ ހޮސްޕިޓަލުގެ ގޯތި ތެރެއަށް ވަދެފަ އެވެ.

ބަރު ހަތިޔާރާ އެކު ބޮޑު ހޮސްޕިޓަލަކަށް ވަދެ އެތަން ބަލައި ފާސްކުރާތާ 36 ގަޑިއިރު ވެގެން ދިޔައިރު ވެސް، އެ ތަނުގައި ހަމާސްގެ އަސްކަރީ ހަރަކާތެއް ހިންގާ ކަމުގެ ހެއްކެއް ދެއްކިފައި ނުވާއިރު ވެސް، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއްޔެ ވިދާޅުވީ، އެ ހޮސްޕިޓަލުގެ އަޑީގައި އަސްކަރީ ބިންގަރާސްތަކެއް ހެދުމަކީ ހަމާސް އިން އެދި ވަރަށް ބޮޑު ގޯހެއް ކަމަށެވެ.

އަދި މިހާރު އެ ހޮސްޕިޓަލުގައި އިޒްރޭލުން ފަށާފައިވާ އަސްކަރީ ހަރަކާތްތައް މާ އަވަސް މުއްދަތެއްގައި ހުއްޓައިލާނެ ކަމަށް ބެލެވެން ނެތް ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ، ޝިފާ ހޮސްޕިޓަލުގެ އަޑީގައި ހަދާފައިވާ ބިންގަރާސްތަކެއްގައި ހަމާސްގެ ހަނގުރާމަވެރިން އަސްކަރީ މަރުކަޒުތަކެއް ހަދައިގެން ހިންގަމުން އަންނަ ކަމުގެ ޖާސޫސީ މައުލޫމާތު، އެމެރިކާ އަށް ވެސް ލިބިފައިވާ ކަމަށެވެ.

ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.

އިޒްރޭލުން ޣައްޒާ އަށް މިހާރު ދެމުންދާ އަސްކަރީ ހަމަލާތައް 41 ވަނަ ދުވަހަށް އިރު އެރިއިރު، ފަލަސްތީނުގެ 11500 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައިފަ އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 4850 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3100 އަށް ވުރެ ގިނަ އަންހެނުން ހިމެނެ އެވެ. އަދި ޒަޚަމްވި މީހުންގެ އަދަދު މިހާރުވަނީ 29800 އަށް ވުރެ މައްޗަށް އަރައިފަ އެވެ.