ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ އިސްތިއުމާރީ ސިފައިން މީގެ 37 ދުވަސް ކުރިން ފެށިގެން ދެމުންދާ ހަމަލާތަކުގައި، ޣައްޒާގެ ހޮސްޕިޓަލުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުކޮށްފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ އާންމު ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ އިސްތިއުމާރީ ސިފައިން މީގެ 37 ދުވަސް ކުރިން ފެށިގެން ދެމުންދާ ހަމަލާތަކުގައި، ޣައްޒާގެ ހޮސްޕިޓަލުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް، ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުކޮށްފި އެވެ.
އދ.ގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ބުނި ގޮތުގައި ޣައްޒާގެ އުތުރާއި ޣައްޒާ ސިޓީގައި ހުރި ހޮސްޕިޓަލުތަކާއި ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ ކައިރި އަށް ދޭ ހަމަލާތައް، ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ވަނީ އިތުރުކޮށް ވަރުގަދަ ކޮށްފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ހޮސްޕިޓަލަށް އިޒްރޭލުން ވަނީ ސީދާ ހަމަލާ ދީފަ އެވެ.
އޯސީއެޗްއޭ އިން ބުނި ގޮތުގައި ޣައްޒާ ސިޓީގައި ހުރި ޝިފާ ހޮސްޕިޓަލުގައި ވަގުތީ ހިޔާވަހިކަން ހޯދައިގެން ތިބި އާންމުންނާއި ބައެއް ބަލި މީހުންނާއި ބައެއް މުވައްޒަފުން އެ ތަންތަން ދޫކޮށް ދިއުމަށް ބޭރަށް ނުކުތުމުން، އިޒްރޭލު ސިފައިން ވަނީ ހަމަލާދީ މަރާލައިފަ އެވެ. އިޒްރޭލު ސިފައިން، ޝިފާ ހޮސްޕިޓަލާއި އިންޑޮނީޝިއާ ހޮސްޕިޓަލު ހިސާރުކޮށްގެން ތިބުމުން އެއިން ތަނަކަށް އެއްވެސް ބާވަތެއްގެ އެއްޗެ ނުވެއްދޭތީ، އެ ދެ ހޮސްޕިޓަލުގެ ޖަނަރޭޓަރުތަކުން ތެޔޮ ހުސްވެ ޖަނަރޭޓަރުތައް ވަނީ ނިވިފަ އެވެ.
އޭގެ އިތުރުން އަލް ގުދުސް ހޮސްޕިޓަލުގައި އިއްޔެއާ ހަމައަށް ސަލާމަތުން ހުރި ހަމައެކަނި ޖަރަނޭޓަރު ވެސް އިއްޔެ ވަނީ ދޮން ބޮޑުވެގެން ހުއްޓިފަ އެވެ. ނަމަވެސް ހޮސްޕިޓަލުގެ ވަށައިގެން އިޒްރޭލު ސިފައިން ބޮން އަޅަމުން ދާތީ އާއި ހޮސްޕިޓަލުގެ ބޭރުގައި ހަނގުރާމަ ހިނގަމުން ދާތީ، ޖަނަރޭޓަރު މަރާމާތުކުރެވޭނެ ގޮތެއް ނެތެވެ.
އޯސީއެޗްއޭ އިން ބުނި ގޮތުގައި ޝިފާ ހޮސްޕިޓަލުން ކަރަންޓު ކެނޑުމުގެ ސަބަބުން، ކުޑަކުދިންގެ ޔުނިޓްގައި އޮތް ހާލު ބޮޑު ދެ ކުއްޖަކު ވަނީ، ލައިފް ސަޕޯޓިން މެޝިންތައް ހުއްޓުމާ ގުޅިގެން މަރުވެފަ އެވެ. އޭގެ އިތުރުން އެ ހޮސްޕިޓަލުގެ އިންކިއުބޭޓަރުގައި އޮތް 37 ކުދިންގެ ފުރާނަ ވެސް ނުރައްކަލަށް ވެއްޓިފައިވާ ކަމަށް އެ އިދާރާ އިން ބުންޏެވެ.
ޣައްޒާގައި ހުންނަ އައް ރަންތީސީ ހޮސްޕިޓަލުގެ ދެ ފަރާތުގައި ޓޭންކުތައް އަތުރާލައިގެން އިޒްރޭލު ސިފައިން ތިބޭތާ މިހާރު ތިން ދުވަސްވަނީ އެވެ. އެ ހޮސްޕިޓަލަށް އެއްވެސް މީހަކު ވަދެނުކުތުން މަނާކޮށްފައި ވުމުން، ކައިރި ސަރަހައްދުތަކުގައި ހިނގަމުންދާ ހަނގުރާމައިގައި މަރުވާ މީހުންނާއި ޒަޚަމްވާ މީހުން އެ ހޮސްޕިޓަލަށް ގެނެވޭނެ ގޮތެއް މިހާރު ނެތެވެ.
އޯސީއެޗްއޭގެ އަންޑަ ސެކްރެޓަރީ ޖެނެރަލް މާޓީން ގްރިފިތު ވިދާޅުވި ގޮތުގައި ސިއްހީ ޚިދުމަތް ދޭ ތަންތަނުގައި ހަނގުރާމައިގެ އަމަލުތައް ހިންގުމަކީ އެއްވެސް ހުއްޖަތެއް ދައްކައިގެން ކުރެވޭނެ ކަމެއް ނޫނެވެ. ހޮސްޕިޓަލުތަކުން ކަރަންޓާއި ފެން ކަނޑާލައި ކާބޯތަކެތި އެތެރެވިޔަ ނުދީ މަނާ ކުރުމާއި، ހޮސްޕިޓަލު ދޫކޮށް ދާ އާންމުންނާއި ބަލިމީހުންނަށް ހަމަލާ ދިނުމަކީ، އެއްވެސް ހުއްޖަތެއް ދައްކައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިއްހީ ޚިދުމަތް ދޭ ތަންތަނަކީ، ކޮންމެ ފަދަ ހާލަތެއްގައި ވިޔަސް، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކުން ލިބިދޭ އިމްތިޔާޒްތަކާއެކު ހިމާޔަތްކުރެވިގެންވާ ތަންތަނެވެ. ހަމަލާތަކުން ސަލާމަތްވުމަށް ބޭނުންކުރާ އައްޑަނައެއްގެ ގޮތުގައި އެފަދަ ތަންތަން ބޭނުންކުރެވިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި އޮކްޓޫބަރު 7 ގައި ފެށި ހަނގުރާމައިގައި އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި މިހާތަނަށް ސިއްހީ ޚިދުމަތްތެރިންގެ 192 މީހަކު ވަނީ ޝަހީދުވެފަ އެވެ. އަދި އިންސާނީ ޚިދުމަތް ފޯރުކޮށްދިނުމަށް ޣައްޒާގައި ތިބޭ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ ފޯރ ޕަލެސްޓައިން ރެފިއުޖީސް އިން ނިއާ އީސްޓް (އުންރުވާ)ގެ 101 މުވައްޒަފަކު ވެސް ވަނީ މަރުވެފަ އެވެ.
އޭގެ އިތުރުން އަލިފާން ނިއްވާ އިދާރާގެ 18 މީހަކާއި ނޫސްވެރިންގެ ތެރެއިން 44 މީހަކު ވެސް ވަނީ، އިޒްރޭލުގެ ހަމަލާތަކުގައި ދުނިޔެ ދޫކޮށްފަ އެވެ.
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލު ސިފައިން ހަމަލާ ދެމުންދަނީ، އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް، އަގްސާ ތޫފާންގެ ނަމުގައި، މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ހަމާސް ޖަމާއަތުން ފެށި ހަނގުރާމައަށް ބަދަލު ހިފުމުގެ ގޮތުން، "އެކަތައިގެ ކަނޑިތައް" ނަމުގައި ހަމަ އެ ދުވަހު އިޒްރޭލުން ފަށާފައިވާ ހަނގުރާމައިގަ އެވެ.
އިޒްރޭލުން ޣައްޒާގައި މިހާރު ކުރަމުންދާ ހަނގުރާމައިގެ 37 ވަނަ ދުވަހަށް އިރު އެރި އިރު، ފަލަސްތީނުގެ 11200 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލައި 27800 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފި އެވެ. ޝަހީދުވި މީހުންގެ ތެރޭގައި 5000 އަށް ވުރެ ގިނަ ކުޑަކުދިންނާއި 3020 އަށް ވުރެ ގިނަ އަންހެނުން ހިމެނޭ އިރު، ގެއްލިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 3000 އަށް ވުރެ މަތިވެފަ އެވެ.
އިޒްރޭލުން ޣައްޒާ އަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް ހުޅަނގު އައްސޭރީގެ ޒުވާނުން ހަރަކާތްތެރިވާން ފެށުމުން، އިޒްރޭލު ސިފައިން ހުޅަނގު އައްސޭރި އަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ފަލަސްތީނުގެ 185 އަށް ވުރެ ގިނަ މީހުން ޝަހީދުވެ އިތުރު 2500 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.
އަގްސާ ތޫފާންގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި އިޒްރޭލުން މަރުވި މީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާ އިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 7200 އަށް ވުރެ މަތިވެފަ އެވެ. މަރުވި މީހުންގެ ތެރޭގައި އިޒްރޭލު ސިފައިންގެ 348 މީހަކާއި ފުލުހުންގެ 69 މީހަކު ވެސް ހިމެނެ އެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހާލު ސީރިއަސްވެފައިވާ 210 އަށް ވުރެ ގިނަ މީހުން ހިމެނެ އެވެ. އޭގެ އިތުރުން އިޒްރޭލުގެ ތެރެއިން ހައްޔަރުކޮށްފައިވާ 242 މީހުން އަސީރުންގެ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި އެބަތިއްބެވެ.
ޔަހޫދީ ސިފައިން ކަމާލް އުދުވާން ހޮސްޕިޓަލް ހިސާރުކޮށްފި
ޣައްޒާގެ ޝިފާ ހޮސްޕިޓަލަށް ޔަހޫދީ ސިފައިން ވަދެގެންފި
މިހާރު ޣައްޒާގެ ޝިފާ ހޮސްޕިޓަލަކީ ގަބުރުސްތާނެއް
ގުދުސް ހޮސްޕިޓަލް ގޮއްވާލާނެ ކަމުގެ ބިރު ބޮޑުވަނީ
ޣައްޒާ ހަނގުރާމައިގައި މަރުވި އަދަދު 18000 އަށް
އިންޑޮނޭޝިއާ ހޮސްޕިޓަލަށް އެންމެ ފަހުގެ އިންޒާރު
އިޒްރޭލަކީ ލެޔަށް ދަތިވެތިވެފައިވާ ބައެއް: އަޒްހަރު
އިޒްރޭލުން ފަލަސްތީނުގެ 4،000 މީހުން ހައްޔަރުކޮށްފި
ގާޒާގެ މުޖާހިދުންގެ ހިތްވަރަށް ބަދަލެއް ނާދޭ: އިޒްރޭލް
ގާޒާގެ ބިންގަރާސްތަކަށް އިޒްރޭލުން ލޮނު އަޅަނީ